އުރީދޫގެ ދައުވަތަކަށް ރާއްޖެ އައި ޕީއެސްޖީގެ ލެޖެންޑް ޖޭޖޭ އޮކޯޗާއާއެކު ބޭއްވި "ޕްލޭ ފުޓްސަލް ވިތު އޮކޯޗާ" އެގްޒިބިޝަން ފުޓްސަލް މެޗު މާޒިޔާ އިން ކާމިޔާބުކޮށްފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މިމެޗުގައި ވާދަކުރީ އުރީދޫގެ ސްޕޮންސާޝިޕުގައި ހިމެނޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކުޅުންތެރިން ހިމެނޭ ޓީމަކާއި ލެޖެންޑުންގެ ޓީމެކެވެ. މި މެޗު މާޒިޔާ ކާމިޔާބުކުރީ 8-5 ގެ ނަތީޖާއަކުންނެވެ.
މެޗުގައި އޮކާޗާގެ އިތުރުން ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ދެ ކެޕްޓަނުން ކަމަށްވާ އަލީ އަޝްފާގާއި ކަލީމް ކުޅުނުއިރު އޮކޯޗާ ވެސް ރާއްޖޭގެ ތަރިންގެ ޓީމަށް ވަނީ ކުޅެފައެވެ. ރާއްޖޭގެ ލެޖެންޑުންގެ ޓީމުގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފްގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއު ވެސް ހިމެނެއެވެ. އަދި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވެސް މި ޓީމުގައި ހިމެނުނެވެ.
މެޗުގައި އޮކޯޗާ ލަނޑު ޖެހިއިރު އަޝްފާގުވެސް ވަނީ ލަނޑު ޖަހާފައެވެ. އޮކޯޗާގެ މި ދަތުރުގައި އުރީދޫން ހުކުރު ދުވަހު ލާމު އަތޮޅުގައި ބޭއްވި ލާމް ފަންރަންގަ ވެސް ވަނީ ބައިވެރިވެފައެވެ. އަދި މީގެ އިތުރުން މާލޭ ކުޅިވަރު އެކުވެނީގެ ވަނީ ކޯޗިންގެ ހާއްސަ ސެޝަނެއް ކުރިޔަށް ގެންގޮސްފައެވެ.
އޮކޯޗާގެ މި ދަތުރަކީ އުރީދޫގެ ޕްރީމިއަމް ޕާޓްނަރު ޕީއެސްޖީއާ އޮތް ޕާޓްނާޝިޕްގެ ސަބަބުން ކުރާ ޕްރޮމޯޝަނަލް ހަރަކާތެއް ކަމަށް އުރީދޫ މޯލްޑިވްސްއިން މައުލޫމާތުދެއެވެ.
ޕީއެސްޖީއަކީ 2013 ވަނަ އަހަރުން ފެށިގެން އުރީދޫ ގްރޫޕްގެ ޕްރިމިއަމް ޕާޓްނަރެއްގެ އިތުރުން ގްލޯބަލް ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ކްލަބެކެވެ.