އިންޑިއާގައި މިހާރު ކުރިއަށް އައިއެޗްއެފް ޓްރޮފީ 2024 ގައި 20 އަހަރުންދަށުގެ ތިންވަނަ މަގާމާއެކު ރާއްޖޭގެ ޒުވާން ހޭންޑްބޯޅަ ޓީމަށް ތާރީޚީ ލޯ މެޑަލް ލިބިއްޖެއެވެ.
މިއީ ރާއްޖޭގެ ހޭންޑްބޯޅަ ތާރީހުގައި ޒުވާން ޓީމެއް ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ. ރާއްޖެއިން ލޯ މެޑަލް ހޯދީ މުބާރާތުގެ ތިންވަނަ ހޮވަން ކުޅުނު މެޗުގައި ނޭޕާލާއި ވާދަކށް 23-33 އިން މެޗު ކާމިޔާބުކޮށްގެންނެވެ.
ލީގު ބުރުގައި ވެސް ރާއްޖެއާއި ނޭޕާލް ވާދަކުރިއެވެ. އެފަހަރު ވާދަވެރި ކުޅުމަކަށްފަހު ރާއްޖެއިން މެޗު ކާމިޔާބުކުރީ 31-29 އިންނެވެ. ތިންވަނަ ހޮވާ މެޗުން ބަލިވުމާއެކު މުބާރާތުގެ ހަތަރުވަނަ ލިބުނީ ނޭޕާލަށެވެ.
ރާއްޖެ ވަނީ ފުރަތަމަ މެޗުގައި ނޭޕާލް ބަލިކުރި ނަމަވެސް ދެވަނަ މެޗުގައި އިންޑިއާ އަތުން 28-51 ނަތީޖާއަކުން ބަލިވެފައެވެ. އަދި ލީގު ބުރުގެ ފަހު މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 30-38 އިން ބަންގްލަދޭޝް އަތުން ބަލިވެފައެވެ.
ސަރަހައްދީ އަށް ގައުމު ވާދަކުރި މި މުބާރާތުގައި ރާއްޖޭގެ 20 އަހަރުން ދަށުގެ ގައުމީ ފިރިހެން ޓީމާއި, 18 އަހަރުން ދަށުގެ ގައުމީ ފިރިހެން ޓީމު ވަނީ ވާދަކޮށްފައެވެ. ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއެކު އެއްމެޗު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ފައިނަލުގައި ކުޅޭ ގޮތަށް ރޭވިފައިވާ މި މުބާރާތުގެ 20 އަހަރުންދަށުގެ ފައިނަލުގައި ބައްދަލުކުރާނީ އިންޑިއާ އާއި ބަންގްލަދޭޝް އެވެ.