ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބޭއްވި މައިލޯ ވީއޭއެމް ކަޕް އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ކުލަބު ވެމްކޯއިން ހޯދައިފިއެވެ.
މުބާރާތުގެ ޗެމްޕިއަންކަން ކުލަބް ވެމްކޯއިން ހޯދީ ފައިނަލުގައި ޕޮލިސް ކުލަބާއި ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. އެންމެ ފަހުން ކުޅުނު މި މުބާރާތް ހަތަރު ފަހަރުވެސް ވެމްކޯ ކާމިޔާބުކޮށްފައިވަނީ ފައިނަލުގައި ޕޮލިސް ބަލިކޮށްގެންނެވެ. މިއަހަރުގެ ޗެމްޕިއަންކަން ވެމްކޯއިން ހޯދި މެޗުގެ ސެޓުތައް ގެންދިޔައީ 25-19، 25-23، 13-25 އަދި 25-21 އިންނެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު މި މެޗު ފަށައިގެން ވެމްކޯއިން ވަނީ ރަނގަޅަށް ކުޅެފައެވެ. އަދި ޕޮލިހަށް އެއްވެސް ޕޮއިންޓެއް ނުދީ ވެމްކޯއިން ވަނީ ޖެހިޖެހިގެން ހަ ޕޮއިންޓު ހޯދާފައެވެ. ފުރަތަމަ ސެޓުގައި ޕޮލިހުން ކުރި މަސައްކަތުން ނަތީޖާ 12-12 އަށް ބަދަލުވިއެވެ. ނަމަވެސް ވެމްކޯއިން ޓީމެއްގެ ގޮތުގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން ފުރަތަމަ ސެޓު އެ ޓީމުން ގެންދިޔައީ 19-25 އިންނެވެ.
މެޗުގެ ދެވަނަ ސެޓު 25-23 އިން ވެމްކޯ ކާމިޔާބުކުރި ނަމަވެސް ޕޮލިހުން ވަނީ ދެވަނަ ސެޓުގައި ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން ވެމްކޯގެ ޑިފެންސްތަކުގައި ހެދުނު ގޯސްތަކުގެ ފައިދާ ނަގައިގެން ޕޮލިހުން ކުޅުނު ނަމަވެސް މި ސެޓުވެސް ޕޮލިހަށް ލިބޭގޮތެއް ނުވިއެވެ. ނަމަވެސް ތިންވަނަ ސެޓުގައި ވެމްކޯގެ ކުޅުން ވަރަށް ބޮޑުތަން ދަށްވި ދަނޑިވަޅުގެ ފައިދާ ނަގައިގެން ތިންވަނަ ސެޓު ޕޮލިހުން ކާމިޔާބުކޮށްފައިވަނީ 25-13 އިންނެވެ. ހަތަރު ވަނަ ސެޓުގައި ވެމްކޯއިން ކުޅުން ރަނގަޅުކޮށް 21-25 އިން ސެޓު ކާމިިޔާބުކުރި އެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ވެމްކޯގެ މާޖިދާ އެވެ. ޑްރީމް ޓީމުގައި ހިމެނެނީ، ވެމްކޯގެ މާޖިދާ، ޕޮލިހުގެ ހައްވަ، ޕޮލިހުގެ މަރިޔަމް އަޒުމާ، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަންގެ އައިމިނަތު ރިޔާޝާ، ވެމްކޯގެ ޖޫޒާން، ވެމްކޯގެ މާޔާ، ވެމްކޯގެ ފައިހާ މުހައްމަދެވެ. އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕޮލިހުގެ މާސާ އެވެ. އެންމެ މޮޅު ކޯޗަކީ ވެމްކޯގެ ކޯޗު އަހްމަދު އަދީލެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ، މިދިޔަ ދެ އަހަރުގެ މުބާރާތުގެ ވެސް އެންމެ މޮޅު ކުޅުންތެރިޔާ، ވެމްކޯގެ ހައްވާ މާޖިދާ އެވެ.