ޚަބަރު

ޔަހޫދީންގެ ނިޔަތް ގޯސްވެ ޣައްޒާ ޢުދުވާން ހުއްޓުވުމުގެ މަޝްވަރާތަކަށް ހުރަސް އެޅިއްޖެ


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓުމަކަށް ގެނައުމާ މެދު ކުރަމުން ދިޔަ މަޝްވަރާތައް މެދުކަނޑައިލައިފިއެވެ. ސުލްޙައިގެ މަގުޗާޓު ކުރިއަރުވަން ކުރަމުން ދިޔަ މަޝްވަރާތައް ތިން ދުވަހަށް ފަހު މެދުކަނޑައިލަން މަޖުބޫރުވީ ޔަހޫދީން މަޝްވަރާތަކަށް ހުރަސް އަޅާތީއެވެ. މަޝްވަރާތައް މެދުކަނޑައިލާފައިވާ ކަން މިޞްރުން ވަނީ ކަށަވަރު ކޮށްދީފައެވެ.

ނަން ހާމަ ކޮށްފައި ނުވާ މިޞްރުގެ ރަސްމީ މަސްދަރުތަކުން ބުނީ މަޝްވަރާތައް މެދުކަނޑައިލަން މަޖުބޫރުވީ ޔަހޫދީންގެ ނިޔަތް ގޯސްވުމުގެ ސަބަބުން ކަމުގައެވެ. ޢުދުވާންތައް ހުއްޓުމަކަށް ގެނެސް, ސުލްޙަ ގާއިމު ކުރަން ޔަހޫދީން ބޭނުން ނުވާތީ ކަމުގައެވެ. އަދި, މަޝްވަރާތަކުގައި ޔަހޫދީން ތަމްސީލު ކުރަމުން ދިޔަ ނެގޯޝިއޭޓަރުންގެ މެދުގައި ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް އޮތް މަންޒަރު ފެނިގެން ގޮސްފައިވާ ކަމުގައި ވެސް މިޞްރުގެ މަސްދަރުތަކުން ބުންޏެވެ.

އެ ގޮތުން, އެއްބަސްވުމުގެ ލިޔެކިޔުމުގައި އޮތް ކަންކަމަށް ރުހޭ ކަމަށް ބުނުމަށް ފަހު, ދެން އޮންނަ ބައްދަލުވުމެއްގައި ޔަހޫދީން އެ ކަމާ ދެކޮޅު ހަދާ ކަމަށާއި, އެ ކަމަކަށް އުނިއިތުރު ގެނައުމަށް އައު ހުށަހެޅުންތަކެއް ހުށަހަޅާ ކަމުގައި ވެސް މިޞްރުގެ މަސްދަރުތަކުން ބުންޏެވެ. އަދި, އެއްބަސްވުމުގައި އޮންނަ އެންމެ މާއްދާއަކާ މަޝްވަރާކޮށް ގޮތެއް ނިންމަން ޔަހޫދީ ނެގޯޝިއޭޓަރުން ގިނަ ވަގުތުތަކެއް ބޭކާރު ކޮށްލާ ކަމުގައި ވެސް މިޞްރުގެ މަސްދަރުތަކުން ތުހުމަތު ކުރިއެވެ. އެއިން ދޭހަ ކޮށްދެނީ, މަޝްވަރާތަކާ މެދު ޔަހޫދީންގެ ކިބައިގައި އެއްވެސް ސީރިޔަސް ނިޔަތެއް ނެތް ކަން ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ވެސް ގަބޫލު ކުރެއެވެ.

ޣައްޒާ ޢުދުވާން ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން މިހާރު މަޝްވަރާ ކުރަމުން ދަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަން މޭ 31ވަނަ ދުވަހު އިޢުލާނު ކުރައްވާފައިވާ ސުލްޙައިގެ މަގުޗާޓަކަށެވެ. އެ ހުށަހެޅުން އިޢުލާނު ކުރައްވަމުން ބައިޑަން ވަނީ, އޭގައިވާ ކަންކަމަށް ޔަހޫދީން އެއްބަސްވެފައިވާ ކަން ހާމަ ކުރައްވާފައެވެ. ނަމަވެސް, ފަހުން ފެނިގެން ދިޔައީ ތަފާތު މަންޒަރެކެވެ. މަޝްވަރާތަކަށް ހުރަސްއަޅައި, ޢުދުވާން ހުއްޓުމަކަށް ގެންނަން ޔަހޫދީން ތަފާތު ބަހާނަތައް ދައްކަމުން ދިޔަ މަންޒަރެވެ.

އޭގެ އިތުރުން, ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތް ރުޅިއަރުވައިލައި, މަޝްވަރާތަކާ ދުރު ކުރުވަން ވެސް ޔަހޫދީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން, ޣައްޒާ ޢުދުވާން އިތުރަށް ފުޅާ ކުރުމުގެ ގޮތުން ޔަހޫދީ ފައުޖުން ވަނީ ބަރުހަތިޔާރާއި އަސްކަރީ ޓޭންކުފަހަރާ އެކު ޣައްޒާ ސިޓީއަށް އެއްގަމު މަގުން އަރާފައެވެ. އަދި, އެ ރަށުގެ ޢާންމުން ދިރިއުޅޭ ގެދޮރާއި, ރެފިއުޖީން ދިރިއުޅޭ ފޭލިގެތަކުގެ އިތުރުން ހަސްފަތާލުތަކާއި, މަދަރުސާތަކާއި މިސްކިތްތަކަށް ދެމުން ދިޔަ ޙަމަލާތައް އިތުރަށް ވަރުގަދަ ކޮށްފައެވެ.

ޣައްޒާގެ ދެކުނުގައި އޮތް ސަރަޙައްދުތަކަށް ދެމުންދާ ޙަމަލާތައް ވެސް ޔަހޫދީ ފައުޖުން ވަނީ އިތުރު ކޮށްފައެވެ. އެ ގޮތުން, ޣައްޒާގެ ޚާން ޔޫނިސާ އިންވެގެން އޮންނަ އަލް-މަވާސީގައި ގިނަ ޢަދަދެއްގެ ރެފިއުޖީން ދިރިއުޅެމުން ދިޔަ ފޭލިގެތަކެއް ހުންނަ ސަރަޙައްދަކަށް ރަޙުމު ކުޑަ ވައިގެ ޙަމަލާތަކެއްދީ, ޔަހޫދީ ފައުޖުން ވަނީ 91 މީހުން ޝަހީދު ކޮށްލާފައެވެ. އަދި, އިތުރު 300އަށްވުރެ ގިނަ މީހުން ޒަޚަމު ކޮށްލާފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ.

މީގެ ނުވަ މަސް ކުރިން ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 38,443އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 88,481އަށް އުފުލިފައެވެ. އދން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.