ޚަބަރު

ކޮޕާ އެމެރިކާ: އުރުގުއޭ ބަލިކޮށް، ކޮލަމްބިއާ ފައިނަލަށް


ކޮޕާ އެމެރިކާ 2024 ގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި އުރުގުއޭ 0-1 އިން ބަލިކޮށް، ކޮލަމްބިއާ އިން އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއީ 2001 ވަނަ އަހަރުގެ ފަހުން ކޮލަމްބިއާ އިން މުބާރާތުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އެފަހަރުގެ ފައިނަލްގައި ކޮލަމްބިއާ މޮޅުވީ މެކްސިކޯ އަތުންނެވެ. އަދި، އެއީ އެ ޓީމުން މިހާތަނަށް ކޮޕާ އެމެރިކާ ކާމިޔާބުކުރި ހަމައެކަނި ފަހަރުވެސް މެއެވެ. މީގެއިތުރުން، ރޭގެ މެޗުން ހޯދީ މޮޅާއެކު ކޮލަމްބިއާ އިން ވަނީ ބަލިނުވެ، 28 މެޗު ފުރިހަމަކޮށްފައެވެ.

އެމެރިކާގެ ނޯތު ކެރޮލައިނާގައި ހުންނަ ބޭންކް އޮފް އެމެރިކާ ސްޓޭޑިއަމްގައި 70 ހާހެއްހާ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 39 ވަނަ މިނެޓުގައި ކޮލަމްބިއާ އަށް ކާމިޔާބުކޮށްދިނީ ޖެފާސަން ލާމާ އެވެ. މިއީ އެ ޓީމުގެ ކެޕްޓަން، ހަމޭސް ރޮޑްރިގޭޒް ތަނަވަސްކޮށްދިން ފުރުޞަތަކުން ލާމާ މި ލަނޑުޖެހީ ބޮލުންނެވެ. މިއީ މި ފަހަރުގެ މުބާރާތުގައި ހަމޭސްގެ ފަރާތުން ފެނިގެންދިޔަ ހަވަނަ އެސިސްޓެވެ.

ކޮލަމްބިއާ އިން ލީޑްނެގުމުގެ ކުރީން، އުރުގުއޭ އަށް ލަނޑުޖަހާނެ ރަނގަޅު ދެތިން ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. އެގޮތުން، މެޗުގެ 17 ވަނަ މިނެޓުގައި ޕެނަލްޓީއޭރިޔާ ތެރެއިން އުރުގުއޭގެ ފޯވާޑް، ޑާވިން ނޫނޭޒް ފޮނުވާލި ބޯޅައެއް ދަނޑިކައިރިން ކިރިޔާ ބޭރަށްދިޔައިރު، އޭގެފަހުން ފޮނުވާލި ދެ ހަމަލާއެއް ގޯލާއި އަމާޒުނުވެ ދިޔައީ ބޭރަށެވެ.

ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ކޮލަމްބިއާގެ ޑިފެންޑަރު، ޑެނިއަލް މުނޯޒް އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމުން އެ ޓީމުން މެޗުގެ ބާކީބައި ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ. މުނޯޒް އަށް ރީނދޫ ކާޑު ދެއްކީ ބޯޅަ ނެތީސް އުރުގުއޭގެ މިޑްފީލްޑަރު، މެނުއަލް އުގާޓޭގެ މޭމަތީގައި އުޅަނބޮށިން ޖެހުމުންނެވެ.

މެޗުގެ ފަހު ހާފު އެއްކޮށް އުރުގުއޭ އިން ޑޮމިނޭޓްކުރިއިރު، އެ ޓީމުގެ ކޯޗު، މާސެލޯ ބިއެލްސާ ވަނީ 67 ވަނަ މިނެޓުގައި ތަޖުރިބާކާރު ފޯވާޑް، ލުއިސް ސުއަރޭޒް ކުޅެން ނެރެފައެވެ. އުމުރުން 37 އަހަރުގެ ސުއަރޭޒް ވަނީ ކުޅެން ނިކުތްތައް ކުޑައިރުކޮޅެއްގެ ތެރޭގައި އުރުގުއޭ އަށް އެއްވަރުކޮށްދިނުމާ ގާތަށް ޖެހިލައިފައެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީދަނޑިއަށެވެ.

އޭގެފަހުން، މެޗު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް ކޮލަމްބިއާގެ ލީޑްފުޅާކޮށްދޭން ޕެނަލްޓީއޭރިޔާ ތެރެއިން އެ ޓީމުގެ މަޓެއުސް އުރީބޭ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ. އަދި އޭގެފަހުން، އިތުރުވަގުތުގެ ތެރޭގައި އުރީބޭ ފޮނުވާލި ބޯޅަ އުރުގުއޭގެ ކީޕަރު، ސާޖިއޯ ރޮޗެޓް ގައިގަ ޖެހިފައި ބޭރަށް ދިޔައީ ގޯލްގެ ހުރަސްދަނޑީގައި ޖެހިފައެވެ.

މުބާރާތުގެ ފައިނަލް މެޗުގައި އާޖެންޓީނާއާ ކޮލަމްބިއާ ބައްދަލުކުރާނީ މި މަހުގެ 15 ވާ ހޯމަ ދުވަހުގެ ފަތިހު ރާއްޖޭގަޑިން 5 ޖަހާއިރު އެވެ. އޭގެ އެއްދުވަސް ކުރީން، ތިންވަނަ ހޮވާ މެޗުގައި އުރުގުއޭ ނިކުންނާނީ ކެނެޑާއާ ދެކޮޅަށެވެ.