ޚަބަރު

ސްޕެއިނުން ބޭނުންވަނީ ފައިނަލަށް ދާން، އެކަމަކު ކޮންމެ ނަތީޖާއެއް ނިކުތަސް އުފާވާނެ: ފުއެންޓޭ


ޔޫރޯ 2024 ގެ ސެމީ ފައިނަލްގައި މިރޭ ފްރާންސާ ދެކޮޅަށް ނިކުތުމުގެ ކުރީން، ސްޕެއިނުގެ ކޯޗު، ލުއިސް ޑި ލާ ފުއެންޓޭ ބުނީ، ސްޕެއިނުން ބޭނުންވަނީ މުބާރާތުގެ ފައިނަލަށް ދަތުރުކުރުމަށް ކަމަށާއި، އެކަމަކު ކޮންމެ ނަތީޖާއެއް ނިކުތަސް އޭނާ ވަރަށް ބޮޑަށް އުފާވާނެ ކަމަށެވެ. އޭނާގެ ޓީމުން މިހާތަނަށް ހޯދަމުންއައި ކުރިއެރުންތަކާއި، މުބާރާތަށް ދެމުން އަންނަ ކޮމިޓްމަންޓް ފެނިގެންގޮސްފައިވާއިރު، މިގޮތަށް ކުރިއަށްގެންގޮސްފިނަމަ ކަމެއް ހާސިލްކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ވެސް ފުއެންޓޭ ބުންޏެވެ.

ފުއެންޓޭ މިހެން ބުނީ، މެޗުގެ ކުރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ފުއެންޓޭ ވަނީ، ފްރާންސާ ދެކޮޅަށް ކުޅޭ މެޗަކީ ވެސް ފައިނަލެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އެގޮތުން، ސްޕެއިނުން ނިކުންނަ ޖެހޭ އިދިކޮޅު ޓީމު ކަމަށްވާ ފްރާންސަކީ ތަފާތު މޮޅު ޓީމެއް ކަމަށާއި، އެ ޓީމުގެ ފެންވަރު ވަޒަންކޮށްލާއިރު އެއީ އެންމެ މަތީ ލެވެލްގެ މޮޅު ޓީމެއް ކަމަށް ވެސް ފުއެންޓޭ ވަނީ ބުނެފައެވެ.

އޭނާގެ ޓީމުން އެންމެ ބޮޑަށް ސަމާލުކަންދޭނީ މެޗުގެ އުނދަގޫ ދަނޑިވަޅުތަކުގައި ބޯޅަ ގެއްލުނަނުދިނުމަށް ކަމަށާއި، ފަހަރުގައި އެއީ ވަރަށް މުހިއްމުކަމަކަށްވުން ގާތް ކަމަށް ވެސް ފުއެންޓޭ ބުންޏެވެ. އަދި ފްރާންސާ ދެކޮޅަށް ކުޅޭ މެޗުވެގެންދާނީ ވަރަށް 'އޯޕަން' ހަމަހަމަ މެޗަކަށް ކަމަށް ވެސް ފުއެންޓޭ ވަނީ ބުނެފައެވެ.

ފުއެންޓޭ ބުނީ، ސްޕެއިނުގެ ހުރިހާ ކުޅުންތެރިން ވެސް ރަނގަޅަށް ރިކަވާ ވެއްޖެ ކަމަށެވެ. އެކަމަކު، ކޮންމެވެސް ވަރަކަށް ޓީމު ތެރޭގައި ކަންބޮޑުވުމާއި، ސްޓްރެސް އޮތްކަން ފުއެންޓޭ ފާހަގަކުރިއެވެ.

"ޓީމުގައި ކޮންމެވެސް ވަރަކަށް ޓެންޝަނާއި ސްޓްރެސް އެބައޮތް." ފުއެންޓޭ ބުންޏެވެ.

މެޗުގައި އޭނާގެ ކުޅުންތެރިންނަށް ފިޒިކަލީ ކުރިމަތިލާންޖެހޭ އުނދަގޫތަކުން އަރައިގަތުމަށް ޖެހޭނެ ވަކި ދަނޑިވަޅުތައް އަންނާނެ ކަމަށާއި، ފްރާންސަކީ މުބާރާތުގެ އެންމެ ފިޒިކަލް އެއްޓީމު ކަމަށްވީއިރު އެ ޓީމާ ދެކޮޅަށް ކުޅޭނެ ގޮތް އެނގޭ ކަމަށް ވެސް ފުއެންޓޭ ވަނީ ބުނެފައެވެ.

ސްޕެއިންގެ ސްޓައިލާ ބެހޭގޮތުން ޑި ލާ ފުއެންޓޭ ބުނީ، ސްޕެއިނަކީ ރީތި ފުޓްބޯޅައެއް ކުޅޭ ޓީމެއް ކަމަށާއި، އެކަމަކު އެންމެ މުހިއްމީ މޮޅުވުން ކަމަށެވެ.

މުބާރާތުގެ ސެމީ ފައިނަލްގައި ފްރާންސާ ދެކޮޅަށް ސްޕެއިން ކުޅުމަށް ހަމަޖެހިފައިވާ މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 12 ޖަހާއިރު އެވެ.

"
ސްޕެއިނުން ބޭނުންވަނީ ރީތި ފުޓްބޯޅައެއް ކުޅެން، އެކަމަކު ޕްރެކްޓިކަލް ފުޓްބޯޅަ ކުޅެން ވެސް ބޭނުން. އެއީ ނިންމާއިރު އެންމެ މުހިއްމީ ނަތީޖާ ކަމަށް ވާތީވެ.
ސްޕެއިނުގެ ކޯޗު، ލުއިސް ޑި ލާ ފުއެންޓޭ