ދުނިޔެ

ޔޫރަޕަށް ދަތުރުކުރަމުންދިޔަ ޑިންގީއެއް ލީބިޔާއިން ހިފަހައްޓައިފި


112 މީހުންނާއި އެކު ޔޫރަޕަށް ދަތުރުކުރަމުންދިޔަ ޑިންގީއެއް ލީބިޔާގެ ކޯސްޓްގާޑުން ހިފަހައްޓައިފިއެވެ.

ލީބިޔާގެ ކޯސްޓް ގާޑްގެ އޮފިޝަލަކު ވިދާޅުވީ މި ޑިންގީ ހިފަހައްޓާފައިވަނީ ލީބިޔާގެ ބޭރުންކަމަށާއި މީގައި ގިނައިން ތިބީ އެފްރިކާއަށް ނިސްބަތްވާ މީހުންކަމަށެވެ. މި ޑިންގީގައި ދަތުރުކުރި އެއް ހިޖުރަވެރިއަކު ބުނީ މިނުރައްކާތެރި ދަތުރުކުރުމަށް 2500އެއްހާ އެމެރިކާ ޑޮލަރު މިކަން ރޭވި މީހުންނަށް ދޭންޖެހުނުކަމަށާއި އުންމީދުކުރީ މެޑިޓަރޭނިއަން ކަނޑު ހުރަސްކޮށް އެހެންޤައުމެއްގައި ދިރިއުޅުން އަލުން އާރާސްތުކުރުމަށް ފުރުސަތެއް ލިބޭނެކަމަށެވެ.

އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޮރ މައިގްރޭޝަނުން މަޢުލޫމާރުދޭގޮތުގައި މިދިޔަ މޭ މަހު ލީބިޔާއާއި އިޓަލީގެ ކަނޑުގެ ސަރަޙައްދުގައި މިފަދަ 4 ދޯންޏެއް އަޑިއަށް ދިއުމުގެ ސަބަބުން 113 މީހުން މަރުވެފައިވެއެވެ.

އިޓަލީގެ އޮފިޝަލުން ވިދާޅުވީ ބަލްކަންސްގެ މަގުތައް ބަންދުކުރުމާއި، ގްރީސް އާއި ތުރުކީން އެއްބަސްވެފައިވާ އެއްބަސްވުމާއި ގުޅިގެން ލީބިޔާ ހުރަސްކޮށް މިނުރައްކާތެރި ދަތުރުކުރާ ރެފިއުޖީންގެ އަދަދު އިތުރުވާނެކަމަށް ލަފާކުރެވޭކަމަށެވެ.