ދީން

ޙައްޖު ސްކީމްގައި ފިނޭންސް މިނިސްޓްރީން ބައިވެރިވެއްޖެ


މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ތަޢާރަފްކޮށްފައިވާ މުވައްޒަފުންގެ ޙައްޖު ސްކީމްގައި ފިނޭންސް މިނިސްޓްރީ މިއަދު ބައިވެރިވުމުން މިހާތަނަށް 11 ކުންފުންޏަކުން އެ ސްކީމުގައި ބައިވެރިވެއްޖެކަމަށް އެކޯޕަރޭޝަނުން ބުނެފިއެވެ.

މުވައްޒަފުންގެ ސްކީމަކީ ދުރާލާ ފައިސާ ދައްކައިގެން ޙައްޖަށާއި ޢުމްރާއަށް ދިއުމުގެ މަގު ތަނަވަސްކޮށްދޭ ސްކީމެކެވެ. އެގޮތުން މި ސްކީމްގެ ދަށުން އެމުވައްޒަފަކު ބޭނުންވާ އަދަދަކަށް އެމުއައްޒަފެއްގެ މުސާރައިން ޙައްޖު ފަންޑަށް އުނިކޮށް ފައިސާ ހަމަކުރެވޭނަކަމަށް ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ.

ފިނޭންސް މިނިސްޓްރީގެ މުއައްޒަފުން މި ސްކީމްގައި ބައިވެރިކޮށް، އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި  ވާހަކަފުޅުދައްކަވަމުން ފިނޭސްމިނިސްޓަރ ޢަބްދުﷲ ޖިހާދު ވިދާޅުވީ، ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އެހީތެރިވެދިނުމަށް ތަޢާރަފްކުރައްވާފައިވާ މި ސްކީމަކީ ވަރަށް ބޭނުންތެރި ސްކީމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓރަ ޔާމީން އިދުރީސް ވިދާޅުވީ، މުވައްޒަފުންގެ ސްކީމަށް ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުން ބޮޑު ތަރުޙީބެއް ލިބެމުންދާ ކަމަށެވެ.