ޚަބަރު

ޢުދުވާން ހުއްޓުމާ ގުޅޭ މަޝްވަރާތަކުން ޙަމާސް ވަތްކެއް ނުވޭ


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާންތައް ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން ކުރަމުންދާ މަޝްވަަރާތަކުން އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ވަކިވެފައި ނުވާ ކަން އެ ޖަމާޢަތުން ހާމަކޮށްފިއެވެ. މަޝްވަރާތައް ކުރިއަށްދާ ކަން ޙަމާސުން ހާމަކޮށްފައި ވަނީ, ޚާން ޔޫނިސްގެ އަލް-މަވާސީގައި އޮންނަ ރެފިއުޖީން ދިރިއުޅޭ ފޭލިގެ ކޭމްޕަކަށް ރަޙުމު ކުޑަ ވައިގެ ޙަމަލާތަކެއްދީ 90އަށްވުރެ ގިނަ ޢާންމުން ޝަހީދު ކޮށްލާފައިވާ ދަނޑިވަޅެއްގައެވެ.

ޙަމާސްގެ ސިޔާސީ ގޮފީގެ އިސްވެރިއެއް ކަމުގައިވާ ޢިއްޛަތް އަލް-ރަޝަޤު ވިދާޅުވީ މަޝްވަރާތައް ހުއްޓުވަން ޔަހޫދީ ފައުޖުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމުގައެވެ. ނަމަވެސް, މިޞްރާއި ޤަޠަރު ގުޅިގެން އެމެރިކާގެ އެހީތެރިކަމާ އެކު ވިލަރެސް ކުރަމުންދާ މަޝްވަރާތައް ކުރިއަށް ގެންދަން ޙަމާސުން މަސައްކަތް ކުރަމުންދާ ކަމުގައެވެ.

މަޝްވަރާތަކުގައި ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށާއި, އެއްބަސްވުމެއް އެކުލަވައިލެވޭނެ ކަމުގެ އުންމީދު އައުވެފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ވެސް ފާހަގަ ކުރެއެވެ. ނަމަވެސް, ނަން ހާމަ ކޮށްފައި ނުވާ މިޞްރުގެ ދެ އޮފިޝަލަކު ބުނެފައި ވަނީ, ތިން ދުވަހުގެ މަސައްކަތަށް ފަހު މަޝްވަރާތައް މެދުކެނޑިފައިވާ ކަމުގައެވެ.

ޖުލައި 13ވަނަ ދުވަހު މަވާސީއަށް ޔަހޫދީ ފައުޖުން ދީފައިވާ ރަޙުމު ކުޑަ ޙަމަލާތަކުގައި ޙަމާސްގެ ޚާން ޔޫނިސް ބްރިގޭޑްގެ އިސް ކޮމާންޑަރު ރަފާ ސަލާމާ ޝަހީދު ކޮށްލާފައިވާ ކަމުގައި ޔަހޫދީން ބުންޏެވެ. އެ ޙަމަލާތަކުގައި ސަލާމާގެ އިތުރުން ޙަމާސްގެ އިސް ކޮމާންޑަރެއް ކަމުގައިވާ މުޙައްމަދު ޟަޔިފް ޝަހީދު ކޮށްލަން މަސައްކަތް ކޮށްފައިވާނެ ކަމުގައި ވެސް ޔަހޫދީން ބުންޏެވެ. ނަމަވެސް, ޟަޔިފް ޝަހީދު ކޮށްލެވިފައި ނުވާ ކަން ޙަމާސުން ކަށަވަރު ކޮށްދެއްވައެވެ.

ޟަޔިފާއި ސަލާމާއަށް އަމާޒުކޮށް ކަމަށް ބުނެ މަވާސީއަށް ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. އަދި, އެ ޙަމަލާތަކުގައި އިތުރު 300އަށްވުރެ ގިނަ މީޙުން ޒަޚަމު ކޮށްލިއެވެ. އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކަށް އަލް-ނާޞިރު ހަސްފަތާލުގައި ފަރުވާ ދޭން މަސައްކަތް ކުރަމުންދާ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ.

މަވާސީއަށް ޙަމަލާ ދިނުމަށް ފަހު ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އެންމެ ދުވަސްވީ އެއް ރެފިއުޖީ ކޭމްޕު ކަމުގައިވާ އަލް-ނުޞަޔިރާތުގައި ހުންނަ އދއިން ހިންގާ މަދަރުސާއަކަށް ވެސް ބޮން އަޅާފައެވެ. އެ ޙަމަލާގައި 17 މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. އެ ޙަމަލާތަކުގައި 80އަށްވުރެ ގިނަ މީހުން ޒަޚަމު ކޮށްލާފައިވާއިރު އޭގެ ތެރޭގައި ގިނައީ ރެފިއުޖީންނެވެ.

ޖުލައި 14ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އުތުރުގައި އޮންނަ ޣައްޒާ ސިޓީއަށް ވެސް ރަޙުމު ކުޑަ ޙަމަލާތަކެއް ދީފައެވެ. އެ ރަށުގެ ޢާންމުން ދިރިއުޅޭ ހަތަރު ގެއަކަށް ދިން ޙަމަލާތަކުގައި 16 މީހުން ޝަހީދުކޮށްލައި, ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލިއެވެ. ދާދި ފަހުން ޔަހޫދީ ފައުޖުން ވަނީ އެއްގަމު މަގުން ޣައްޒާ ސިޓީއަށް އަރައި ނުރައްކާތެރި ގަތުލުއާންމުތަކެއް ވެސް ހިންގާފައެވެ. އަދި, އެ ރަށް ސުންނާފަތި ކޮށްލާފައެވެ.

މީގެ ނުވަ މަސް ކުރިން ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 38,443އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 88,481އަށް އުފުލިފައެވެ. އދން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.