ޚަބަރު

އިމްރާން ޚާންގެ ކައިވެނި ސައްޙަ ނޫން ކަމަށް ކުރި ހުކުމް ބާޠިލުކޮށްފި


ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ތިންވަނަ ކައިވެނި ސައްޙަ ނޫން ކަމަށް ކަނޑައަޅައި އެ ޤައުމުގެ ކޯޓަކުން ކޮށްފައިވާ ހުކުމް އިސްތިއުފާނު ކޯޓަކުން ބާޠިލު ކޮށްފިއެވެ. އިމްރާން ޚާނާއި ބުޝްރާ ޚާން ކައިވެނި ބައްލަވައިގަނެފައި ވަނީ ބުޝްރާ ކުރިން ކުރެއްވި ކައިވެންޏެއްގެ އިއްދައިގައި އިންނަވަނިކޮށް ކަމަށް ކަނޑައަޅައި ޕާކިސްތާނުގެ ކޯޓަކުން ހުކުމް ކޮށްފައި ވަނީ ފެބުރުވަރީ މަހުއެވެ. އެ ކުށުގެ އަދަބެއްގެ ގޮތުން ދެ ބޭފުޅުންނަށް ވެސް ހަތް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ.

ޕާކިސްތާނުގެ އިސްތިއުފާނު ކޯޓަކުން އެ ހުކުމް ބާޠިލު ކޮށްފައި ވަނީ, ޤާނޫނު ހަދާ މަޖިލީހުގައި ސިޔާސީ ޕާޓީތަކަށް ޚާއްޞަ ކޮށްފައިވާ 70 ގޮނޑިއަށް ވާދަ ކުރުމުގެ ފުރުޞަތު އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކް އިންސާފް (ޕީޓީއައި) ޕާޓީއަށް ދިނުމަށް އެ ޤައުމުގެ ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެ ނިންމުމާ އެކު, މަޖިލީހުގައި ޕީޓީއައި ތަމްސީލު ކުރައްވާ މެންބަރުންގެ ޢަދަދު 100އަށް އިތުރުވެގެން ދާނެ ކަމަށް ބެލެވެއެވެ.

އިސްތިއުނާފީ ކޯޓުގެ ހުކުމުގައި އޮތީ, ޚާނާއި ބުޝްރާގެ ކައިވެނި ސައްޙަ ނޫން ކަމަށް, ޝަރީޢަތުގައި ވަކާލާތު ކުރެއްވި ޕްރޮސިކިޔުޓަރުންނަށް ސާބިތު ކޮށްދެވިފައި ނުވާ ކަމުގައެވެ. އަދި, ޚާން މިނިވަން ކުރުމަށް އަމުރުކޮށް, ހައްޔަރުކޮށްފައި އިތުރަށް ބެހެއްޓޭނީ އެހެން މައްސަލައެއްގެ ތުހުމަތުގައި ކަމަށް ވެސް ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.

ކައިވެނީގެ ސައްޙަ ކަމާ މެދު ސުވާލު އުފައްދައި, ޚާންގެ މައްޗަށް އިއްވާފައިވާ އޮތް ހުކުމް އިސްތިއުނާފީ ކޯޓުން ބާޠިލު ކުރި ނަމަވެސް, ޖަލުގައި ހުންނެވި ޚާން މިނިވަން ކޮށްފައެއް ނުވެއެވެ. ސަބަބަކީ, އިސްތިއުނާފީ ކޯޓުގެ ހުކުމް އިއްވުމާ އެކު ޕާކިސްތާނުގެ އިދާރާތަކުން އޭނާ ހައްޔަރު ކުރުމުގެ އައު އަމުރެއް ނެރުމެވެ.

ޕީޓީއައިން ބުނީ, ޚާން ހައްޔަރު ކުރުމުގެ އައު އަމުރު ނެރެފައި ވަނީ 2023ވަނަ އަހަރުގެ މޭ މަހު އެ ޤައުމުގެ ސިފައިންނާ ދެކޮޅަށް ހަމަނުޖެހުން ހިންގައި, ދަޢުލަތުގެ މުދަލަށް އަމާޒުކޮށް ދީފައިވާ ޙަމަލާތަކަކާ ގުޅުވައިގެން ކަމުގައެވެ. އެ ހާދިސާތައް ހިންގާފައި ވަނީ ޚާން ހައްޔަރު ކުރުމާ ގުޅިގެން އެ ކަމާ މެދު ނުރުހުން ފާޅު ކުރުމަށް ބޭއްވި އެއްވުންތަކުގެ ތެރެއިންނެވެ. ހަމަނުޖެހުމުގެ ތިން މައްސަލަައަކާ ގުޅުވައި ޚާން ހައްޔަރު ކުރުމުގެ އަމުރު ނެރެފައިވާ ކަމުގައި ޕީޓީއައިން ބުންޏެވެ.

މޭ 9ވަނަ ދުވަހު ބޭއްވި އެ ފަދަ މައްސަލައެއްގެ އަޑުއެހުމުގައި ކޯޓުން ވަނީ ކަފާލާތުގެ ދަށުން ޚާން މިނިވަން ކުރަން ދެކޮޅު ހަދާފައެވެ. ޕީޓީއައިން ތުހުމަތު ކުރާ ގޮތުގައި އެއީ, ޚާން ހައްޔަރުކޮށްފައި ބެހެއްޓުމަށް ސަރުކާރުން ނުފޫޒު ފޯރުވައިގެން ނިންމާފައިވާ ނިންމުމެކެވެ. ޚާންގެ އަނބިކަނބަލުން ބުޝްރާއާ ދެކޮޅަށް އުފުލާފައިވާ ކޮރަޕްޝަންގެ މައްސަލައެއްގެ ޝަރިޢަތް ވެސް މިހާރު ދަނީ ހިނގަމުންނެވެ. ނަމަވެސް, ކަފާލާތުގެ ދަށުން އޭނާ ވަނީ ދޫކޮށްލާފައެވެ.

ކައިވެނީގެ ސައްޙަ ކަމާ މެދު ސުވާލު އުފައްދައި ޚާނާ ދެކޮޅަށް އިއްވާފައިވާ ހުކުމް ބާޠިލު ކުރުމާ އެކު, ފެބުރުވަރީގައި ބޭއްވި ޢާންމު އިންތިޚާބުގެ ކުރިން އޭނާގެ މައްޗަށް ސާބިތު ކޮށްފައިވާ ހަތަރު މައްސަލައިގެ ހުކުމްތައް މަތީ ކޯޓުތަކުން ވަނީ ބާޠިލު ކޮށްފައެވެ. ހުސްވި އަހަރުގެ އޮގަސްޓު މަހު ހައްޔަރަށް ގެންދިޔަ ޚާން މައްޗަށް އުފުލާފައިވާ ދަޢުލަތުގެ ސިއްރުތައް ހާމަ ކުރުމުގެ ކުށުގެ ދަޢުވާ ވެސް ހުސްވި މަހު ވަނީ ބާޠިލު ކޮށްފައެވެ. އަދި, ކޮރަޕްޝަނާ ގުޅޭ ދެ މައްސަލައެއްގެ ހުކުމް ވެސް އޭގެ ކުރިން ބާޠިލު ކޮށްފައިވެއެވެ.

ޕީޓީއައިން ބުނީ, ޚާން މިނިވަން ކުރަން ސަރުކާރުން ދެކޮޅު ހަދަމުންދާ ނަމަ, ޕާކިސްތާނުގެ ސިޔާސީ މަސްރަޙު ހޫނުވެގެންދާނެ ކަމުގައެވެ. 2022ވަނަ އަަހަރު އިތުބާރު ނެތް ކަމުގެ މައްސަލައެއް ފާސްކޮށް ބޮޑުވަޒީރު ކަމުގެ މަޤާމުން ޚާން ދުރުކުރި ފަހުން, 240 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ޕާކިސްތާނަށް ވަނީ ސިޔާސީ ނުތަނަވަސް ކަން ކުރިމަތިވެފައެވެ.

ޚާން ތުހުމަތު ކުރައްވާ ގޮތުގައި އޭނާއާ ދެކޮޅަށް ފާސް ކޮށްފައިވާ އިތުބާރު ނެތް ކަމުގެ ވޯޓުގެ ފަހަތުގައި ތިއްބެވީ އެ ޤައުމުގެ ނުފޫޒު ގަދަ އަސްކަރިއްޔާގެ އިސް ޖެނެރަލުންނެވެ. ނަމަވެސް, އަސްކަރިއްޔާއިން އެ ތުހުމަތުތައް ދޮގު ކުރެއެވެ. 1947ވަނަ އަހަރު ޕާކިސްތާނަށް މިނިވަން ކަން ލިބުނު ފަހުން, އެއްވެސް ބޮޑުވަޒީރަކަށް ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެވިފައެއް ނުވެއެވެ.