ކޮޕާ އެމެރިކާ 2024 ގެ ސެމީ ފައިނަލްގައި އާޖެންޓީނާއާ ދެކޮޅަށް ނިކުތުމުގެ ކުރީން، ކެނެޑާގެ ކޯޗު، ޖެސޭ މާޝް ވަނީ، ލީޑްސް ޔުނައިޓެޑްގެ ކޯޗުގެ މަގާމުން ވަކިކޮށް، އެމެރިކާ އިން އޭނާ ކޯޗުގެ މަގާމަށް އައްޔަންނުކުރިނަމަވެސް އޭނާގެ ގާބިލްކަން ސާބިތުކޮށްދިނުމަށްޓަކައި ކެނެޑާ އާއެކު ކާމިޔާބީއެއް ބޭނުންނުވާ ކަމަށް ބުނެފައެވެ.
މާޝް މިހެން ބުނީ، މެޗުގެ ކުރީން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މާޝް ބުނީ، ކެނެޑާ އިން އޭނާ ގެންނަން ބޭނުންވި މިންވަރު ނުހަނު ރަނގަޅަށް އެނގޭ ކަމަށާއި، އޭނާގެ ކެރިއަރުގައި މިހިސާބުން ފާޑު ފާޑުގެ ވާހަކަތަކަށް އިތުރު އެއްވެސް ޖާގައެއް ނުދޭނެ ކަމަށެވެ.
ލީޑްސްގެ ކޯޗުކަމާ މާޝް ހަވާލުވީ 2022 ވަނަ އަހަރުގެ ފެބުރުއަރީ މަހުގައެވެ. އޭރު އެ ޓީމު އޮތީ ރެލިގޭޝަން ޒޯނަށްވުރެ ދެ ޕޮއިންޓް މަތީގައެވެ. އެ ފަހަރުގެ ސީޒަން ލީޑްސް ނިންމާލީ 17 ވަނައިގައި އޮވެގެންނެވެ. އެއަށްފަހު އަހަރެއްހާ ދުވަސް ފަހުން، ލީގުގެ 17 ވަނައިގައި ލީޑްސް އޮއްވާ މަގާމުން އޭނާ ވަނީ ދުރުކޮށްފައެވެ.
މުބާރާތުގައި ވާދަކުރި އެމެރިކާގެ ކޯޗުގެ މަގާމަށް އައްޔަންކުރުމާ ގުޅޭގޮތުން މާޝްއާ އިންޓަވިއު ކުރުމަށްފަހު އޭނާ އަށް އެ ފުރުޞަތު ނުދިނެވެ. އެކަމަކު، ކެނެޑާ އިން ވަނީ އޭނާ އަށް ފުރުޞަތު ދީފައެވެ. ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕް، ކެނެޑާ އާއި އެމެރިކާގެ ބޭއްވުމަށް ހަމަޖެހިފައިވާއިރު މި ފަހަރުގެ ކޮޕާ އެމެރިކާގައި ވާދަކޮށް އެމެރިކާ ކެޓީ ގްރޫޕް ސްޓޭޖުންނެވެ.
މާޝް ބުނީ، ކޯޗެއްގެ ގޮތުގައި އޭނާގެ ގާބިލްކަމާ މެދު ދުވަހަކުވެސް ޝައްކެއް ނުކުރާނެ ކަމަށާއި، އެކަމުގައި އޭނާ އަށް އަބަދުވެސް ސުވާލު އުފެދެނީ އެކުގައި މަސައްކަތްކުރާނެ ރަނގަޅު މީހުން ހޯދުމުގައި ކަމަށެވެ. އަދި މިހާރު ކެނެޑާ ގައުމީ ޓީމަށް އިރުޝާދުދޭއިރު އޭނާ އަށް އިހުސާސްކުރެވެނީ އަމިއްލަ ގައުމު ފަދައިން ކަމަށް ވެސް މާޝް ބުންޏެވެ.
ކެނެޑާގެ ފުޓްބޯޅަ އެސޯސިއޭޝަނަކީ ވަރަށް ޕްރޮފެޝަނަލް އަދި އެހާ ހިތްތިރި ބަޔަކު ތިބޭ އޯގަނައިޒޭޝަނެއް ކަމަށާއި، އެތަނުގެ އައު ލީޑްޝިޕް ކުރަމުންދަނީ ވަރަށް ފުރިހަމަ މަސައްކަތްތަކެއް ކަމަށް މާޝްގެ ވާހަކައިގައި ފާހަގަކުރިއެވެ.
އެ ގައުމުގެ ހުރިހާ އެންމެންވެސް ތިބީ ކެނެޑާ ޓީމާއެކު ކަމަށާއި، މުބާރާތުގައި މިހާތަނަށް ކުރަމުންދާ މަސައްކަތުގައި ހޯދަމުން އަންނަ މޮޅާއި ކާމިޔާބީގެ ފަހަތުގައި ވެސް ތިބި ކަމަށް މާޝް ބުންޏެވެ. އޭނާ މަގާމާ ހަވާލުވި ފުރަތަމަ ދުވަހާ ހިސާބުން އެގޮތަށް ގަބޫލުކުރެވޭ ކަމަށާއި، ކެނެޑާ އަށް އައީ ވެސް އެހެންވެ ކަމަށް މާޝް ވަނީ ބުނެފައެވެ.
މުބާރާތުގެ ސެމީ ފައިނަލްގައި ކެނެޑާއާ ދެކޮޅަށް އާޖެންޓީނާ ކުޅުމަށް ހަމަޖެހިފައިވާ މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ ފަތިހު 5 ޖަހާއިރު އެވެ.