ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ މައިލޯ ވީއޭއެމް ކަޕުގެ އަންހެން ޑިވިޝަނުގެ ކުޅުން ފަށައިފިއެވެ.
މުބާރާތް ރަސްމީކޮށް ފަށާފައިވަނީ ރޭ ޕޮލިސް ކުލަބާއި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން ބައްދަލުކުރި މެޗުންނެވެ. މި މެޗު ޝަރަފްވެރިކޮށްދެއްވީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރ ޒީނާ ޒާހިރެވެ.
ވާދަވެރި ކުޅުމަކަށްފަހު ޕޮލިސް ކުލަބުން މި މެޗު ކާމިޔާބުކޮށްފައިވަނީ 3-2 ސެޓުންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓު ޕޮލިހުން ކާމިޔާބުކޮށްފައިވަނީ ފަސޭހަކަމާއެކު އެވެ. އެއީ 18-10، 18-14 އެވެ. ނަމަވެސް ތިންވަނަ ސެޓު ޔޫތު ނިއު ޖެނެރޭޝަން ވަނީ ދެ ޕޮއިންޓުގެ ފަރަގަކާއެކު ކާމިޔާބުކޮށްފައެވެ. އެއީ 16-18 ޕޮއިންޓުންނެވެ. ހަތަރުވަނަ ސެޓުގައި ޕޮލިހުން ފެނުނީ ދަށްކޮށެވެ. އެއާއެކު މި ސެޓުވެސް ޔޫތު ނިއު ޖެނެރޭޝަނުން ވަނީ 18-12 އިން ކާމިޔާބުކޮށްފައެވެ. މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ފަސްވަނަ ސެޓު ޕޮލިހުން ކާމިޔާބުކޮށްފައިވަނީ 15-11 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕޮލިސް ކުލަބުގެ އާމިނަތު ޝަހާ ޝާމިން އެވެ.
އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ފުރަތަމަ ދުވަހު ވަނީ މި މެޗާއެކު ޖުމްލަ ހަތަރު މެޗެއް ކުޅެފައެވެ. އެންމެ ފުރަތަމަ ކުޅުނީ ގްރޫޕް އޭގެ ދެ މެޗެވެ. ފުރަތަމަ މެޗަށް އަލްމާ ސްޕޯޓްސް ކުލަބު ހާޒިރުނުވުމުގެ ސަބަބުން ކުލަބު ވެމްކޯއަށް ވަނީ މެޗު ލިބިފައެވެ. ދެވަނަ މެޗުގައި ބައްދަލުކުރީ ހިންމަފުށި ވިކްޓޯރިއަސް ސްޕޯޓްސް ކުލަބާއި އެސޯސިއޭޝަން ފޯ ދަރަނބޫދޫ ޑިވެލޮޕްމަންޓެވެ. މި މެޗު ދަރަނބޫދޫ އިން ކާމިޔާބުކޮށްފައިވަނީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް އެ ޓީމުން ގެންގޮސްފައިވަނީ 18-9، 18-6 އަދި 19-14 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދަރަނބޫދޫގެ ފަޒްލާ މުހައްމަދެވެ.
ތިންވަނަ މެޗުގައި ބައްދަލުކުރީ ގްރޫޕް ބީގެ ގުޑީސް ސްޕޯޓްސް ކުލަބާއި އަސްދިގަ ސްޕޯޓްސް ކުލަބެވެ. މި މެޗު 3-1 ސެޓުން ކާމިޔާބުކޮށްފައިވަނީ ގުޑީސް ސްޕޯޓްސް ކުލަބުންނެވެ. މެޗުގެ ފުރަތަމަ ސެޓު 18-15 އިން ގުޑީސް ކާމިިޔާބުކުރި ނަމަވެސް އަސްދިގަ ވަނީ ދެވަނަ ސެޓު 12-18 އިން ކާމިޔާބުކޮށްފައެވެ. ގުޑީސް މެޗު ކާމިޔާބުކޮށްފައިވަނީ ފަހު ދެ ސެޓު 18-11 އިން ކާމިޔާބުކޮށްގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ގުޑީސްގެ މަރްޔަމް އާމިރެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ކުލަބު ވެމްކޯ، އަލްމާ ސްޕޯޓްސް ކުލަބު، ހިންމަފުށި ވިކްޓޯރިއަސް ސްޕޯޓްސް ކުލަބު އަދި އެސޯސިއޭޝަން ފޯ ދަރަނބޫދޫ ޑިވެލޮޕްމަންޓެވެ. ގްރޫޕު ބީގައި ހިމެނެނީ ޕޮލިސް ކުލަބާއި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނުގެ އިތުރުން ގުޑީސް ސްޕޯޓްސް ކުލަބާއި އަސްދިގަ ސްޕޯޓްސް ކުލަބެވެ. ކޮންމެ ގްރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމު ސެމީން ޖާގަ ލިބޭއިރު ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.