ޚަބަރު

ގަވާއިދާ ޚިލާފަށް ދުއްވާ މީހުން ސްޕީޑް ކެމެރާއިން ބަލައި، މެސެޖު ފޮނުވާ ނިޒާމު އޮޓޮމޭޓްކުރަނީ


  • ސްޕީޑް ކެމެރާ ބޭނުންކުރަން ފެށީ 2023 ވަނައަހަރުގެ އޮކްޓޯބަރު މަހު

  • މިހާރު ފޮނުވަނީ ނަސޭހަތުގެ މެސެޖު

  • ޖޫރިމަނާ މެސެޖު ފޮނުވާނީ، އުސޫލުތަކަށް ބަދަލު ގެނެސްގެން

ބްރިޖާއި ހައިވޭގައި ބާރު ސްޕީޑްގައި ދުއްވާ މީހުންނަށް ނަސޭހަތުގެ މެސެޖާއި ޖޫރިމަނާ މެސެޖު ފޮނުވުމުގެ ނިޒާމު އޮޓޮމޭޓްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވީ، މިކަން ތަންފީޒުކުރުމަށް އުސޫލުތަކަށްވެސް ބައެއް ބަދަލު ގެންނަންޖެހޭކަމަށާއި، އެކަން ކުރަމުންދާކަމަށެވެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުމުގެ މަސައްކަތުގެ ދަށުން ފުލުހުން ފެށި އެންމެ މުހިންމު އެއް މަސައްކަތަކީ ބްރިޖާއި ހައިވޭގައި ސްޕީޑް ކެމެރާ ހަރުކޮށް، ޓްރެފިކް މޮނިޓަރކުރަން ފެށުމުގެ މަސައްކަތެވެ. ސްޕީޑް ކެމެރާތަކުގެ ޓެސްޓިން މަރުހަލާ މިހާރު ވަނީ ކުރިއަށް ގެންގޮސްފައެވެ.

ކަނޑައަޅާފައިވާ މިންގަނޑަށްވުރެ ބާރަށް ދުއްވާނަމަ، ވެހިކަލް ރަޖިސްޓްރީކޮށްފައިވާ މީހާގެ ފޯނު ނަންބަރަށް އަދި ފޮނުވަމުންދަނީ ނަސޭހަތުގެ މެސެޖެއް އެކަންޏެވެ.

ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވީ، ސްޕީޑް ކެމެރާ ތަޖުރިބާކުރުމުގެ މަރުހަލާ ވަރަށް ރަނގަޅަށް ކުރިއަށް ގެންގޮސްފައިވާކަމަށެވެ.

ނަމަވެސް ސްޕީޑް ކެމެރާއިން އެއްކުރާ މަޢުލޫމާތަށް ބިނާކޮށް، ޤަވާއިދާ ޚިލާފަށް ދުއްވާ މީހުންނަށް ފިޔަވަޅު އެޅުމުގެ މެސެޖު ފޮނުވޭނީ، ޓްރެފިކާ ބެހޭ ޤާނޫނާއި ޤަވާއިދަށް ބައެއް ބަދަލުތައް ގެނެސްގެންކަމަށް ސަމީރު ވިދާޅުވިއެވެ. އަދި އެކަމާ ގުޅޭ މަސައްކަތްތައް މިހާރު ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ޙުސައިން ސަމީރު ވިދާޅުވީ ފުރަތަމަ ފޮނުވާނީ ނަސޭޙަތުގެ މެސެޖުކަމަށެވެ. ނަމަވެސް ބިރުވެރިކަން އުފެދޭގޮތަށް ވަކި ސްޕީޑަކަށްވުރެ ބާރަށް ދުއްވާނަމަ ދެން ފޮނުވާނީ ޖޫރިމަނާގެ މެސެޖުކަމަށެވެ. އުސޫލުތައް އިސްލާހުކޮށް މިކަން ތަންފީޒުކުރަން ވާންޖެހޭ ތައްޔާރީތައް ދަނީ ވަމުންނެވެ.

"ޖޫރިމަނާ ސްލިޕް ފޮނުވާނީ ވަކިވަރަކަށްވުރެ ބާރަށް ދުއްވީމަ. މިސަލަކަށް 60 ނޫނީ 70ގައި ދުއްވީމަ. މިވަގުތު މެސެޖު ފޮނުވަނީ މެނުއަލްކޮށް. ނަމަވެސް މިހާރު މިދަނީ މިކަން އޮޓޮމޭޓްކުރުމަށް މަސައްކަތް ކުރަމުން." ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރު ވިދާޅުވިއެވެ.

ސްޕީޑް ކެމެރާތަކުގައި އެކުލެވޭ ފީޗަރތަކުން، ދުއްވަމުންދާ ސްޕީޑް ދެނެގަނެވޭނެއެވެ. އަދި އުޅަނދުގެ ވެރިފަރާތުގެ މަޢުލޫމާތުވެސް ދެނެގަނެވޭނެއެވެ. މިގޮތަށް ފޮނުވާ މެސެޖުގައި، ދުއްވި ތާރީޚާއި ތަނާއި ގަޑި އަދި ގަވާއިދާ ޚިލާފުވެފައިވާކަމަށް ބަޔާންކުރާ ސަބަބު ލިޔެފައި އޮންނާނެއެވެ. އެގޮތުން ބާރު ސްޕީޑުން ދުއްވުމާއި ލޭނު ބަދަލުކުރުމާއި އަދި ބިރުވެރިކަން އުފެދޭގޮތަށް އެހެން ވެހިކަލްތަކަށް އުނދަގޫވާގޮތަށް ދުއްވުންވެސް ހިމެނެއެވެ.

ބްރިޖާއި ހައިވޭގައި ދުއްވުމުގެ ސްޕީޑް ލިމިޓަކީ ގަޑިއަކު 50 މޭލެވެ. ނަސޭހަތުގެ މެސެޖު ފޮނުވަން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުން ފެށިގެންނެވެ.