ޚަބަރު

ސްޕެއިނުން ކޮންމެ ޗެލެންޖަކާ ކުރިމަތިލީ އުފަލާއެކު، ފައިނަލަށް މިތިބީ ފުރިހަމަ އަށް ތައްޔާރުވެފަ: އޯލްމޯ


ޔޫރޯ 2024 ގެ ފައިނަލަށް ސްޕެއިން ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ޑަނީ އޯލްމޯ ބުނީ، މި އަހަރުގެ މުބާރާތުގެ ފައިނަލާ ހަމައަށް ސްޕެއިނުން ކުރި ދަތުރުގައި މިހާތަނަށް ކުރިމަތިލާންޖެހުނު ކޮންމެ ޗެލެންޖަކާމެދު ހިތްހަމަޖެހޭ ކަމަށާއި، އެގޮތުން އުނދަގޫ ގްރޫޕެއްގެ އެއްވަނަ ޓީމުގެ ގޮތުގައި ނޮކްއައުޓް ބުރުގައި ވާދަކޮށް ޖަރުމަނާއި ފްރާންސް ފަދަ ޓީމުތައް ބަލިކުރުމަށްފަހު އިންގްލެންޑާ ދެކޮޅަށް ނިކުތުމަށް ސްޕެއިނުން ތިބީ ކެތްމަދުވެ، އެކަމަށް ފުރިހަމަ އަށް ތައްޔާރަށް ކަމަށެވެ.

ޖަރުމަނުގެ ލީގުގައި އާރްބީ ލީޕްޒިގަށް ކުޅެމުން އަންނަ އޯލްމޯ ވަނީ ކުއާޓާ ފައިނަލްގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެ، ލަނޑެއްޖަހައި އިތުރު ގޯލެއްޖެހުމަށް އެހީތެރިވެދީ ސްޕެއިނުން މުބާރާތުގެ ސެމީ ފައިނަލަށް ގެންގޮސްދިނުމުގައި އިސް ދައުރެއް އަދާކޮށްފައެވެ. އެއަށްފަހު، ދެން ކުޅެވުނު ސެމީގައި ފްރާންސް ކޮޅަށް ސްޕެއިން މޮޅުވި ލަނޑު ވައްދާލީ ވެސް އޯލްމޯ އެވެ.

އޯލްމޯ، 26، ބުނީ، ކޮންމެ ކަމެއްވެސް އެންމެ އުނދަގޫގޮތަށް ކުރުމަކީ ސްޕެއިނުގައި ތިބި ވާދަވެރި، ބުރަކޮށް މަސައްކަތްކުރާ ކުޅުންތެރިންނަށް އެންމެ ފުރިހަމައަށް މޯޓިވޭޝަން ލިބޭގޮތް ކަމަށެވެ.

"އަހަރެމެން މި ހިސާބަށް މިއައީ ވަރަށް އުނދަގޫ ރާސްތާއެއް ކަޑައްތު ކޮށްގެން، އެކަމާ ފަޚުރުވެރިވާންޖެހޭ."

"މި ހިސާބަށް އަހަރެމެންނަށް އާދެވުނީ ކުޅޭ ސްޓައިލްގެ ސަބަބުން." ނޫސްވެރިންގެ ބައްދަލުވުމުގައި އޯލްމޯ ބުންޏެވެ.

އޯލްމޯ ބުނީ، ހުރިހާ ކުޅުންތެރިންނަށް ވެސް ވަރަށް ރަނގަޅު އިހުސާސްތަކެއް ކުރެވޭ ކަމަށާއި، ފިޒިކަލީ އާއި މެންޓަލީ ވެސް އެންމެން ތިބީ ފުރިހަމަ އަށް ތައްޔާރުވެގެން، އެންމެ ރަނގަޅު ކުޅުން ދައްކަން ބޭނުންފައި ކަމަށެވެ.

ކުރިއަށް އޮތީ އާންމުކޮށް ނުލިބޭނެ ފަދަ ކަމެއް ކުރުމުގެ ފުރުޞަތު ލިބިފައި ކަމަށާއި، އެ މެޗެއް ނިކުތުމަށް ވަރަށް ބޮޑު މޯޓިވޭޝަނެއް އެބައޮތް ކަމަށް ވެސް އޯލްމޯ ބުންޏެވެ. ފައިނަލް މެޗު ފިޔަވައި އެހެން އެއްވެސް ކަމެއްގެ ވިސްނުމެއް މިވަގުތަށް ނެތް ކަމަށާއި، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަނެއްކާވެސް ޔޫރޯ ކާމިޔާބުކުރުމާ ދެމެދު އޮތީ 90 މިނެޓު ކަމަށް ވެސް އޯލްމޯ ވަނީ ބުނެފައެވެ.

އޯލްމޯ ވަނީ، ސްޕެއިނާ ދެކޮޅަށް ފައިނަލް މެޗުގައި ވާދަކުރާ އިންގްލެންޑް ޓީމުން ވެސް އެ ހިސާބަށް އައީ އުނދަގޫތަކަށްފަހު ކަމަށާއި، މުބާރާތުގެ މިހާތަނަށް އެ ޓީމުން ގޮތްދޫނުކުރުމާއެކު އާދަޔާ ހިލާފު ރޫޚެއް ދައްކުވައިދީފައިވާ ކަމަށް ބުނެފައެވެ. އެހެންވިޔަސް ފައިނަލް މެޗަށް ނިކުންނައިރު ސްޕެއިނުން މިހާރު ކުޅެމުން އަންނަ އެޓޭކިންގ ސްޓައިލަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ގަބޫލުނުކުރާ ކަމަށް ވެސް އޯލްމޯގެ ވާހަކައިގައި ފާހަގަކުރިއެވެ.

މިހާތަނަށް ސްޕެއިނުގެ އެޓޭކިންގ ސްޓައިލް އާއެކު ކާމިޔާބުވަމުން އަންނައިރު އެއަށް ބަދަލުގެންނަންނުޖެހޭ ކަމަށާއި، އަބަދުވެސް ކުޅުން އިތުރަށް ރަނގަޅުކުރުމުގެ ފުރުޞަތު އޮންނަނަމަވެސް ފައިނަލް މެޗަށް ނިކުންނާނީ ކުރިއެކޭ މާބޮޑު ތަފާތެއްނެތި ކަމަށް ވެސް އޯލްމޯ ބުންޏެވެ.

އޯލްމޯ ބުނީ، އޭނާ ގަބޫލުކުރާ ގޮތުގައި މިފަހަރުގެ މުބާރާތުގައި މިހާރު ފައިނަލްގައި ވާދަކުރަނީ އެންމެ މޮޅު ދެ ޓީމު ކަމަށާއި، ސްޕެއިނުން ސަމާލުކަން ދޭނީ އެ ޓީމުގެ އެންމެ މޮޅު ކުޅުން ދެއްކުމަށް ކަމަށެވެ.