ޚަބަރު

ފިރިހެން ސިންގަލްސް ފައިނަލްގައި އަނެއްކާވެސް ޖޮކޮވިޗާއި އަލްކަރާޒްގެ ކުރިމަތިލުމެއް


މިހާރު ކުރިއަށްދާ ވިމްބަލްޑަން ޓެނިސް މުބާރާތުގައި އިއްޔެ ކުޅުނު ފިރިހެން ސިންގަލްސް ސެމީ ފައިނަލް މެޗުތަކަށްފަހު، ސްޕެއިނުގެ ކާލޯސް އަލްކަރާޒް އާއި ސާބިއާގެ ނޮވަކް ޖޮކޮވިޗް، އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއީ ޖޮކޮވިޗް، 37، މި މުބާރާތުގެ ފައިނަލަށް ދަތުރުކުރި 10 ވަނަ ފަހަރެވެ. ޖޮކޮވިޗް ވަނީ ވިމްބަލްޑަން ޓެނިސް މުބާރާތް 7 ފަހަރު ކާމިޔާބުކޮށްފައެވެ. އަދި މިއީ އެންމެ ފަހުގެ ޗެމްޕިއަން، އަލްކަރާޒްގެ މި މުބާރާތުގެ ފައިނަލްގައި ކުޅޭ ދެވަނަ ފަހަރެވެ. މިދިޔަ އަހަރުގެ ފައިނަލްގައި ވާދަކޮށް އަލްކަރާޒް ވަނީ ފަސް ސެޓު ކުޅެގެން ޖޮކޮވިޗް ބަލިކޮށްފައެވެ.

ސެންޓަ ކޯޓުގައި އިއްޔެ ކުޅުނު ފުރަތަމަ ސެމީގައި އެންމެ ފަހުގެ ޗެމްޕިއަން، އަލްކަރާޒް ވަނީ މުބާރާތުގެ ފަސްވަނަ ސީޑް، ރަޝިޔާގެ ޑަނީލް މެޑްވެޑޭވް އަތުން 3-1 ސެޓުން މޮޅުވެފައެވެ.
މި މެޗުގެ ފުރަތަމަ ސެޓު، 7-6 (7-1) އިން ގެންދިޔައީ މެޑްވެޑޭވް އެވެ. އެއަށްފަހު ދެން ކުޅެވުނު ތިން ސެޓުން އަލްކަރާޒް މޮޅުވީ 6-3، 6-4، އަދި 6-4 އިންނެވެ. މިއީ މި މުބާރާތުގައި ޖެހިޖެހިގެން އޭނާ މޮޅުވީ 13 ވަނަ މެޗެވެ.

މިއާއެކު، ޖެހިޖެހިގެން ދެވަނަ ވިމްބަލްޑަން ފައިނަލަށް ދަތުރުކޮށް، އަލްކަރާޒް ވަނީ ކުރީގެ ޓެނިސް ލެޖެންޑުން ކަމަށްވާ، ބޮރިސް ބެކާ އާއި ބްޔޯން ބޯގް ހަދާފައިވާ ރެކޯޑަކާ އެއްވަރުކުރުމުގެ ފުރުޞަތު ހޯދައިފައެވެ. އެއީ، އުމުރުން 21 އަހަރުގައި ވިމްބަލްޑަންގެ އެއްމުބާރާތަށް ވުރެ ގިނަ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުގެ ޝަރަފެވެ.

އިއްޔެ ކުޅުނު މުބާރާތުގެ ދެވަނަ ސެމީގައި 25 ވަނަ އަށް ސީޑްކުރެވިފައިވާ އިޓަލީގެ ލޮރެންޒޯ މުސެޓީ އަތުން ޖޮކޮވިޗް މޮޅުވީ ސީދާ ތިން ސެޓުންނެވެ. ގާތްގަނޑަކަށް ދެ ގަޑިއިރާއި 48 މިނެޓަށް ދިގުދެމިގެންދިޔަ މި މެޗުގެ ސެޓުތައް ޖޮކޮވިޗް ގެންދިޔައީ 6-4، 7-6 (7-2) އަދި 6-4 އިންނެވެ.

މިހާތަނަށް 37 ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވާ ޖޮކޮވިޗަށް މި ފަހަރުގެ މުބާރާތް ކާމިޔާބުކޮށް، ކުރީގެ ޓެނިސް ލެޖެންޑް، ސްވިޒަލޭންޑްގެ ރޮޖާ ފެޑެރާގެ ރެކޯޑަކާ އެއްވަރުކުރުމުގެ ފުރުޞަތު އޮތްއިރު އެންމެ ގިނަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކާމިޔާބުކުރާ ފިރިހެން ކުޅުންތެރިޔާ އަށް ވުމުގެ ރެކޯޑް ގާއިމްކުރެވެން ވެސް އޭނާ އަށް އެބައޮތެވެ.

މިހާރު ކުޅުން ހުއްޓާލައިފައިވާ، ކުރީގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ، ފެޑެރާ ވަނީ ވިމްބަލްޑަން ޓެނިސް މުބާރާތް 8 ފަހަރު ކާމިޔާބުކޮށްފައެވެ. މިހާތަނަށް މި މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދާފައިވަނީ ވެސް ފެޑެރާ އެވެ. އަދި، މިހާރު 24 ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކާމިޔާބުކޮށްގެން ރެކޯޑް ހަދާފައިވާ ޖޮކޮވިޗަށް އަނެއްކާވެސް އެ ރެކޯޑް އިތުރަށް ފުރިހަމަކޮށްލައި، އެ އަދަދު 25 އަށް ހަމަކުރުމުގެ ފުރުޞަތު އެބައޮތެވެ.

މިދިޔަ އަހަރުގެ ފައިނަލްގައި ވެސް ވާދަކުރި އަލްކަރާޒް އާއި ޖޮކޮވިޗް ބައްދަލުކުރާ މި ފަހަރުގެ ވިމްބަލްޑަން ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.