ޚަބަރު

އުރްދުޣާން އަސަދަށް މަޝްވަރާގެ ދަޢުވަތު އެރުވުމުން ސޫރިޔާގެ ރެފިއުޖީން ކަންބޮޑުވެއްޖެ


ސޫރިޔާގެ ރައީސް ބައްޝާރް ހާފިޛް އަލް-އަސަދާ މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ ކަން ހާމަކުރައްވައި, ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން އަސަދަށް ދަޢުވަތު އެރުވުމާ ގުޅިގެން ތުރުކީވިލާތުގައި ދިރިއުޅޭ ސޫރިޔާގެ ރައްޔިތުންނާއި ރެފިއުޖީން ކަންބޮޑުވުން ފާޅު ކުރަން ފަށައިފިއެވެ. ދެ ޤައުމުގެ ދެމެދުގައި މަޝްވަރާތައް ބޭއްވުމަށް އުރްދުޣާން ހުށަހަޅުއްވާފައި ވަނީ, ތުރުކީވިލާތުގައި ދިރިއުޅޭ ސޫރިޔާގެ ރެފިއުޖީންނާ ދެކޮޅަށް ހަމަނުޖެހުންތަކެއް ހިންގަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

އުރްދުޣާނާއި އަސަދާ ދެމެދު އިޢުލާނު ކޮށްފައިވާ މަޝްވަރާތަކާ މެދު އެންމެ ބޮޑަށް ކަންބޮޑުވުން ފާޅު ކުރަމުން ދަނީ ތުރުކީވިލާތުގައި ދިރިއުޅޭ ސޫރިޔާގެ ރެފިއުޖީންނެވެ. އެ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ, އެ މީހުންގެ އަމިއްލަ ވަޒަނަށް އަނބުރާ ދާން ޖެހުމެވެ. ސަބަބަކީ, ސޫރިޔާގައި އެ މީހުންގެ ސަލާމަތާއި ރައްކާތެރި ކަން ކަށަވަރު ކުރެވޭނެ ކަމުގެ ޔަގީން ކަން ނެތުމެވެ.

ތުރުކީވިލާތާއި ސޫރިޔާގެ ސަރުކާރާ ދެމެދު އޮތް ސިޔާސީ ގުޅުންތައް ކަނޑައިލާފައި ވަނީ 2011ވަނަ ސޫރިޔާގައި ދާޚިލީ ހަނގުރާމަ ފެށުމާ ގުޅިގެން, އަސަދުގެ ސަރުކާރާ ދެކޮޅު ހެދުމުގެ ގޮތުންނެވެ. އަދި, އުރްދުޣާންގެ ސަރުކާރުން ވަނީ, އަސަދުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރި ޖަމާޢަތްތަކަށް ތާޢީދުކޮށް, އެހީތެރިކަން ފޯރުކޮށްދީފައެވެ.

ސޫރިޔާގެ ދާޚިލީ ހަނގުރާމައާ ގުޅިގެން އެ ޤައުމުގެ 3 މިލިޔަނަށް ވުރެ ގިނަ ރެފިއުޖީން ސޫރިޔާއަށް ހިޖުރަކުރިއެވެ. އޭގެ ތެރެއިން 670,000އެއްހާ ރެފިއުޖީން ވަނީ އެނބުރި ގޮސްފައެވެ. އެ މީހުން އަމިއްލަ ވަޒަނަށް އެނބުރި ގޮސްފައި ވަނީ ތުރުކީވިލާތުގެ އެހީތެރިކަމާ އެކު ސޫރިޔާގައި ގާއިމު ކޮށްދީފައިވާ ރައްކާތެރި ސަރަޙައްދުތަކަށެވެ.

ތުރުކީވިލާތުގައި ދިރިއުޅޭ ސޫރިޔާގެ ރައްޔިތުންނާ ދެކޮޅަށް ހަމަނުޖެހުން ހިންގަން ފަށާފައި ވަނީ ހުސްވި ހަފުތާގެ ތެރޭގައެވެ. އަސަދާ އެކު މަޝްވަރާތައް ބާއްވަން ބޭނުންފުޅުވާ ކަން އުރްދުޣާން ހާމަ ކުރައްވާފައި ވަނީ އެ ހަމަނުޖެހުންތަކާ ގުޅިގެންނެވެ. އެ ކަމާ ގުޅޭ ގޮތުން އުރްދުޣާން ވިދާޅުވީ, ދެ ޤައުމުގެ ދެމެދުގައި އޮތް ޚިޔާލު ތަފާތުވުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރަން އަސަދަށް ދަޢުވަތު އަރުވާ ކަމަށާއި, އަސަދު ބޭނުންފުޅުވާ ކޮންމެ ވަގުތެއްގައި ވެސް މަޝްވަރާތައް ބޭއްވިދާނެ ކަމުގައެވެ.

"އަސަދާއި އުރްދުޣާނާ ދެމެދު ބާއްވާ މަޝްވަރާތަކުގައި, ތުރުކީގައި ދިރިއުޅޭ ސޫރިޔާގެ ރެފިއުޖީން އަނބުރާ ޤައުމަށް ފޮނުވައިލުމާ ގުޅޭ ގޮތުން ގޮތެއް ނިންމުގެ ބިރު އެބައޮތް. އެއީ, އެ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ. އެއިރުން, އެ މީހުންނަށް ތުރުކީވިލާތުން ދީފައިވާ ރައްޔިތުކަން ވެސް ގެއްލޭނެ ކަމަށް ބެލެވޭ،" މަދަނީ ޖަމުޢިއްޔާއެއް ކަމުގައިވާ ހަރްމޫން ސެންޓަރ ފޯ ކޮންޓެމްޕަރަރީ ސްޓަޑީޒްގެ އޮފިޝަލެއް ކަމުގައިވާ ސަމީރު އަލް-ޢަބްދުالله ވިދާޅުވިއެވެ.

ސޫރިޔާ ހަނގުރާމައާ ގުޅިގެން އެންމެ ގިނަ ޢަދަދެއްގެ ރެފިއުޖީންނަށް ހިޔާވަހިކަން ފޯރުކޮށްދެމުން ދަނީ ތުރުކީވިލާތުންނެވެ. ތުރުކީވިލާތަށް ހިޖުރަ ކުރަމުންދާ ސޫރިޔާގެ ރެފިއުޖީންގެ ޢަދަދު އިތުރުވަމުން ދިޔުމަކީ ތުރުކީވިލާތުގެ ރައްޔިތުން ވެސް ކަންބޮޑުވާ މައްސަލައެކެވެ. އަދި, އެ މީހުން, އަމިއްލަ ވަޒަނަށް އެނބުރި ދާނީ ކޮން ދުވަހަކުންތޯ ތުރުކީވިލާތުގެ ރައްޔިތުން ދަނީ ސުވާލު އުފައްދަމުންނެވެ.

ތުރުކީވިލާތުން ސޫރިޔާއާ އެކު މަޝްވަރާ ކުރަން ތައްޔާރަށް އޮތް ކަން ހާމަކޮށްފައިވީ ނަމަވެސް, ސޫރިޔާއިން ބޭނުންވާ ޝަރުޠުތަކެއް ތުރުކީވިލާތުން ފުރިހަމަ ކުރަން ޖެހޭނެއެވެ. އޭގެ ތެރޭގައި, ސޫރިޔާގެ ސަރުކާރާ ދެކޮޅު ހަތިޔާރު އެޅި ޖަމާޢަތްތަކުން އަތްގަދަ ކޮށްފައިވާ ސަރަޙައްދުތަކުގައި ހަރަކާތްތެރިވަމުންދާ ތުރުކީވިލާތުގެ އަސްކަރިއްޔާގެ ސިފައިން އެ ޤައުމުން ބޭލުން ހިމެނެއެވެ. ނަމަވެސް, ތުރުކީވިލާތުން ވަނީ އެ ޝަރުޠަށް އެއްބަސްނުވާނެ ކަމަށް ބުނެފައެވެ.

ސޫރިޔާގެ އިންސާނީ ޙައްޤުތަކުގެ ހާލަތު ދިރާސާ ކުރާ ސީރިޔަން ނެޓްވަރކް ފޯ ހިޔުމަން ރައިޓްސުން ބުނީ, ތުރުކީވިލާތުގައި ތިބި ސޫރިޔާގެ ރެފިއުޖީންނަށް އެނބުރި އެ މީހުން ވަޒަނަށް ދަތުރު ކުރުމަކީ އެއްވެސް ހާލެއްގައި ރައްކާތެރި ކަމެއް ނޫން ކަމުގައެވެ.