ކުރީ ސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރެއް އެކުލަވާލާފައި އޮތްނަމަވެސް އެފަދަ މީހުން ދެނެގަތުމަށް ދިރާސާއެއް ހަދައި ހުރިހާ ފަރާތްތަކެއްގެ މައުލޫމާތުތައް އެއްކޮށްފައިނުވާކަމަށް އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އާޢިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ ސިޔާސަތުތައް އެކަށައަޅާ ދެމެހެއްޓެނިވި ގޮތެއްގައި އެމީހުންގެ ދުޅަހެޔޮކަން ކަށަވަރުކޮށް އެމީހުންގެ ހާލަތު ޤަވާއިދުން ބަލައި މޮނިޓާކުރެވޭނެ ދައުލަތުގެ ނިޒާމެއް ޤާއިމްކުރުމަކީ ކޮންމެހެން މުހިންމު ކަމެއްކަމަށެވެ.
މިކަމާ ގުޅޭގޮތުން އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ ދޮށީ އުމުރުގެ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި ދައުލަތުން އެލަވެންސް ދިނުމާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް މަރުކަޒުކުރެވިގެން ޚިދުމަތްތަކެއް މިހާރު ވެސް ފޯރުކޮށްދެމުންދާކަމަށެވެ. ނަމަވެސް ރާއްޖޭގެ އާބާދީގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ދޮށީ އުމުރުގެ މީހުންގެ މުޅި ޖުމްލަ އަދަދާއި އަދި އެފަރާތްތަކުގެ ފުރިހަމަ މައުލޫމާތު ހިމެނޭ ދަފްތަރެއް އެކުލަވާލާފައިނުވާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އަދި އެއްވިއުގައެއްގެ ތެރެއިން އެ މައުލޫމާތުތައް ބަލާލެވޭނެ ނިޒާމެއް ވެސް މިހާތަނަށް ޤާއިމްކޮށްފައި ނުވާކަމަށާއި މައުލޫމާތުތައް ބަލަހައްޓަމުން އައިސްފައިވަނީ އެކި އިދާރާތަކުން އެކި މިންވަރަށްކަމަށެވެ.
އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ދަފްތަރެއްގައި ރަޖިސްޓްރީވުމަށް ހުޅުވާލާފައި އޮތް ނަމަވެސް، ރާއްޖޭގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދޮށީ އުމުރުގެ މީހުން ދެނެގަތުމަށް ދިރާސާއެއް ހަދައި ހުރިހާ ފަރާތްތަކެއްގެ މައުލޫމާތުތައް އެއްކޮށްފައިނުވާކަމަށެވެ. އަދި މިހާތަނަށް އެ ދަފްތަރުގައި ރަޖިސްޓްރީވެފައި ވަނީ އަމިއްލައަށް ބޭނުންވެގެން ރަޖިސްޓްރީވެފައިވާ ފަރާތްތައް އެކަނިކަމަށާއި ރަޖިސްޓްރީވުމަށްފަހު، ޤަވާއިދުން އެމީހުންގެ ހާލަތު ބަލައި މޮނިޓާރކޮށް އެފަރާތްތަކުގެ މައުލޫމާތު އަދާހަމަކުރެވޭނެ ނިޒާމެއް ވެސް މިހާތަނަށް ޤާއިމްކޮށްފައިނުވާކަމަށެވެ.
އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދޮށީ އުމުރުގެ މީހުންގެ ފުރިހަމަ މައުލޫމާތު ހިމެނޭ ދަފްތަރެއް މިހާތަނަށް އެކުލަވާލެވިފައި ނުވުމަކީ ރާއްޖޭގެ އާބާދީގައި ދައުލަތުގެ ޚާއްސަ ސަމާލުކަން ބޭނުންވާ ބަޔަކު ތިބި ނަމަވެސް، އެމީހުން ބާކީވެގެން ދިއުމުގެ އިހުމާލު އޮތް ކަމެއްކަމަށެވެ. އަދި އެއް ވިއުގައެއްގެ ތެރެއިން އެމީހުންގެ ހާލަތު ބަލާ މޮނިޓާކުރެވޭނެ ނިޒާމެއް ނެތުމުން އެހީތެރިކަން ފޯރުކޮށްނުދެވުމާއި އިހުމާލުވުމުގެ މައްސަލަތައް ފެންމަތިވަމުން އަންނަކަން އެ ވުޒާރާއިން ފާހަގަކުރައްވައެވެ.
އެ ވުޒާރާއިން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދޮށީ އުމުރުގެ މީހުންގެ ފުރިހަމަ މައުލޫމާތު ހިމެނޭ ޤައުމީ ދަފްތަރެއް އެކުލަވާލުމަށްޓަކައި، ޤައުމީ ފެންވަރުގެ ސާވޭއެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ. އަދި އެ ސާވޭއަށްފަހު ރާއްޖޭގެ ކޮންމެ ރަށެއްގެ، ކޮންމެ ގޭބީސީއެއްގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދޮށީއުމުރުގެ މީހުންގެ ފުރިހަމަ މައުލޫމާތު އެއްވިއުގައެއްގެ ތެރެއިން ބަލާލެވޭނެ ނިޒާމު ޤާއިމްކުރެވިގެންދާނެކަމަށް އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އެއާއެކު ދައުލަތުގެ ރައްކާތެރިކަމުގެ ވިއުގައިން ހަވާސާވެފައި މީހަކު ހުރިނަމަ އެކަން ދެނެގަނެވި އެމީހުންނަށް ފުރަތަމަ މަރުހަލާގައި ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދެވޭނެކަންވެސް އެ ވުޒާރާއިން ފާހަގަކުރައްވައެވެ. އަދި އެފަދަ މީހުންނަށް ދައުލަތުން ފޯރުކޮށްދޭ މާލީ އެހީތެރިކަމުގެ އިތުރުން އެމީހުންގެ އިޖުތިމާއީ ދުޅަހެޔޮކަމަށް ކުރަންޖެހޭ މަސައްކަތްތަކާއި، އާއިލީ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކާއެކު އެމީހުންނަކީ އަބުރުވެރިކަމާއެކު މުޖުތަމައުގައި އުޅޭ ބަޔެއްކަން ކަށަވަރުކުރުމަށް މުޖުތަމައު ބައްޓަން ކުރުމަށް ކުރެވޭ މަސައްކަތްތައް ވެސް ކުރެވިގެންދާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މީގެ އިތުރުން ދައުލަތުން ފޯރުކޮށްދޭ އެލަވަންސްގެ ފައިދާ އެމީހުންނަށް ކުރާ މިންވަރާއި، އެމީހުންގެ ހާލަތު ގާތުން ބަލައި މޮނިޓާކުރެވޭނެ ނިޒާމެއްގެ ޤާއިމްކުރެވިގެންދާނެކަންވެސް އިޖްތިމާޢި އަދި އާއިލި ތަރައްޤީއާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.