ޚަބަރު

ނައިޖީރިޔާގައި މަދަރުސާއެއްގެ އިމާރާތް ވެއްޓި 22 މީހުން މަރުވެއްޖެ


ނައިޖީރިޔާގެ މަދަރުސާއެއްގެ އިމާރާތެއް ވެއްޓި 22 މީހުން މަރުވެއްޖެއެވެ. އެ ޤައުމުގެ މެދުތެރޭގައި އޮންނަ ޕްލާޓޯ ސްޓޭޓްގައި ހިނގި އެ ހާދިސާގައި ޢިމާރާތުގެ ބައިތަކުގެ ދަށުގައި 154 މީހުން ތާށިވިއެވެ. ނައިޖީރިޔާގެ ކަމާ ގުޅޭ އިދާރާތަކުގެ ޓީމުތަކުން ވަނީ ޢިމާރާތުގެ ދަށުގައި ތާށިވި މީހުން ސަލާމަތް ކޮށްފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ ދަރިވަރުންނާއި މުދައްރިސުން ހިމެނެއެވެ.

ޕްލާޓޯ ސްޓޭޓްގެ ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ އެ ހާދިސާގައި ގިނަ ޢަދަދެއްގެ ބަޔަކަށް އަނިޔާވި ކަމަށާއި އެ މީހުންނަށް ފަރުވާ ދެމުންދާ ކަމުގައެވެ. އޭގެ ތެރެއިން 30 މީހުން އަދިވެސް ހަސްފަތާލުގައި އެޑްމިޓު ކޮށްފައިވާ ކަމުގައި އެ ޤައުމުގެ ކުއްލި ޙާލަތްތަކާ ބެހޭ އިދާރާއިން ބުންޏެވެ.

އެ ހާދިސާގައި ވެއްޓިފައި ވަނީ ދެ ފަންގިފިލަޔަށް ބިނާ ކޮށްފައިވާ އިމާރާތެކެވެ. ވެއްޓިފައި ވަނީ ޔޯޝް އުތުރު ޑިސްޓްރިކްޓުގެ ބިޔުސާ ބޫޖީ ކޮމިޔުނިޓީގައި ހުންނަ ސެއިންޓް އެކެޑަމީގެ ޢިމާރާތެކެވެ. އެ އިމާރާތް ވެއްޓިފައި ވަނީ މަދަރުސާގައި ކިޔަވައިދެމުން ދިޔަ ވަގުތު, ގިނަ ޢަދަދެއްގެ ދަރިވަރުން އެ ތަނުގެ ތެރޭގައި ތިބި ވަގުތެއްގައެވެ.

ވެއްޓުނު ޢިމާރާތުގެ ދަށުގައި ތާށިވި މީހުން ސަލާމަތްކޮށް, މަރުވި މީހުންގެ ހަށިތަައް ހޯދުމުގެ މަސައްކަތުގައި ނައިޖީރިޔާގެ ފުލުހުންގެ އިތުރުން އަސްކަރިއްޔާގެ ސިފައިން ވެސް ހަރަކާތްތެރިވިއެވެ. އިމާރާތްތައް ވެއްޓުމުގެ އެ ފަދަ ހާދިސާތަކަކީ ނައިޖީރިޔާގައި ގިނައިން ހިނގާ ހާދިސާތަކެކެވެ.

މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި އެ ކަމުގެ ސަބަބަކީ ޢިމާރާތް ކުރުމުގެ ޤަވާޢިދުތަކަށް އިހުތިރާމު ނުކުރުމާއި, ޢިމާރާތްތަކުގެ ސަލާމަތީ ކަންކަން ފުރިހަމަ ނުކުރުމާއި, ޤަވާޢިދުތައް ތަންފީޒު ކުރުމުގައި ފަރުވާ ކުޑަވުމެވެ. އޭގެ އިތުރުން, ޢިމާރާތް ކުރުމުގައި ފެންވަރު ދަށް ތަކެތި ބޭނުން ކުރުން ނައިޖީރިޔާގައި ޢާންމުވެފައިވާ ކަމުގައި ވެސް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.