ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުރިއަށް އޮތް ފައިނަލް މެޗުގެ އޮފިޝަލްކަން ކުރުމަށް ފްރާންސްގެ ރެފްރީ ފްރާންސުއާ ލެޓެކްސިއާ، ޔުއެފާ އިން ހަމަޖައްސައިފިއެވެ.
ލެޓެކްސިއާ، 35، އަކީ ބޮޑު މުބާރާތެއްގެ ފައިނަލްގައި ރެފްރީކަން ކުރާ އެންމެ ޒުވާން އެއްރެފްރީއެވެ. އެންމެ ފަހުން ކުޅުނު ޔޫރޯގެ ތިން މުބާރާތުގެ ފައިނަލްގައި އޮފިޝަލްކަން ކޮށްފައިވަނީ 40 އަހަރުން މަތީގެ ރެފްރީންނެވެ.
މި ފަހަރުގެ މުބާރާތުގައި ލެޓެކްސިއާ ވަނީ މިހާތަނަށް ތިން މެޗެއްގައި ރެފްރީކަން ކޮށްފައެވެ. އޭގެތެރޭގައި، މުބާރާތުގެ ގަދަ 16 ގެ ބުރުގައި ސްޕެއިނާ ޖޯޖިއާ ބައްދަލުކުރި މެޗު ހިމެނެއެވެ.
މި އަހަރުގެ މުބާރާތުގައި މިހާތަނަށް ލެޓެކްސިއާ އޮފިޝަލްކަން ކުރި އެއްވެސް މެޗެއްގައި ރަތްކާޑެއްގެ އިތުރުން ޕެނަލްޓީއެއް ވެސް ދީފައެއްނުވެއެވެ. މިހާތަނަށް 10 ރީނދޫ ކާޑު ދައްކާފައިވާއިރު، އޭގެތެރޭގައި ޑެންމާކާ ދެކޮޅަށް ކުޅުނު މެޗުގައި ޑައިވްކޮށްގެން ސާބިއާގެ ފޯވާޑް، އަލެކްސެންޑާ މިޓްރޮވިޗަށް ދެއްކީ ރީނދޫ ކާޑު ހިމެނެއެވެ.
މީގެއިތުރުން، މުބާރާތުގައި މިހާތަނަށް ލެޓެކްސިއާ އޮފިޝަލްކަން ކުރި މެޗެއްގައި ވީއޭއާރްގެ ޛަރިއްޔާއިން ނިންމި ނިންމުމަކާ ގުޅިގެން ހިޔާލުތަފާތުވުމެއް ވެސް ނެތެވެ.
ލެޓެކްސިއާގެ ކެރިއަރުގައި ނިމިދިޔަ ސީޒަނުގައި ޔުއެފާގެ މުބާރާތްތަކުގައި އޮފިޝަލްކަން ކުރީ އެންމެ ބޮޑު މެޗުތަކުގެ ތެރޭގައި، އެންމެ ފަހުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ރެއާލް މެޑްރިޑާ 3-3 އިން މެންޗެސްޓާ ސިޓީ އެއްވަރުވި މެޗާއި، ޔުރޮޕާ ލީގުގެ ސެމީ ފައިނަލްގައި ބަޔާ ލެވަކޫސަނުން 2-0 އިން އޭއެސް ރޯމާ ބަލިކުރި މެޗުގެ އިތުރުން ޔުއެފާ ސުޕަ ކަޕްގެ ފައިނަލްގައި ސިޓީއާ ސެވިއްޔާ ބައްދަލުކުރި މެޗު ހިމެނެއެވެ.
އަންނަ އާދީއްތަ ދުވަހުގެ ރޭ ބާލިންގެ އޮލިމްޕިއާސްޓޭޑިއޯންގައި ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗުގެ ވީއޭއާރް ސްޕެޝަލިސްޓަކަށް ކަނޑައަޅާފައިވަނީ ފްރާންސްގެ ޖެރޯމް ބްރިސާޑް އެވެ.