ޚަބަރު

ޔަހޫދީ ދަޢުލަތާ ދެކޮޅަށް މަސައްކަތް ކުރުމުގައި އީރާން ދެމިއޮންނާނެ: ޕީޒިޝްކިޔާން


ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ދައުލަތުން ގެންގުޅޭ ހައްދުފަހަނަ އެޅި ސިޔާސަތުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި އީރާނުން ދެމިއޮންނާނެ ކަމަށް ވިދާޅުވެ, އީރާނުގެ އިންތިޚާބީ ރައީސް މަސްޢޫދު ޕީޒިޝްކިޔާން ޔަހޫދީ ދައުލަތާ މެދު އީރާނުން ގެންގުޅޭނެ ސިޔާސަތު ހާމަ ކުރައްވައިފިއެވެ.

އީރާނުގައި ދާދި ފަހުން ބޭއްވި ރިޔާސީ އިންތިޚާބު ޕީޒިޝްކިޔާން ކާމިޔާބު ކުރައްވާފައި ވަނީ އެ ޤައުމުގެ އިސް ނިއުކްލިޔަރ ނެގޯޝިއޭޓަރ ކަމުގެ މަޤާމު ފުރުއްވާފައިވާ ސަޢީދު ޖަލީލީއާ ވާދަ ކުރައްވައެވެ. އޭނާގެ ސަރުކާރެއްގައި އީރާނުން ޔަހޫދީ ދައުލަތާ މެދު އަމަލު ކުރާނެ ސިޔާސަތުތައް ހާމަ ކުރައްވައި ވާހަކަ ދައްކަވަމުން ޕީޒިޝްކިޔާން ވިދާޅުވީ ޔަހޫދީ ދައުލަތުން ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ހައްދުފަހަނަ އެޅި ކުށްތަކާއި ލާއިންސާނީ އަމަލުތައް ހުއްޓުވަން މަސައްކަތް ކުރުމުގައި މެދުއިރުމަތީގެ ޤައުމުތަކުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުން ދެމިއޮންނާނެ ކަމުގައެވެ. މާނައަކީ, ޔަހޫދީ ދައުލަތާ ދެކޮޅަށް ހަތިޔާރު އުފުލާފައިވާ ޖަމާޢަތްތަކަށް އެހީތެރިކަން ފޯރު ކޮށްދިނުމުގައި އީރާނުން ދެމިއޮންނާނެ ކަމެވެ.

"ޣައިރު ޤާނޫނީ [ފަލަސްޠީނުގެ މުސްލިމުންގެ ބިމުގައި އުފައްދާފައިވާ] ޒަޔަނިސްޓުންގެ ދަޢުލަތާ ދެކޮޅަށް މަސައްކަތް ކުރާ ޖަމާޢަތްތަކަށް އީރާނުން އަބަދު ވެސް އެހީތެރިކަން ފޯރުކޮށްދޭނެ،" ލުބްނާންގައި ހަރަކާތްތެރިވާ ޙިޒްބުالله ޖަމާޢަތުގެ އިސްވެރިޔާ ޙަސަން ނަޞްރުاللهއަށް ފޮނުއްވި މެސެޖެއްގައި ޕީޒިޝްކިޔާން ވިދާޅުވިއެވެ. އެއީ, އީރާނުން ކުރިން ވެސް ދަމަހައްޓަމުން ގޮސްފައިވާ ސިޔާސަތެވެ. "އަޅުގަނޑަށް ޔަގީން ކުރެވޭ ކަމަކީ, [ޔަހޫދީ ދައުލަތުގެ] ބިރުދެއްކުމާއި ލާއިންސާނީ ޖަރީމާތައް ހުއްޓުވައި ހުރަސް އެޅުމުގައި މެދުއިރުމަތީގެ ޤައުމުތަކުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުން ދެމި ތިބޭނެ ކަން،" ޕީޒިޝްކިޔާން ވިދާޅުވިއެވެ.

ހައްދުފަހަނަ އެޅި ޔަހޫދީންނާއި ޔަހޫދީ ދައުލަތާ ދެކޮޅަށް ހަތިޔާރު އުފުލާފައިވާ ޖަމާޢަތްތަކުގެ މައްޗަށް އެކުލެވިގެންވާ އެކްސިސް އޮފް ރެސިސްޓެންސަކީ އީރާނުން އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭ ޖަމާޢަތްތަކެއް ކަމަށް ހުޅަނގުން ތުހުމަތު ކުރެއެވެ. އޭގެ ތެރޭގައި ޙިޒްބުاللهގެ އިތުރުން ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތް ހިމެނެއެވެ. އެ ޖަމާޢަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އީރާނުން ދެމި އޮންނާނެ ކަން ޕީޒިޝްކިޔާން ހާމަ ކުރެއްވުމުން ޔަހޫދީ ދައުލަތުން އެ ކަމާ މެދު ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ދަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު 7ން ފެށިގެން ލާއިންސާނީ ޢުދުވާނެއް ހިންގަމުންނެވެ. ނުވަ މަސް ކުރިން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 38,193އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 87,903އަށް އުފުލިފައެވެ. އދން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.