ޚަބަރު

ބައިޑަންގެ ބަދަލުގައި ހެރިސް ނިކުންނަވައިފި ނަމަ ޓްރަމްޕަށް ބާރު ބޮޑުވާނެ


ނޮވެންބަރު މަހު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ދެވަނަ ބުރެއް ކަށަވަރު ކުރެއްވުމަށް ރައީސް ޖޯ ބައިޑަން ކެމްޕޭން ކުރައްވަމުން ގެންދަވާ މި ދަނޑިވަޅުގައި, އޭނާގެ ނައިބު ރައީސް ކަމުގެ މަޤާމުގައި ހުންނެވި ކަމަލާ ހެރިސަށް ޓިކެޓު އަރުވަން ގޮވައިލާ އަޑުތައް ގަދަވާން ފަށައިފިއެވެ. މި ގޮވައިލުންތަކުގެ ފަހަތުގައި ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ އިސް ބައެއް މެންބަރުން ވެސް އެބަ ތިއްބެވިއެވެ.

މި ގޮވައިލުންތަކަށް އިޖާބަދެއްވައި ރިޔާސީ ޓިކެޓު ދޫކޮށްލައްވަން ބައިޑަން އެއްބަސްވެ ވަޑައިގަންނަވައިފި ނަމަ, އޭނާގެ ބަދަލުގައި ޑިމޮކްރެޓިކް ޕާޓީން ކުރިއަށް ނެރޭނެ ކަމަށް ބެލެވޭ ކެނޑިޑޭޓަކީ ހެރިސެވެ. މި ކަމަށް ތާޢީދުކޮށް, ޑިމޮކްރެޓިކް ޕާޓީގެ ނަން ހިނގާ ބައެއް އިސް މެންބަރުން ގެންދަވަނީ ހެރިސަށް ތާޢީދު ކުރައްވާ ކަން ހާމަ ކުރައްވަމުންނެވެ.

59 އަހަރުގެ ހެރިސަކީ އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް, ކޮންގްރެސްގެ މަތިގެ, ސެނެޓުގެ މެންބަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ. ކެލިފޯނިޔާ ސްޓޭޓްގެ އެޓަރނީ ޖެނެރަލްގެ މަޤާމު ވެސް ފުރުއްވާފައިވާ ހެރިސަކީ, ޑިމޮކްރެޓުންނަށް ވެސް, އިދިކޮޅު ރިޕަބްލިކަން ޕާޓީއަށް ވެސް, އަދި އެމެރިކާގެ ވޯޓުލާ މީހުންނަށް ވެސް އައު މޫނެއް ނޫނެވެ. ކުރިއަށް އޮތް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓު, ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ވާދަ ކުރައްވައި ހެރިސް ކުރި ހޯއްދަވައިފި ނަމަ, އޭނާ ވެވަޑައިގަންނަވާނީ އެމެރިކާގެ ފުރަތަމަ އަންހެން ރައީސާ ކަމުގައެވެ. އޭނާއަކީ, އެމެރިކާގެ ނައިބު ރައީސް ކަމުގެ މަޤާމު ފުރުއްވަމުން ގެންދަވާ ކަޅު, އަދި އޭޝިޔާ ނަސްލުގެ ފުރަތަމަ ބޭފުޅާއެވެ.

ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރުން މިހާރު ގެންދަވަނީ, ބައިޑަންގެ ބަދަލުގައި ހެރިސަށް ޓިކެޓު އެރުވުމަކީ, ކުރިއަށް އޮތް އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުޞަތު ޑިމޮކްރެޓުންނަށް ބޮޑުވާނެ ނިންމުމަކަށް ވާނެތޯ ސުވާލު އުފައްދަމުންނެވެ. ނަމަވެސް, ބައިޑަން ވަނީ ރިޔާސީ ޓިކެޓު ދޫކޮށްލައްވަން ތަކުރާރުކޮށް ދެކޮޅު ހައްދަވާފައެވެ.

ނައިބު ރައީސް ކަމުގެ މަޤާމުގައި ހެރިސް އަދާ ކުރައްވާފައިވާ ތިން އަހަރާ ހަ މަސް ދުވަހުގެ މުއްދަތަށް ނަޒަރު ހިންގައިލުމުން ފެނިގެން ދަނީ އެހާ ކާމިޔާބު ފެށުމެއް ނޫނެވެ. އޭނާގެ ދަށުން މަސައްކަތް ކުރާ މުވައްޒަފުން ބަދަލުވާ މަންޒަރު ގިނައެވެ. އަދި, އޭނާ އިސްވެ ތަންފީޒު ކުރައްވަން މަސައްކަތް ފެއްޓެވި އިމިގްރޭޝަނާ ގުޅޭ ސިޔާސަތުތައް ކާމިޔާބުވެފައެއް ނުވެއެވެ. މި ކަމާ ގުޅިގެން, ހެރިސަކީ ނައިބު ރައީސް ކަމުގެ މަޤާމަށް އެންމެ އެކަށީގެންވާ ބޭފުޅާތޯ ޑިމޮކްރެޓިކް ޕާޓީގެ ބައެއް އިސް މެންބަރުން ސުވާލު އުފައްދަވާފައިވެއެވެ.

ނަމަވެސް, މިއަދު މި ވަނީ ހާލަތާއި މަންޒަރު ބަދަލުވެފައެވެ. ދާދި ފަހުން ހެރިސް ވަނީ ދަރިމައިވުމުގެ ޞިއްޙަތާ ބެހޭ ސިޔާސަތުތަކެއް ކުރިއަރުވައި, ވޯޓުލާ ޒުވާނުންގެ އާބާދީގެ ބޮޑު އިންސައްތައެއްގެ ތާޢީދު ހޯއްދަވާފައެވެ. ބައިޑަންގެ ކެމްޕޭން އޮފީހުން ބުނީ, ބައިޑަންގެ ރަނިންގ މޭޓުގެ ގޮތުގައި ކުރިއަށް ވަޑައިގަންނަވައި, ނައިބު ރައީސް ކަމުގެ މަޤާމުގައި އިތުރު ހަތަރު އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވުމަށް ހެރިސް އުންމީދު ކުރައްވާ ކަމުގައެވެ.

ޚިޔާލު ހޯދުމުގެ ބައެއް ވޯޓުތަކުގެ ނަތީޖާތަކަށް ބަލައިލާއިރު, ބައިޑަންގެ ބަދަލުގައި ޓްރަމްޕްގެ މައްޗަށް ކުރި ހޯއްދަވަން ހެރިސަށް ފުރުޞަތު ބޮޑެވެ. ޖުލައި 2ގައި ސީއެންއެނުން ހަދާފައިވާ ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާއިން ފެނިގެން ދިޔައީ ބައިޑަންގެ މައްޗަށް ޓްރަމްޕް 6 އިންސައްތައިގެ ކުރިއެރުމެއް ހޯއްދަވާފައިވާ މަންޒަރެވެ. ޓްރަމްޕަށް ތާޢީދު ކުރާ ކަމުގައި 49 އިންސައްތަ މީހުން ބުނާއިރު, ބައިޑަނަށް ތާޢީދު ކުރަނީ ވޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން 43 އިންސައްތައެވެ.

ނަމަވެސް, ބައިޑަންގެ ބަދަލުގައި ޓްރަމްޕާ ކުރިމަތިލައްވާނެ ކެނޑިޑޭޓެއްގެ ގޮތުގައި ހެރިސް ނިކުމެ ވަޑައިގަންނަވައިފި ނަމަ, މަންޒަރު ބަދަލުވެއެވެ. އަދި, ޑިމޮކްރެޓިކުންނަށް ކާމިޔާބީ ހޯދަން ފުރުޞަތު ފަހިވެގެންދެއެވެ. ޓްރަމްޕާއި ހެެރިސްގެ ކުރިމަތިލެއްވުމެއްގައި ވޯޓުލާނެ ގޮތުގެ ޚިޔާލު ހޯދުމުން ޓްރަމްޕަށް ތާޢީދު ކުރާނެ ކަމަށް ބުނާ މީހުންގެ ޢަދަދު 47 އިންސައްތައަށް ވެއްޓެއެވެ. އަދި, ހެރިސަށް ތާޢީދު ކުރާނެ ކަމަށް 45 އިންސައްތަ މީހުން ބުނެއެވެ.

މީގެ އިތުރުން, ވޯޓުލާ މީހުންގެ ތެރޭގައި ހިމެނޭ މިނިވަން ސިޔާސަތުތަކަށް ތާޢީދު ކުރާ މީހުންގެ ތެރެއިން ބޮޑު އިންސައްތައެއް ތާޢީދު ކުރަނީ ހެރިސަށެވެ. މި ގޮތުން, މިނިވަން ސިޔާސަތުތަކަށް ތާޢީދު ކުރާ މީހުންގެ ތެރެއިން 43 އިންސައްތަ މީހުންގެ ތާޢީދު ހެރިސަށް ދޭން ބޭނުންވާއިރު, އޭގެ ތެރެއިން ޓްރަމްޕަށް ތާޢީދު ކުރާނެ ކަން ހާމަ ކޮށްފައި ވަނީ 40 އިންސައްތަ މީހުންނެވެ. މެދުމިނުގެ ސިޔާސަތުތަކަށް ވަކާލާތު ކުރާ މީހުންގެ ތެރެއިން ވެސް 51 އިންސައްތަ މީހުންގެ ތާޢީދު އޮތީ ހެރިސަށެވެ. އޭގެ ތެރެއިން ޓްރަމްޕަށް ތާޢީދު ކުރާ ކަން ހާމަ ކޮށްފައި ވަނީ 39 އިންސައްތަ މީހުންނެވެ.

ރޮއިޓަރސް އަދި އިޕްސޮސް ގުޅިގެން ހުސްވި ހަފުތާގައި ނަގާފައިވާ ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާއިން ފެންނަނީ ޓްރަމްޕާއި ހެރިސްއަށް އޮތް ތާޢީދު އެއްހަމަވެފައިވާ މަންޒަރެވެ. ޓްރަމްޕާއި ހެރިސްގެ ކުރިމަތިލެއްވުމެއްގައި ހެރިސަށް ތާޢީދު ކުރާނެ ކަން 42 އިންސައްތަ މީހުން ހާމަކޮށްފައިވާއިރު, ޓްރަމްޕަށް ތާޢީދު ކުރާނެ ކަން ހާމަކޮށްފައި ވަނީ 43 އިންސައްތަ މީހުންނެވެ.

ޚިޔާލު ހޯދުމުގެ ވޯޓުތަކުން ވަރަށް ތަފާތު މަންޒަރެއް ވެސް ފެނިގެން ދިޔައެވެ. ބައިޑަންގެ ބަދަލުގައި ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓު އަރުވަން އެންމެ ގިނަ ބަޔަކު ބޭނުންވާ ބޭފުޅަކީ, އެމެރިކާގެ ކުރީގެ ރަައީސް ބަރާކް އޮބާމާގެ އަނބިކަނބަލުން މިޝެލް އޮބާމާއަށެވެ. ނަމަވެސް, ސިޔާސީ މައިދާނަށް ނިކުންނަވަން ބޭނުންފުޅުވާ ކަމުގެ އެއްވެސް އިޝާރާތެއް އެ ކަމަނާ ދެއްވާފައެއް ނެތެވެ.

ބައިޑަންގެ ބަދަލުގައި ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓެއްގެ ގޮތުގައި ހެރިސް ނެރެން ބޭނުންވާ އެ ޕާޓީގެ އިސް ބައެއް ބޭފުޅުންގެ ތެރޭގައި ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ, ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގައި އެ ޕާޓީ ތަމްސީލު ކުރައްވާ ޖިމް ކްލައިބަރނާއި, ގްރެގަރީ މީކްސްގެ އިތުރުން ކޮންގްރެސްގެ އިސް މެންބަރެއް ކަމުގައިވާ ސަމަރ ލީ ފާހަގަ ކޮށްލެވެއެވެ. މީގެ އިތުރުން, ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ މައިނޯރިޓީ ލީޑަރު ހަކީމް ޖެފްރީޒް ވެސް ހިމެނިވަޑައިގަންނަވައެވެ. މިއީ, ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބާރާއި ނުފޫޒު ގަދަ ބޭފުޅުންތަކެކެވެ.