ޚަބަރު

އަލް-މަވާސީގެ ފޭލިގެތަކަށް ބޮންއަޅައި 91 މުސްލިމުން ޝަހީދު ކޮށްލައިފި


ފަލަސްޠީނުގެ ޣައްޒާގެ އަލް-މާވާސީގައި ރެފިއުޖީން ދިރިއުޅެމުންދާ ފޭލިގެތަކަށް ޔަހޫދީ ފައުޖުން ދިން ރަޙުމު ކުޑަ ޙަމަލާތަކެއްގައި 91އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފިއެވެ. އޭގެ ތެރޭގައި ގިނަައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. މަވާސީގައި ފޭލިގެތައް ޖަހާފައިވާ ސަރަޙައްދަށް ޔަހޫދީ ފައުޖުން ވައިގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ, ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ އިސް ކޮމާންޑަރެއް ކަމުގައިވާ މުޙައްމަދު ޟަޔިފް އަވަހާރަ ކޮށްލުމުގެ ނަމުގައެވެ.

މަވާސީއަށް ދިން ޓެރެރިސްޓު ޙަމަލާތަކުގައި ޟަޔިފް ޝަހީދުވެފައިވާ ކަން ކަށަވަރު ކުރެވިފައި ނުވާ ކަމުގައި ޔަހޫދީންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވާއިރު, ޙަމާސުން ވަނީ ޟަޔިފް ޝަހީދު ކޮށްލެވިފައި ނުވާ ކަން ހާމަ ކޮށްފައެވެ. އަދި, ޟަޔިފް ޝަހީދު ކޮށްލުމަށް ކަމަށް ބުނެ ޔަހޫދީ ފައުޖުން މަވާސީގައި ތިބި ރެފިއުޖީންނަށް ޙަމަލާ ދީފައި ވަނީ ފަލަސްޠީނުގެ މުސްލިމުން ޝަހީދު ކުރުމުގެ ނިޔަތުގައި ކަމަށް ވެސް އެ ޖަމާޢަތުން ބުންޏެވެ. މިއީ, ފާއިތުވި ހަފުތާތަކުގެ ތެރޭގައި ޔަހޫދީ ފައުޖުން ޣައްޒާއަށް ދީފައިވާ އެންމެ ނުރައްކާތެރި ޙަމަލާތަކެވެ.

މަވާސީގެ މަންޒަރުތައް ސިފަކޮށްދެމުން އެ ސަރަޙައްދުގައި ދިރިއުޅޭ ރެފިއުޖީއެއް ކަމުގައިވާ ޝައިޚް ޔޫސުފް ބުނީ, މުޅި ސަރަޙައްދުގައި އޮތީ ޝަހީދު ކޮށްލާފައިވާ މީހުންގެ ހަށިތަކާއި, ހަށިގަނޑުގެ ބައިތައް ކަމުގައެވެ. އަދި, ފޭލިގެ ޖަހާފައިވާ ބޮޑު ސަރަޙައްދެއް ސުންނާފަތި ކޮށްލާފައިވާ ކަމުގައި އޭނާ ބުންޏެވެ. "ފޭލިގޭން ނިކުމެ ބޭރު ބަލައިލުމުން ފެނުނީ, ގިނަ ޢަދަދެއްގެ ފޭލިގެތަކަށް ގެންލުން ލިބިފައިވާ މަންޒަރު. ބިންމަތިން ފެނުނީ ޝަހީދު ކޮށްލާފައިވާ އުމުރުން ދުވަސްވީ އަންހެނުންނާއި ކުޑަކުދިން. ކުޑަކުދިންގެ ހަށިގަނޑުގެ ބައިތައް،" އޭނާ ބުންޏެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވަނީ ޔަހޫދީ ފައުޖުން މަވާސީއަށް ދީފައިވާ ރަޙުމު ކުޑަ ޙަމަލާތައް ކުށްވެރި ކުރައްވާފައެވެ. އެ ޙަމަލާތަކުގެ ޚަބަރު އެެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެ, ގުތެރޭޝް ވަނީ ޔަހޫދީ ފައުޖުން ޝަހީދު ކުރަމުންދާ ފަލަސްޠީނުގެ ޢާންމު ރައްޔިތުންގެ ޢަދަދާ މެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އަދި, ޣައްޒާގައި ރައްކާތެރި އެއްވެސް ތަނެއް ނެތް ކަމުގައި އޭނާގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ޟަޔިފް ޝަހީދު ކޮށްލުމުގެ އިތުރުން މަވާސީއަށް ދިން ޙަމަލާތަކުގެ މަޤުޞަދަކީ ޙަމާސްގެ ޚާން ޔޫނިސް ބްރިގޭޑްސްގެ ކޮމާންޑަރު ރަފާ ސަލާމީ ޝަހީދު ކޮށްލުން ކަމުގައި ޔަހޫދީ ފައުޖުން ބުންޏެވެ. ޔަހޫދީންގެ އަޅުވެތިކަމާ ދެކޮޅަށް ޙަމާސުން ތެދުވެ, 2023 އޮކްޓޫބަރު 7ގައި ދިން ޙަމަލާތަކުގައި އެ ދެ ބޭފުޅުން އިސް ދައުރެއް އަދާ ކޮށްފައިވާ ކަމަށް ޔަހޫދީން ތުހުމަތު ކުރެއެވެ.

މިއީ, ޔަހޫދީ ފައުޖުން ޟަޔިފް ޝަހީދު ކޮށްލަން މަސައްކަތް ކޮށްފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. އޭނާ ޝަހީދު ކޮށްލަން މީގެ ކުރިން ޔަހޫދީ ފައުޖުން ހަތް ފަހަރެއްގެ މަތިން މަސައްކަތް ކޮށްފައިވާއިރު, އެންމެ ފަހުން ޙަމަލާއެއް ދީފައި ވަނީ 2021ވަނަ އަހަރުއެވެ. އޭނާއަކީ, ޔަހޫދީން ޝަހީދު ކޮށްލަން ބޭނުންވާ މުސްލިމުންގެ ލިސްޓުގެ އެންމެ ކުރީގައި އޮތް އެއް ނަމެވެ.

ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ, މަވާސީއަށް ދީފައިވާ ރަޙުމު ކުޑަ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 91އަށް އުފުލިފައިވީ ނަމަވެސް, އެ ޢަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމުގައެވެ. އެ ޙަމަލާތަކުގައި އިތުރު 300އަށްވުރެ ގިނަ މީހުން ޒަޚަމު ކޮށްލާފައިވާ ކަމަށާއި, އޭގެ ތެރެއިން ގިނަ ބަޔެއްގެ ހާލު ސީރިޔަސް ކަން ވެސް އެ ވުޒާރާއިން ހާމަކުރިއެވެ. މަވާސީއަކީ އިންސާނިއްޔަތަށް ޓަކައި ރައްކާތެރި ކޮށްފައިވާ ކަމަށް ޔަހޫދީ ފައުޖުން ބުނެފައިވާ ސަރަޙައްދެކެވެ.

އދގެ އިތުރުން ވިލާތުގެ އިއްތިހާދުން ވެސް ވަނީ އަނިޔާވެރި ނަތަންޔާހޫގެ އަމުރަށް ޔަހޫދީ ފައުޖުން މަވާސީއަށް ދީފައިވާ ޓެރެރިސްޓު ޙަމަލާ ކުށްވެރި ކޮށްފައެވެ. ވިލާތުގެ އިއްތިހާދު (އީޔޫ)ގެ ޚާރިޖީ ސިޔާސަތާ ބެހޭ މުޝީރު ޖޮސެޕް ބޮރެއި ފޮންތޭޔެސް ވަނީ, މަވާސީއަށް ދިން ޙަމަލާތަކުގެ މިނިވަން ތަޙުޤީޤެއް ހިންގުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވައިލައްވާފައެވެ. އަދި, މިއީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާތަކެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވިއެވެ.

މަވާސީއަށް ދީފައިވާ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކަށް ފަރުވާ ދިނުމަށް ގެންގޮސްފައި ވަނީ އެ ސަރަޙައްދުގައި ހުންނަ އަލް-ނާޞިރު ހަސްފަތާލަށެވެ. ނަމަވެސް, ޔަހޫދީ ފައުޖުގެ ޙަމަލާތަކާ ގުޅިގެން އެ ހަސްފަތާލަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި, ޣައްޒާއަށް ބޭސްފަރުވާގެ ސާމާނު އެތެރެ ކުރަން ހުރަސް އެޅުމާ ގުޅިގެން, ޞިއްޙީ ފަރުވާ ދިނުމަށް ބޭނުންވާ ބޭހާއި ގިނަ ސާމާނު އެ ހަސްފަތާލުން ވަނީ ހުސްވެފައެވެ.

"ޒަޚަމު ކޮށްލާފައިވާ މީހުުންނާ އެކު މި ހަސްފަތާލު މި އޮތީ ފުރިފައި. އެންމެން ބައިތިއްބާނެ އެނދެއް ވެސް ނެތް،" ނާޞިރު ހަސްފަތާލުގެ ޑިރެކްޓަރ ޢާޠިފް އަލް-ޙޫތު ވިދާޅުވިއެވެ. ޣައްޒާގެ ދެކުނުގައި އޮތް ހަސްފަތާލުތަކުގެ ތެރެއިން މި ވަގުތު ޞިއްޙީ ފަރުވާގެ ޚިދުމަތް ފޯރުކޮށްދެމުންދާ ހަމައެކަނި މަރުކަޒަކީ ނާޞިރު ހަސްފަތާލެވެ.

މީގެ ނުވަ މަސް ކުރިން ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 38,443އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 88,481އަށް އުފުލިފައެވެ. އދން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.