ޚަބަރު

ސަބްސިޑީ ކަނޑާލިނަމަވެސް، ކަރަންޓް ބިލްތައް ބޮޑެއް ނުވޭ- ފެނަކަ


ކަރަންޓަށް ސަރުކާރުން ދެއްވަމުން ގެންދެވި ސަބްސިޑީ ކަނޑާލެއްވުމުން 79 އިންސައްތަ ކަސްޓަމަރުންގެ ބިލަށް އެއްވެސް ބަދަލެއް ނާންނަކަމަށް އަތޮޅުތަކުގައި ކަރަންޓުގެ ޚިދުމަތް އެންމެ ފުޅާދާއިރާއެއްގައި ދެމުން އަންނަ ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

އެ ކޯޕަރޭޝަންގެ އެސިސްޓަންޓް ޑިރެކްޓަރ އަޙްމަދު ނަޖާޙް ވިދާޅުވީ، ކަރަންޓުގެ ޚިދުމަތްދޭ ކުންފުނިތަކަށް ސަރުކާރުން ދެއްވަމުން ގެންދެވި ސަބްސިޑީ ދިނުން ހުއްޓާލެއްވުމުން ކަރަންޓުގެ އަގު ބޮޑުވިކަމަށް ބައެއް ފަރާތްތަކުން ވިދާޅުވި ނަމަވެސް، އެ ކުންފުނިން ހެއްދެވި ދިރާސާތަކުން ހާމަވި ގޮތުގައި ތިރީސް ނުވަހާސް ނުވަސަތޭކަ އެއްތިރީސް ކަސްޓަމަރުންގެ ތެރެއިން ހަތްދިހަ ނުވައެއް އިންސައްތަ ކަސްޓަމަރުންގެ ކަރަންޓުގެ ބިލަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަމަށެވެ. އަދި ނުވައެއް އިންސައްތަ ކަސްޓަމަރުންގެ ކަރަންޓު ބިލް އަގުހެޔޮވެފައިވާކަމަށް ނަޖާޙް ވިދާޅުވިއެވެ. އަދި ބާރަ އިންސައްތަ ކަސްޓަމަރުންގެ ބިލް ކޮންމެވެސް ވަރަކަށް ބޮޑުވިނަމަވެސް މާބޮޑު ތަފާތެއް ނާންނަކަމަށް އޭނާ ވިދާޅުވިއެވެ.

މިހެން ދިމާވީ، ކުރިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަރަންޓު އަގު ނަގަމުން ދިޔައީ އެކި ރޭޓުތަކުގައިކަމަށާއި، ނަމަވެސް ކަރަންޓް ސަބްސިޑީ ކަނޑުއްވާލައްވާ އަގު ހެޔޮކުރުމުގެ ސަބަބުން މިހާރު ހުރިހާ ރައްޔިތުންނަށްވެސް ކަރަންޓުގެ އަގު ނެގެމުން އަންނަނީ އެއް ރޭޓަކުންކަމަށް ނަޖާޙް ވިދާޅުވިއެވެ. ކަރަންޓު ޚިދުމަތް ދެމުން އަންނަ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ސްޓެލްކޯގެ ސީނިއަރ އިންޖިނިއަރ އިބްރާހީމް ރަޢޫފް ވިދާޅުވީ، ސަރުކާރުން ގެންނެވި ބަދަލުގެ ސަބަބުން އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ފަސޭހަ ވެގެންދާނެކަމަށެވެ. އަދި ގެންނެވި ބަދަލުގެ ސަބަބުން ހުރިހާ ރައްޔިތުންނަށް މިހާރު އެއް ހަމައަކުން ހުރިހާ ރަށެއްގައި ކަރަންޓުގެ އަގު ނަގަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

އަތޮޅުތަކުގެ ކަރަންޓުގެ ރޭޓް އަލުން މުރާޖަޢާ ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާތީ އެކަމުގެ ދިރާސާތަކެއް ކުރައްވަމުން ގެންދަވާކަމަށް އެ ކުންފުނިތަކުން މަޢޫލޫމާތުދެއެވެ. އަދި ކުރިއަށް އޮތްތަނުގައި ކަރަންޓުގެ އަގު ބޮޑުވެގެން ނުދާނެކަމަށްވެސް އެކުންފުނިތަކުން ބުނެއެވެ.