ގަލޮޅު ކަންމަތިން ބާރުގަދަ އަޑުފައްގަނޑެއް އިވި، އެއްޗެއް ގޮވި ކަމުގެ ރިޕޯޓު ލިބުމުން ބެލި ބެލުމުން، އެއީ ގޮވުމެއްގެ ސަބަބުން ހިނގި ހާދިސާއެއް ނޫންކަން ކަށަވަރުވެފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ވަނީ ބާރުގަދަ އަޑުފަށްގަނޑެއް އިވޭ ވީޑިއޯއެއް އާންމުވެފައެވެ. އެ ސަރަޙައްދުން އެއްޗެއް ގޮވިކަމުގެ މަޢުލޫމާތު ލިބުމާއި ގުޅިގެން ސިފައިނާ ފުލުހުން ވަނީ ހަތިޔާރާއެކު ސަރަޙައްދުގައި ހަރަކަތްތެރިވެފައެވެ.
މިކަމާއި ގުޅޭގޮތުން އެމްއެންޑީއެފުން ވިދާޅުވީ ގަލޮޅު ކަންމަތީގައި ޕާކުކޮށްފައި އޮތް ވޭނެއްގައި އެއްޗެއް ގޮވިކަމުގެ ރިޕޯޓެއް ލިބުމުން އެފަދަ ކަންކަމުގައި އަމަލުކުރަމުން އަންނަ ޕްރޮސީޖާއާ އެއްގޮތަށް އަަމަލުކުރި ކަމަށެވެ. އަދި މިހާތަނަށް ބެލިބެލުމުން އެއްވެސް ގޮވާ އެއްޗެއްގެ ނިޝާނެއް ފެންނަން ނެތް ކަމަށްވެސް އެމްޑީއެފުން ވިދާޅުވިއެވެ.
"މިއީ އެކްސްޕްލޯސިވްއެއްގެ ސަބަބުން ހިނގި ކަމެއް ނޫންކަން ވަނީ ކަށަވަރު ކުރެވިފަ. އަދި މިކަން ހިނގާފައިވަނީ ވެހިކަލްގެ ޓެކްނިކަލް މައްސަލައަކުން ކަމަށް ބެލެވޭތީ އެކަންކަން މޯލްޑިވަސް ޕޮލިސް ސަރވިސްއިން ދަނީ ބަލަމުން" އެމްއެންޑީއެފުން ވިދާޅުވިއެވެ.
އެމްއެންޑީއެފުން ބުނީ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމުގެ ރިޕޯޓް ނުލިބޭ ކަމަށާއި ވޭނަށް ވެސް އެއްވެސް ގެއްލުމެއް ނުވާ ކަމަށެވެ.