ކޮޕާ އެމެރިކާ 2024ގެ ސެމީ ފައިނަލްގައި ކެނެޑާ 0-2 އިން ބަލިކޮށް، އާޖެންޓީނާ އިން ފައިނަލަށް ދަތުރުކޮށްފިއެވެ.
އާޖެންޓީނާ އިން މި މެޗު ކާމިޔާބުކުރީ 2-0 އިންނެވެ. މި ދެ ޓީމުން މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ބައްދަލުކުރި މެޗުން ވެސް އާޖެންޓީނާ މޮޅުވީ 2-0 އިންނެވެ.
މިއީ ކޮޕާ އެމެރިކާގެ މިދިޔަ ފަސް މުބާރާތުގެ ތެރެއިން އާޖެންޓީނާ އިން ފައިނަލަށް ދަތުރުކުރި ހަތަރުވަނަ ފަހަރެވެ. މީގެތެރެއިން، އެންމެ ފަހުން ކުޅުނު 2021 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވާދަވެރި ބްރެޒިލް ބަލިކުރުމަށްފަހު އެވެ. އޭގެކުރީން، 2015 އާއި 2016 ވަނަ އަހަރުގެ ކޮޕާ އެމެރިކާގެ ފައިނަލްގައި ޗިލީ އަތުން ވަނީ ބަލިވެފައެވެ.
އެމެރިކާގެ ނިއު ޖާޒީގައި ހުންނަ މެޓްލައިފް ސްޓޭޑިއަމްގައި ގާތްގަނޑަކަށް 80 ހާހެއްހާ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗު ފެށިގެން 22 ވަނަ މިނެޓުގައި އާޖެންޓީނާ އިން ލީޑްނެގީ ހޫލިއަން އަލްވަރޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ އެ ޓީމުގެ މިޑްފީލްޑަރު، ރޮޑްރިގޯ ޑެ ޕޯލް ދިން ދިގު ޕާހެއްގެ އެހީގައި ޕެނަލްޓީއޭރިޔާ ތެރެއަށް ވަނުމަށްފަހު އަލްވަރޭޒް ކާމިޔާބުކުރި ގޯލެކެވެ. މިއީ ގައުމީ ޓީމަށް އޭނާ ކުޅެދިން 35 މެޗުގައި ޖަހައިދިން ނުވަވަނަ ގޯލެވެ. މި ގޯލާއެކު އާޖެންޓީނާ އިން ފުރަތަމަ ހާފު ނިންމާލީ 1-0 އިން ކުރީގަ އޮވެގެންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަވަނަ މިނެޓުގައި އާޖެންޓީނާގެ ދެވަނަ ލަނޑުޖަހައިދިނީ ކެޕްޓަން، ލިއޮނަލް މެސީ އެވެ. އެންޒޯ ފެނާންޑޭޒް ދިން ޕާހަކުން މެސީ މި ލަނޑުޖެހީ ގޯލްގެ ސިކްސް ޔާޑް ބޯކްސް ތެރެއިން ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. މިއީ މި ފަހަރުގެ މުބާރާތުގައި މެސީ ކާމިޔާބުކުރި ފުރަތަމަ ގޯލެވެ. އަދި މިއީ ކޮޕާ އެމެރިކާގެ ތާރީޚުގައި މެސީ ކާމިޔާބުކުރި 14 ވަނަ ލަނޑެވެ. މިއާއެކު، މެސީ ވަނީ އެ މުބާރާތުގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ލިސްޓުގެ ފަސްވަނަ އަށް ޖެހިލައިފައެވެ. މެސީގެ އިތުރުން މިއަދަދަށް ލަނޑުޖަހައިފައިވަނީ ޕެރޫގެ ފޯވާޑް، ޕައޮލޯ ގުރޭރޯ އާއި ޗިލީގެ އެޑުއާޑޯ ވާގަސް އެވެ. އަނެއްކޮޅުން މި ގޯލަކީ އާޖެންޓީނާ އަށް މިހާތަނަށް ޖަހައިދިން 109 ވަނަ ލަނޑެވެ. އަދި އެ ޓީމަށް އެންމެ ފަހުން ކުޅުނު 25 މެޗުގައި ޖެހި 28 ވަނަ ގޯލެވެ.
މެޗުގެ 71 ވަނަ މިނެޓުގައި ކެނެޑާގެ އަލްފޮންސޯ ޑޭވީސް އަށް ލިބުނު އަނިޔާއަކާ ގުޅިގެން ބަދަލުކޮށްފައިވާއިރު، އެ ޓީމުގެ ފޯވާޑް، ޖޮނަތަން ޑޭވިޑް ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ފޮނުވާލި ހަމަލާ އާޖެންޓީނާގެ ކީޕަރު، އެމިލިއާނޯ މާޓިނޭޒް ވަނީ މަތަކޮށްފައެވެ. އޭގެފަހުން، މެޗު ނިމެން ދަނިކޮށް ކެނެޑާގެ ޓާނީ އޮލުވަސޭޔީ ފޮނުވާލި ބޯޅަ ވެސް މާޓިނޭޒް ހުއްޓުވިއެވެ.
މި މުބާރާތުގެ ފައިނަލްގައި އާޖެންޓީނާ ކުޅެން ޖެހޭނީ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ކޮލަމްބިއާ އާ އުރުގުއޭ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ ފަތިހު ރާއްޖޭގަޑިން 5 ޖަހާއިރު އެވެ.