ކުޅިވަރު

ޓީޓީ އެސޯސިއޭޝަނުގެ ރައީސްކަމުގެ ތިންވަނަ ދައުރަކަށް އައްޔަ އިންތިޚާބުވެވަޑައިގެންފި


ޓޭބަލް ޓެނިސް އެސޯސިއޭޝަން (ޓީޓީއޭއެމް)ގެ ރައީސްގެ މަގާމު ހޮވުމަށް ނެގި ފެންނަ ނުފެންނަ ވޯޓުން ރުހުން ލިބި، އެސޯސިއޭޝަނުގެ ރައީސްކަމުގެ ތިންވަނަ ދައުރަކަށް އަލީ ރަޝީދު (އައްޔަ) އިންތިޚާބުވެވަޑައިގެންފި އެވެ.

އަލީ ރަޝީދު އެންމެ ފުރަތަމަ އެސޯސިއޭޝަނުގެ ރައީސްކަމާ ހަވާލުވީ 2016 ވަނަ އަހަރުގައެވެ. އަދި ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތީ 2020 ވަނަ އަހަރުގައެވެ. އެ ފަހަރު އަލީ ރަޝީދު އިންތިހާބުވީ ބޮޑު ތަފާތަކުން ތޯހާ ސަލީމް ބަލިކޮށްގެންނެވެ.

ޓީޓީ ކުޅުމުގައި ގިނަ ކާމިޔާބީތަކެއް އޭނާ ވަނީ ހޯދާފައެވެ. އެގޮތުން 2006 ވަނަ އަހަރު ކުޅުން ހުއްޓާލިއިރު އޭނާ ވަނީ ޓީޓީ އެސޯސިއޭޝަން ކަޕުގެ ސިންގަލްސް ޗެމްޕިއަންކަމާއި ގައުމީ މުބާރާތުގެ ޑަބަލްސް އާއި ޓީމް ޗެމްޕިއަންކަން ހޯދާފައެވެ. އަދި ރިޓަޔާކުރި ފަހުން އޭނާ ވަނީ އެސޯސިއޭޝަނުގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައެވެ. އަދި 2008 ވަނަ އަހަރު އެސޯސިއޭޝަނުގެ ނައިބު ރައީސްކަމުގެ ޒިންމާ އަދާކުރި އެވެ.

އައްޔަ އަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީގެ ވެސް މެމްބަރެކެެވެ. އަދި އޭނާ ވަނީ ފްރާންސްގެ ވެރިރތަށް ޕެރިހުގައި ބާއްވާ އޮލިމްޕިކް ގޭމްސްގައި ވާދަކުރާ ރާއްޖެ ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނަކަށް ވެސް ހަމަޖައްސާފައެވެ.

ޓީޓީ އެސޯސިއޭޝަނުގެ ނައިބު ރައީސްގެ މަގާމަށް އިންތިހާބުވީ ދާދިފަހުން، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނުކުރި ޝިއުރީ އެވެ. ހަޒާންދާރަކަށް އަހުމަދު ޝާޒިލް، ހިންގާ ކޮމިޓީގައި ފުރިހަމަ މެމްބަރުން ތަމްސީލްކުރާ އަންހެން މެމްބަރަކަށް އައިޝަތު ފަދުވާ ރަޝީދު، ހިންގާ ކޮމިޓީގައި ފުރިހަމަ މެމްބަރުން ތަމްސީލްކުރާ ފިރިހެން މެމްބަރަކަށް، އަމްޕަޔަރު، އައްޒާމް އިބްރާހިމް، ހިންގާ ކޮމިޓީގައި ކްލަބް ޖަމިއްޔާތައް ތަމްސީލްކުރާ މެމްބަރު ކަމަށް ޖާދުﷲ ހަސަން އަދި ހިންގާ ކޮމިޓީގައި އެސޯސިއޭޓް މެމްބަރުން ތަމްސީލްކުރާ މެމްބަރު ކަމަށް އިސްމާއިލް ސުޖާއު ވަނީ އިންތިހާބުވެފަ އެެވެ.