ކުޅިވަރު

ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށަނީ


ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.

މާލޭގެ ހޭންޑްބޯޯޅާ ކޯޓުގައި މެޗެއް ކުޅޭއިރު ވާރޭ ވެހިއްޖެނަމަ، ކިތަންމެ ބޮޑު މުބާރާތެއްގެ މެޗެއްކަމުގައިވީ ނަމަވެސް އެ މެޗެއް ޖެހޭނީ އެ ވަގުތަށް މެދުކަނޑާލަން ނުވަތަ އެހެން ދުވަހަކަށް ފަސްކުރާށެވެ. އެއީ ވާރޭވެހި ކޯޓުގައި ފެންހެދިއްޖެނަމަ ފެންގަނޑު ހިކެން އިރުތަކެއް ނަގާތީއެވެ.

އަނެއްކޮޅުން ފެންގަނޑު އެއްކޮށް ހިކުނަސް ކޯޓުގައި އަޅާފައިވާ ކާޕެޓްތައް ހިކެންވެސް ވަގުތު ނަގައެވެ. ރަނގަޅަށް ކާޕެޓް ނުހިކެނީސް ކުޅެން އަރައިފިނަމަ ދަނޑަށް ގެއްލުން ލިބުމުގެ ފުރުސަތު ބޮޑެވެ. އަދި ކުޅުންތެރިންނަށް އަނިޔާވުމުގެ ފުރުސަތު އޮވެއެވެ.

މިކަމަށް ހައްލެއް ހޯދުމަށް ހޭންޑްބޯލް މޯލްޑިވްސް އިން މަސައްކަތްކުރާތާ ގިނަ އަހަރުތަކެއް ވެއްޖެއެވެ. ނަމަވެސް އެތަން ހިޔާކުރެވޭނެ އަލިމަގެއް މިހާތަނަށް ނުފެނެއެވެ.

އިންޑިއާގެ ޖައިޕޫރުގައި ބާއްވާ އައިއެޗްއެފް ޓްރޮފީގައި ވާދަކުރާ ޒުވާންގައުމީ ހޭންޑްބޯޅަ ޓީމަށް ޖާޒީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރާފިޢު ވިދާޅުވީ ހޭންޑްބޯޅަ ކޯޓު ހިޔާކޮށް، ލައިޓު ހަރުކުރުމަށް ބޭނުންވާ މަޢުލޫމާތު މިދިޔަ ދެމަހެއްހާ ދުވަހު އެސޯސިއޭޝަން އާއި މިނިސްޓްރީއާ ކުރެވުނު މަސައްކަތުން އެއްކޮށްފައިވާ ކަމަށެވެ. އަދި މާ ލަސްތަކެއް ނުވެ އެތަން ހިޔާކުރުމުގެ މަސައްކަތްވެސް ފެށިގެންދާނެކަމަށް ފާހަގަކުރެއްވި އެވެ.

ރާއްޖޭގައި މިހާރު އެންމެ ދަތި ހާލުގައި މުބާރާތްތަކާއި ހަރަކާތްތައް ބާއްވާ އެއް ތަނަކީ ހޭންޑްބޯޅަ ކޯޓެވެ. އެގޮތުން 2021 ވަނަ އަހަރު ތަރައްޤީކުރި މި ކޯޓަކީ 2015 ވަނަ އަހަރު ވުޖޫދުވި ހޭންޑްބޯލް މޯލްޑިވްސްގެ ހުރިހާ މުބާރާތްތަކެއް ބާއްވާ ހަމައެކަނި ތަނެވެ.