ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލް ފެރީގެ ޚިދުމަތް ނ. އަތޮޅުގައި ފެށުމަށް ތައްޔާރުވެއްޖެއެވެ. ނ.އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފެށުމަށްޓަކައި އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިިދިޔަ އޭޕްރީލް މަހުގެތެރޭގައެވެ.
އާރްޓީއެލް ފެރީގެ ޚިދުމަތް ނ. އަތޮޅުގައި ފެށުމަށްޓަކައި މިހާރު އެއަތޮޅުގައި ޓެސްޓު ދަތުރުތައް ވަނީ ބާއްވާފައެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ ނ. އަތޮޅުގައި ފެރީގެ ޚިދުމަތް މިމަހު ފަހުކޮޅު ފެށުމަށް ނިންމާފައިވާކަމަށެވެ. ނ. އަތޮޅުގައި ދަތުރުކުރުމަށް ހަމަޖެހިފައިވަނީ 50 މީހުންގެ ޖާގައިގެ 2 ފެރީކަމަށް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އާރްޓީއެލް ފެރީތަކަކީ 30 ނޮޓްގެ ބާރުމިނުގައި ދުވާ ފެރީތަކެކެވެ. މި ފެރީތަކަކީ އެމްޓީސީސީން ކުރިން ބޭނުންކުރަމުން އައި ފެރީތަކުގެ ސްޕީޑަށްވުރެ 3 ގުނަ އަވަސް ފެރީތަކެއްކަމަށް އެމްޓީސީސީން ބުނެއެވެ.
ފަސޭހައިން އެއްރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ ޤައުމީ ފެރީ ނިޒާމެއް ޤާއިމުކުރުމަށް ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެ ދަށުން މިހާތަނަށް ހއ. އަތޮޅާއި، ހދ. އަތޮޅު އަދި ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަށް ފެރީ ނިޒާމުންވަނީ ގުޅާލާފައެވެ. އަދި ޅ. އަތޮޅާއި ހުވަދު އަތޮޅުގެ އިތުރުން އައްޑު އަތޮޅުގައިވެސް މިޚިދުމަތް ވަނީ ފަށާފައެވެ. އަދި ވަރަށް އަވަހަށް ރ.އަތޮޅާއި ބ.އަތޮޅުގައިވެސް މިޚިދުމަތް ފެށުމަށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.
އެފްޖޭއެސް ކޮންސަލްޓިން ކިޔާ ފާމަކުން ހެދި ދިރާސާއަކުން ދައްކާގޮތުގައި އާރްޓީއެލްގަ ދަތުރުކުރާ މީހުންގެ %68 މީހުން ދަތުރުކުރަނީ ޞިއްޙީ ޚިދުމަތް ހޯދުމުގެ ބޭނުމުގައެވެ. އާރްޓީއެލް ފެރީގެ ޚިދުމަތާއެކު ޞިއްޙީ ޚިދުމަތް ހޯދުމަށް ފަސޭހަވެފައިވާ ކަމަށް %94 މީހުން ޤަބޫލުކުރެއެވެ.
މިޚިދުމަތް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި މިހާރަށްވުރެ ފަސޭހަކޮށް ޓިކެޓް ނެގޭނެ އިންތިޒާމް ހަމަޖެހެންޖެހޭކަން މިސަރވޭއިން ފާހަގަކުރެވިފައިވެއެވެ. އަދި މިހާރު އޮންލައިންކޮށް ޓިކެޓް ނަގާއިރު ޓިކެޓް ނަގާ އެޕްލިކޭޝަނަކީ އިނގިރޭސި ބަހުން އޮންނަ އެޕްލިކޭޝަނެކެވެ. މީގެއިތުރުން، ފެރީގައި ބައެއްކަހަލަ ކުދި މުދަލާއި، ކުރިއަރ އުފުލޭނެ ގޮތް ވުމަކީވެސް ޚިދުމަތް ބޭނުންކުރާ އާއްމުންގެ އެދުމެކެވެ.
އާރްޓީއެލްގެ ސަބަބުން ރަށްރަށަށް އިޤްތިޞާދީ ގޮތުން ފައިދާކޮށްފައިވާކަމަށްވެސް މިސަރވޭއިން ދައްކައެވެ. އެގޮތުން ރަށްރަށުގެ ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރުމަށް ދަތުރުކުރުމާއި، އަދި ރަށްރަށުގައި ހުންނަ ކެފޭ ރެސްޓޯރަންޓްތަކާއި، ވިޔަފާރިތަކަށްވެސް މީގެ ހެޔޮ އަސަރު ކުރާކަމަށް ސަރވޭއިން ދައްކައެވެ.