ކުޅިވަރު

ވިމްބަލްޑަން: ޖޮކޮވިޗް ބަލިކޮށް، އަލްކަރާޒް ތަށި ދިފާއުކޮށްފި


ވިމްބަލްޑަން ޓެނިސް މުބާރާތުގެ ފައިނަލްގައި ސާބިއާގެ ނޮވަކް ޖޮކޮވިޗް ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން، ސްޕެއިނުގެ ކާލޯސް އަލްކަރާޒް ތަށި ދިފާއުކޮށްފިއެވެ.

މިއީ މި މުބާރާތުގެ ތަށި އަލްކަރާޒް ކާމިޔާބުކުރި ދެވަނަ ފަހަރެވެ. އަދި މިއީ އޭނާގެ ކެރިއަރުގެ ހަތަރުވަނަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތެވެ. މިހާތަނަށް އެންމެ ގިނަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކާމިޔާބުކުރުމުގެ ރެކޯޑް އޮތް ފިރިހެން ކުޅުންތެރިއަކީ ޖޮކޮވިޗް އެވެ. އޭނާ ވަނީ 24 ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކާމިޔާބުކޮށްފައެވެ.

ވިމްބަލްޑަންގެ ސެންޓަ ކޯޓުގައި އިއްޔެ ކުޅުނު މި މެޗުން އަލްކަރާޒް މޮޅުވީ ސީދާ ތިން ސެޓުންނެވެ. ގާތްގަނޑަކަށް 2 ގަޑިއިރާއި 27 މިނެޓަށް ދިގުދެމިގެންދިޔަ މި މެޗުގެ ފުރަތަމަ ދެ ސެޓު އަލްކަރާޒް ގެންދިޔައީ، 6-2، 6-2 އިންނެވެ.

އެއަށްފަހު މެޗުގެ ތިންވަނަ ސެޓު ޓައިބްރޭކެއްގައި އަލްކަރާޒް ކާމިޔާބުކުރީ 7-6 (7-4) އިންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޖޮކޮވިޗް ބުނީ، މެޗުގައި ހުރިހާ ކަމެއްވެސް ދިޔައީ އަލްކަރާޒް ބޭނުންވާ ގޮތަށް ކަމަށެވެ.

އަލްކަރާޒް ވަނީ، ވިމްބަލްޑަން ޓެނިސް މުބާރާތް ކާމިޔާބުކުރުމަކީ ވަރަށް ކުރިއްސުރެ އޭނާ ދެކެމުން އަންނަ ހުވަފެނެއް ކަމަށާއި، މީގެކުރީން އޭނާގެ އުމުރުން 11 އަހަރުގައި ދިން އިންޓަވިއުއެއްގައިވެސް އެ ވާހަކަ ދައްކާފައިވާނެ ކަމަށް ބުނެފައެވެ.

އަލްކަރާޒް، 21، ވަނީ މިހާތަނަށް އޭނާ ވާދަކުރި ގްރޭންޑް ސްލޭމް ހުރިހާ ފައިނަލަކުން މޮޅުވެފައެވެ. މިދިޔަ އަހަރުގެ ވިމްބަލްޑަން ފައިނަލް ކާމިޔާބުކުރީ ފަސް ސެޓު ކުޅެގެން ޖޮކޮވިޗް ބަލިކޮށްގެންނެވެ. މީގެއިތުރުން، މި މެޗުން ހޯދީ މޮޅާއެކު އަލްކަރާޒް ވަނީ އެއްއަހަރުގެ ތެރޭގައި ވިމްބަލްޑަން އާއި ފްރެންޗް އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކުރި އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.