ޚަބަރު

ޣައްޒާ ޢުދުވާނަށް ނުވަ މަސް: އެއް ދުވަހުން ފަސް ނޫސްވެރިން ޝަހީދު ކޮށްލައިފި


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ތެރެއިން ފާއިތުވި 24ވަރަކަށް ގަޑިއިރުގެ ތެރޭގައި ދީފައިވާ ޙަމަލާތަކުގައި ފަސް ނޫސްވެރިން ޝަހީދު ކޮށްލައިފިއެވެ. ޣައްޒާ ޢުދުވާނުގެ ދަށުން ޔަހޫދީ ފައުޖުން ދަނީ ނޫސްވެރިންނާއި އެ މީހުންގެ ޢާއިލާތަކަށް ގަސްދުގައި ޙަމަލާތައް އަމާޒު ކުރަމުންނެވެ.

މި ފަދަ ޙަމަލާތަކުގެ އަމާޒަކީ, ޣައްޒާގެ މުސްލިމް އަންހެނުންނާއި މައުސޫމު ކުޑަކުދިންނާ ދެކޮޅަށް ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން ހިންގަމުންދާ އަނިޔާވެރި އަމަލުތަކާއި, ހަނގުރާމައިގެ ކުށްތަކުގެ އަޑުތައް ކަނޑުވައިލުމެވެ. އެ ވާހަކަތައް ދުނިޔެއަށް ހާމަ ކުރުމަށް ހުރަސް އެޅުމެވެ. އަދި, ފަލަސްޠީނުގެ މުސްލިމުން ތަޙައްމުލު ކުރަމުންދާ ހިތްދަތި ހާލުގެ ވާހަކައިގެ އަޑުތައް ކަނޑުވައިލުމެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޝަހީދު ކޮށްލާފައިވާ ނޫސްވެރިންގެ ތެރެއިން ތިން މީހުން ޝަހީދު ކޮށްލާފައި ވަނީ, ޣައްޒާގައި ދެކުނުގައި އޮންނަ އަލް-ނުޞަޔިރާތު ރެފިއުޖީ ކޭމްޕަށް ޔަހޫދީ ފައުޖުން ދިން ރަޙުމު ކުޑަ ވައިގެ ޙަމަލާތަކެއްގައެވެ. އިތުރު ދެ ނޫސްވެރިން ޝަހީދު ކޮށްލާފައި ވަނީ ޣައްޒާގެ އުތުރުގައި އޮންނަ ޣައްޒާ ސިޓީއަށް ބޮން އެޅުމުގެ ތެރެއިންނެވެ. މިއާ އެކު, 2023 އޮކްޓޫބަރު 7ން ފެށިގެން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ނޫސްވެރިންގެ ޢަދަދު މި ވަނީ 158އަށް އުފުލިފައެވެ.

ނުޞަޔިރާތު ރެފިއުޖީ ކޭމްޕަށް ޔަހޫދީ ފައުޖުން ދިން ޙަމަލާތަކުގައި ނޫސްވެރިންގެ ގޮތުގައި މަސައްކަތް ކުރާ ދެމަފިރިން ކަމުގައިވާ އިމްޖާދު ޖަޙްޖޫޙާއި ވަފާ އަބޫ ޟަބްޢާންގެ އިތުރުން އެ މީހުންގެ ދަރިން ވެސް ވަނީ ޝަހީދު ކޮށްލިއެވެ. ޖަޙްޖޫޙްގެ އިތުރުން, އޭނާ މަސައްކަތް ކުރާ ޕަލަސްޓައިން މީޑިޔާ އޭޖެންސީގެ އެހެން ނޫސްވެރިއެއް ކަމުގައިވާ ރިޛްޤު އަބޫ އަޝްކިޔާން ވެސް ޝަހީދު ކޮށްލިއެވެ. އަބޫ ޟަބްޢާނަކީ އިސްލާމިކް ޔުނިވަރސިޓީ ރޭޑިޔޯގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެކެވެ.

ޖުލައި 5ވަނަ ދުވަހު ވެސް ޔަހޫދީ ފައުޖުން ވަނީ ރަޙުމު ކުޑަ ޙަމަލާތަކެއްދީ, ދެ ނޫސްވެރިން ކަމުގައިވާ ސަޢަދީ މަދޫޚާއި އަޙްމަދު ސުކަރު ވެސް ޝަހީދު ކޮށްލާފައެވެ. އެ މީހުން ޝަހީދު ކޮށްލާފައި ވަނީ ޣައްޒާ ސިޓީގައި ހުންނަ މަދޫޚާ ޢާއިލާ ދިރިއުޅޭ ގެއަށް ދިން ރަޙުމު ކުޑަ ޙަމަލާތަކެއްގައެވެ. ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނަކީ, ނޫސްވެރިންގެ ގޮތުގައި މަސައްކަތް ކުރާ މީހުންނަށް ދުނިޔޭގެ ތާރީޚުގައި ވެސް މިހާތަނަށް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި ހަނގުރާމައެވެ.

އަލް-ނުޞަޔިރާތަށް ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އދއިން ހިންގާ މަދަރުސާއަކަށެވެ. އެއީ, އަމިއްލަ ވަޒަން ގެއްލިފައިވާ ރެފިއުޖީން ހިޔާވަހިކަން ހޯދަމުން ދިޔަ ޢިމާރާތެކެވެ. އެ ތަނަށް ދިން ޙަމަލާތަކުގައި 16 މީހުން ޝަހީދު ކޮށްލާފައިވާއިރު, އިތުރު 50އަށްވުރެ ގިނަ މީހުން ޒަޚަމު ކޮށްލިއެވެ.

އަލް-ނުޞަޔިރާތަކީ ޣައްޒާގައި ހުންނަ އަށް ރެފިއުޖީ ކޭމްޕުގެ ތެރެއިން އެންމެ ގިނަ ޢަދަދެއްގެ ރެފިއުޖީން މި ވަގުތު ދިރިއުޅެމުންދާ އެއް ކޭމްޕެވެ. އެ ތަނަށް ޔަހޫދީ ފައުޖުން ދީފައިވާ ރަޙުމު ކުޑަ ޙަމަލާތަކާ އެކު, ޣައްޒާގެ ޢާންމުންނާއި ރެފިއުޖީންނަށް ރައްކާތެރި ކަން ހޯދޭނެ އެއްވެސް މަގެއް ނެތް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ.

މީގެ ނުވަ މަސް ކުރިން ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 38,153އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 87,828އަށް އުފުލިފައެވެ. އދން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.