ޚަބަރު

މަޝްވަރާތަކަށް ހުރަސް އަޅަން ޣައްޒާ ޢުދުވާން ފުޅާކޮށް އިތުރު ބަޔަކު ޝަހީދުކޮށްލައިފި


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓުމަކަށް ގެނައުމާ މެދު ކުރަމުންދާ މަޝްވަރާތަކަށް ހުރަސް އެޅުމުގެ ގޮތުން ޔަހޫދީ ފައުޖުން ޢުދުވާންތައް އިތުރަށް ފުޅާކޮށްފިއެވެ. ޔަހޫދީ ފައުޖުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޢުދުވާންތައް ފުޅާ ކުރަން ފަށާފައި ވަނީ ޖުލައި 8ވަނަ ދުވަހުއެވެ. އެ ޢުދުވާނުގެ ދަށުން އެންމެ ވަރުގަދަ ޙަމަލާތަކެއް އަމާޒު ކުރަމުން ދަނީ ޣައްޒާ ސިޓީއަށެވެ.

ޣައްޒާގެ އުތުރުގައި އޮންނަ ޣައްޒާ ސިޓީގައި ހިންގަމުންދާ ޢުދުވާންތަކުގެ ދެވަނަ ދުވަހު އެކަނި ވެސް 18އަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އެ ރަށުގެ ތަލް އަލް-ހަވާއާއި އަލް-ޝަޖާޢިއްޔާގައި ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން ދަނީ ބަރުހަތިޔާރާއި އަސްކަރީ ޓޭންކުފަހަރާ އެކު ހަރަކާތްތެރިވަމުންނެެވެ. އެއީ, ޢުދުވާންތައް ހުއްޓުމަކަށް ގެނައުމާ މެދު, ޤަޠަރާއި މިޞްރުން ވިލަރެސް ކޮށްގެން ބާއްވަމުންދާ މަޝްވަރާތަކަށް ހުރަސް އެޅުމުގެ ގޮތުން ޔަހޫދީ ފައުޖުން ހިންގަމުންދާ އަމަލެއް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ސިފަ ކުރެއެވެ.

ޣައްޒާ ސިޓީއަށް ދެމުންދާ ޙަމަލާތައް ވަރުގަދަ ކުރުމާ ގުޅިގެން, އެ ރަށުގެ އަހުލުވެރިން ދަނީ އެ ރަށުން ފައިބަން މަސައްކަތް ކުރަމުންނެވެ. އެ ރަށުގެ ރައްޔިތުންގެ އިތުރުން އެތަކެއް ހާސް ރެފިއުޖީން އެ ރަށުން ފައިބާފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ބުންޏެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ދަތުރު ކޮށްފައި ވަނީ މެޑިޓެރޭނިޔަން ކަނޑުގެ އައްސޭރިފަށާއި ޣައްޒާގެ ދެކުނުގައި އޮތް ރަށްތަކަށެވެ. ޔާހޫދީ ފައުޖުން ވަނީ ޣައްޒާ ސިޓީގައި ހުންނަ ހަސްފަތާލުތަކަށް ވެސް ޙަމަލާތައް އަމާޒު ކުރަން ފަށާފައެވެ.

ޔަހޫދީ ފައުޖުގެ ޢުދުވާންތައް ފުޅާ ކުރުމުން ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަަތުން ވަނީ އެ ކަމާ މެދު ކަންބޮޑުވުން ފާޅު ކޮށްފައެވެ. އެ ޖަމާޢަތުގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ ވިދާޅުވީ, އެ ޢުދުވާންތަކާ ގުޅިގެން މަޝްވަރާތައް މެދުކަނޑައިލަން ޖެހުމަކީ ގާތް ކަމެއް ކަމުގައެވެ. އެ ޖަމާޢަތުގެ އިތުރުން އިސްލާމިކް ޖިހާދުގެ މުޖާހިދުން ދަނީ, ޣައްޒާ ސިޓީއަށް އަރައިގަނެފައިވާ ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިންނާ ކުރިމަތިލަމުންނެވެ. އަދި, ހައްދުފަހަނަ އެޅި ޔަހޫދީ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާނެ ކަމުގައި އެ ދެ ޖަމާޢަތުން ބުންޏެވެ.

ޣައްޒާ ސިޓީގައި ހިންގަމުންދާ ޢުދުވާނުގެ ދަށުން ޢާންމުން ދިރިއުޅޭ ގެއަކަށް ބޮންއަޅައި, އެ ގޭގެ އަހުލުވެރިންގެ ތެރެއިން ހަ މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. އޭގެ އިތުރުން, ޣައްޒާގެ ދެކުނުގައި އޮތް އަލް-ނުޞަޔިރާތާއި ދީރް އަލް-ބަލަޙުގައި ހުންނަ ދެ ގެއަކަށް ބޮން އަޅައި އިތުރު ނުވަ މީހުން ޝަހީދު ކޮށްލިއެވެ. އަދި, ތަލް އަލް-ސުލްޠާންގައި ހުންނަ ޢިމާރާތަކަށް ދިން ރަޙުމު ކުޑަ ޙަމަލާއެއްގައި ތިން މީހުން ޝަހީދު ކޮށްލިއެވެ. އެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ.

ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ދަނީ 2023 އޮކްޓޫބަރު 7ން ފެށިގެން ލާއިންސާނީ ޢުދުވާނެއް ހިންގަމުންނެވެ. މީގެ ނުވަ މަސް ކުރިން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 38,193އަށް އުފުލިފައެވެ.

އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 87,903އަށް އުފުލިފައެވެ. އދން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.