ޚަބަރު

އާޝޫރާ ދުވަސް: ރޯދަހިފަން އިސްކަންދޭންވީ މުހިއްމު ދުވަހެއް


މުޙައްރަމް މަހުގެ ދިހަވަނަ ދުވަހަކީ، ނުވަތަ ޢާޝޫރާ ދުވަހަކީ، ހެޔޮކަމާއި، ޒިކުރާތަކާއި، ފިލާވަޅުތަކުން ފުރިގެންވާ ދުވަހެކެވެ. ޢާޝޫރާ ދުވަހަކީ، ފިރުޢައުނުގެ ކިބައިން މޫސާގެފާނު ސަލާމަތްކުރައްވައި، ފިރުޢައުނާއި އޭނާގެ ލަޝްކަރު ޣަރަޤުކުރެއްވި ދުވަހެވެ.

ބަނީ އިސްރާއީލު ބާގައިގެ މީހުން ސިއްރިއްޔާތުގައި މިޞްރުން ނުކުތުމުން، ފިރުޢައުނު އޭނާގެ ލަޝްކަރީން އެއްކޮށް، މޫސާގެފާނާއި އެކަލޭގެފާނުގެ ޤައުމު މުޅިން ނައްތައިލުމަށް ޓަކައި ނުކުތެވެ. މޫސާގެފާނުގެ ޤައުމުގެ މީހުންނަށް ފިރުޢައުނުގެ ބިޔަ ލަޝްކަރު ފެނުމުން އެ ލަޝްކަރުން އެބައިމީހުން އަތުލަިއގަންނަނެކަމަށް ބުންޏެވެ. އެހެންނަމަވެސް އެހިނދު ވަރަށް އިތުބާރާއި ޔަޤީންކަމާ އެކު، މޫސާގެފާނު ވިދާޅުވީ "ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ތިމަންގެ ވެރި ރަސްކަލާނގެ ތިމަންނާއާއެކު (نَصْرُ ދެއްވުމުގައި) ވޮޑިގެންވެއެވެ. އެކަލާނގެ ތިމަންނާއަށް މަގުދައްކަވާނެތެވެ." ފިރުޢައުނުގެ ލަޝްކަރު ބަނީ އިސްރާއީލު ބާގައިގެ މީހުންނާ ވަރަށް ކައިރިވުމުން، މާތްﷲ މޫސާގެފާނަށް ވަޙީކުރެއްވީ އެކަލޭގެފާނުގެ އަސާކޮޅުން ކަނޑުގައި ޖެއްސެވުމަށެވެ. އެ ހިނދު މޫސާގެފާނު އެކަލޭގެފާނުގެ އަސާކޮޅުން ކަނޑުގައި ޖެއްސެވުމުން އެ ކަނޑުގެ މެދުން މަގުތަކެއް އުފެދުނެވެ.

މާތްﷲ ކަނޑު ހިއްކަވައިދެއްވުމުން ބަނީ އިސްރާއީލު ބާގައިގެ ބާރަ ޤަބީލާގެ މީހުން އެއިން ކޮންމެ ބަޔަކަށް ޚާއްޞަ ކުރެއްވިގެންވާ މަގުން ކަނޑު ހުރަސްކޮށް ސީނާއަށް ދިޔައެވެ. ފިރުޢައުނާއި އޭނާގެ ލަޝްކަރު ބަނީ އިސްރާއީލު ބާގައިގެ މީހުންގެ ފަހަތުން ދިޔައެވެ. ނަމަވެސް އެ މަގުތަކުން ފިރުޢައުނުގެ ލަޝްކަރު ދަތުރުކުރާން ފެށިތަނާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި، އެ ކަނޑު ކުރީން އޮތް ގޮތަށް މާތްﷲ ބަދަލުކުރެއްވިއެވެ.

މިހާދިސާއާ ގުޅުވައިގެން މޫސާ އަލައިހި ސަލާމްގެ ޒަމާނުގައި ކޮންމެ މުޙައްރަމް މަހެއްގެ 10 ވަނަ ދުވަހު އެކަލޭގެފާނު ރޯދަ ހިއްޕެވިއެވެ. އެކަލޭގެފާނަށްފަހު ބައެއް ޔަހޫދީން ވަނީ އެކަން ދަމަހައްޓާ، މުޙައްރަމު މަހުގެ 10 ވަނަ ދުވަހު ރޯދަ ހިފާފައެވެ.

އެކަން ކީރިތި ރަސޫލާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަޞައްލަމައަށް އެނގިވަޑައިގަތުމުން އެކަލޭގެފާނު ވަނީ ޔަހޫދީންނާއި ތަފާތު ވުމުގެ ގޮތުން އާޝޫރާ ދުވަހާއި އަދި ޖެހިގެން އެއް ދުވަހު ރޯދަ ހިފުމަށް އިރުޝާދު ދެއްވާފައެވެ. މުޙައްރަމް މަހުގެ ނުވަ ވަނަ ދުވަހުވެސް ރޯދަ ހިއްޕަވަން އެކަލޭގެފާނު ނިންމެވީ އެއީ ޔަޙޫދީންނާއި އެއްފަދަ ނުކުރުމަށެވެ. އެބައިމީހުން ރޯދަ ހިފަނީ ހަމައެކަނި މުޙައްރަމް މަހުގެ 10 ވަނަ ދުވަހުއެވެ. ދީނީ ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، މުޙައްރަމް މަހުގެ 9، 10 އަދި 11 ވަނަ ދުވަހުގައި ވެސް ރޯދަ ހިފުން، އިތުރުކަން ބޮޑުވެގެން ވެއެވެ.

"ކީރިތި ރަޞޫލާގެ ހަދީޘް ބަސްފުޅުގެ މާނައިގައި މި އޮންނަނީ ތިމަންކަލޭގެފަނު އުންމީދު ކުރައްވަމޭ އެކަމުގެ ސަބބަުން އިސްވެ ގޮސްފައިވާ އަހަރުތަކާއި ކުރިއަށް އޮތް އަހަރުގައި އިންސާނަކަށް ކުރެވިފައި ހުރި ކުދި ފާފަތަކުން ﷲ ސުބްޙާނަހު ވަތަޢާލާ އޭނާ ސަލާމަތްކޮށްދެއްވަނެކަމަށް" ޑރ. މޫސާ އަންވަރު ވިދާޅުވިއެވެ.

ޢާޝޫރާ ދުވަހު ރޯދަ ހިފުން ފިޔަވައި، އެ ދުވަހާއި އެރޭ "ޢާޝޫރާ ދުޢާ" ގެ ނަމުގައި ވަކި ދުޢާއެއް ކުރުމާއި، އެ ރެއާއި އެ ދުވަހު ވަކި އަޅުކަންތަކެއް ކުރާކަށް ދީނުގައި ޝަރުޢުކުރައްވައިފައެއް ނެތެވެ. މުޙައްރަމް މަހަކީ، މާތްﷲ ޙުރްމަތްތެރި ކުރައްވާފައިވާ މަހެކެވެ. ރަމަޟާން މަހަށްފަހު ރޯދަ ހިފުން އެންމެ އިތުރުވެގެންވާ މަހަކީ މުޙައްރަމު މަހެވެ.