ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިން އިތުރުކުރުމަށް މަސައްކަތް ކުރަންޖެހޭކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޢު ވިދާޅުވެއްޖެއެވެ.
ވިލާ ކޮލެޖްގެ ޑިސްކަވަރ ހޮސްޕިޓަލިޓީ ކޯހުގެ ފަސްވަނަ ބުރުގެ ދަސްވެނިވުމުގެ ހަފްލާގައި ވާހަކަދައްކަވަމުން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޢު ވިދާޅުވީ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގެ އާބާދީގެ ނިސްބަތުން އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ފުރުސަތުތައް އޮތް މިންވަރުން އަދިވެސް ދިވެހީން މިދާއިރާގައި ހަރަކާތްތެރިވާ ޢަދަދު މަދުކަމަށެވެ. އެހެންކަމުން އެކަން އެގޮތަށް މެދުވެރިވާ ސަބަބުތައް ދެނެގަނެ އެކަމަށް ހައްލު ގެނައުމަށް ސަރުކާރާއި ފަތުރުވެރިކަމުގެ ސިނާޢަތުގެ އެކި ފަރާތްތައް ގުޅިގެން މަސައްކަތް ކުރަންޖެހޭކަން ޝަފީޢު ފާހަގަކުރެއްވިއެވެ.
"ބޯހިމެނުމުގެ ތަފާސްހިސާބުތައް ދައްކާގޮތުން ފަތުރުވެރިކަމުގެ ސިނާޢަތުގައި 60000 އެއްހާ ވަޒީފާ އެބައޮތް. އެހެންނަމަވެސް މިވަޒީފާތަކުގައި ދިވެހީންގެ ހިއްސާއަކީ 21000. މީގެތެރެއިން އަންހެނުންގެ
ނިސްބަތަކީ ހަމައެކަނި 1400." ޝަފީޢު ވިދާޅުވިއެވެ.
ވިލާ ކޮލްޖެގައި ދަސްވެނިވި ދަރިވަރުންނާ މުޚާޠަބުކުރައްވާ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޢުވަނީ މިއީ ކުރިއެރުން އޮތް ދާއިރާއެއްކަމަށް ވިދާޅުވެފައެވެ. އަދި މިރޮނގު ޚިޔާރުކުރީތީ ދަރިވަރުންނަށް ޝުކުރު އަދާކޮށް ހޯދި ކާމިޔާބީއަށް މަރުހަބާ ވިދާޅުވިއެވެ. އަދި އެއްވެސް ހިސާބެއްގައި ތަޢުލީމާއި ތަމްރީން ހޯދުމަށް ލިބޭ ފުރުސަތު ދޫކޮށް ނުލުމަށްވަނީ ނަސޭޙަތްތެރިވެފައެވެ.
ފަތުރުވެރިކަމުގެ ސިނާއަތަކީ މީހުންނަށް ޚިދުމަތްކުރުމައި ބޮޑު ދައުރެއް އޮތް ދާއިރާއެއްކަން ފާހަގަކުރައްވާ ކޮންމެ ކުއްޖަކީވެސް އަނެކަށް އޯގާތެރިވެ މަސައްކަތު މާހައުލުގައި މީހުންނާ ގުޅޭ މީހަކަށްވުމަށް އިރުޝާދުދެއްވިއެވެ. އަދި އެކުދިންނަށް ނުކުންނަ މިދާއިރާއަކީ ރާއްޖޭގެ ތަރައްޤީއަށް ފައިސާ ހޯދުމުގައި އެންމެ މުހިންމު ދާއިރާކަން ޝަފީޢުވަނީ ފާހަގަކުރައްވާފައެވެ.
ވިލާ ކޮލެޖުންދަނީ ރާއްޖޭގެ އެކި ދާއިރާތަކަށް ބޭނުންވާ ޒުވާނުން ތަމްރީނުކޮށް، މަތީ ތަޢުލީމުގެ ޚިދުމަތް ފުޅާދާއިރާއެއްގައި ދެމުންނެވެ.