ޚަބަރު

ރައީސްގެ މަސައްކަތްޕުޅާއެކު ޤައުމުގެ ސަލާމަތްތެރިކަން މިއަދު މިއޮތީ އައު ހަރުފަތަކަށް ގެނެވިފަ: ޣައްސާން


  • އަސްކަރީ ޑްރޯން ތައާރަފްކުރުމަކީ ފަޚުރުވެރިވާންޖެހޭ މުހިއްމު ކަމެއް

  • އެއްގަމާއި ކަނޑާއި ވައިގެ ދާއިރާއިންވެސް ސިފައިންގެ ޤާބިލިއްޔަތުކަން އިތުރުކުރާނެ

  • މިއަދު ސިފައިންދަނީ ފަޚުރުވެރިކަމާއެކު ރާއްޖޭގެ ސަރަޙައްދުތައް ބަލައި ފާސްކުރަމުން

މިނިވަންކަން ހިމާޔަތްކުރެއްވުމުގެ ގަދަ އަޒުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެއްޓެވި މަސައްކަތްޕުޅާއެކު މިއަދު ދިވެހި ޤައުމު މިވަނީ ސަލާމަތްތެރިކަމުގެ އައު ހަރުފަތަކަށް ގެނެވިފައިކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ދިފާޢީ ވަޒީރު މިހެން ވިދާޅުވީ ވެރިކަންކުރާ މައި ޕާޓީ، ޕީއެންސީގެ ހަރުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ދިފަޢީ ވަޒިރު ވިދާޅުވީ އިންތިޚާބުވުމުގެ ކުރިން ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރުން ފެށިގެން ރައީސް ޤައުމިއްޔަތުގެ ދިފާޢުގައި އެންމެ އަސަރާއެކު ވާހަކަފުޅުދެއްކެވި ކެންޑިޑޭޓަކީވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒުކަމަށާއި އިންތިޚާބު ކާމިޔާބުކުރައްވައި ވެރިކަމުގެ ހުވާކުރެއްވުމަށްފަހުވެސް އެންމެ އިސްކަންދެއްވީ ޤައުމުގެ މިނިވަންކަން ހިމާޔަތްކުރެއްވުމަށް ވެވަޑައިގެންނެވި ވަޢުދު ފުއްދެވުމަށްކަމަށެވެ.

އެގޮތުން ރާއްޖޭގައި ޤާއިމްވެތިބި އިންޑިއާގެ ސިފައިން އަނބުރާ ފޮނުވާލުމަށް ޙިކުމަތްތެރިކަމާއެކު ފެއްޓެވި މަސައްކަތްޕުޅުގެ ދަށުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަށް އެޤައުމާއެކު މަޝްވަރާކުރައްވައި އެކަން ކުރިއަށްގެންދެވީ ރާއްޖެއަށް އެއްވެސް ގެއްލުމެން ނުވާނެހެން ޗީފް ޑިޕްލޮމެޓުގެ ޙައިސިއްޔަތުން ޑިޕްލޮމަސީގެ ރީތި ނަމޫނާ ދައްކަވަމުންކަމަށް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން މޭ މަހުގެ 9 ވަނަ ދުވަހުގެ ފަހުން ރާއްޖޭގައި ރާއްޖޭގައި އިންޑިއާ ސިފައިން ނުތިބޭކަމަށް ވިދާޅުވާ ވިދާޅުވުން ދިފަޢީ ވަޒީރުވަނީ ތަކުރާރުކުރައްވާފައެވެ.

ދިވެހި ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލުގެ ހިމާޔަތުގައި ރައީސުލްޖުމްހޫރިއްޔާ ދެން ފެއްޓެވީ ދިވެހި އަސްކަރިއްޔާގެ ޤާބިލިއްޔަތުކަން ކުރިއެރުމުވުގެ މަސައްކަތްކަމަށާއި، އެގޮތުން ސިފައިންގެ ވައިގެ ބާރު އުފައްދަވައި އަސްކަރީ ޑްރޯން ތައާރަފްކުރެވިގެންދިއުމަކީ ދިވެހިން ފަޚުރުވެރިވާންޖެހޭ މުހިއްމު ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ދިވެހި ސިފައިން މިއަދު ދަނީ ފަޚުރުވެރިކަމާއެކު ދިވެހިރާއްޖޭގެ ސަރަޙައްދު މި ދެންނެވި ޔޫއޭވީތައް ބޭނުންކޮށްގެން ބަލައި ފާސްކުރަމުން. ޤައުމުގެ މިނިވަންކަން ހިމާޔަތްކުރަމުން. މިއީ އަދި ފެށުމެއް. ރައީސްގެ ވިސްނުންފުޅުހުރީ އެއްގަމާއި ކަނޑާއި ވައިގެ ދާއިރާއިންވެސް ސިފައިންގެ ޤާބިލިއްޔަތުކަން އިތުރުކުރުމަށް" ދިފާޢި ވަޒީރު ވިދާޅުވިއެވެ.

ދިފާޢީ ވަޒީރުގެ ވާހަކަފުޅުގައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ހިކުމަތްތެރި ދުރުވިސްނުންފުޅާއެކު ރައްޔިތުންނާއި ދިވެހި ޤައުމަށް މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލު އޭގެ އެންމެ ފުރިހަމަ މާނައިގަ ހިމާޔަތްކޮށްދެއްވުމުގެ މަސައްކަތުގައި އަސްކަރިއްޔާ ރުކުރުވާލެވިފައި އޮތީ އެމަނިކުފާނުގެ ފަހަތްޕުޅުގައިކަމުގެ ޔަޤީންކަން ދެއްވާފައެވެ.