ޚަބަރު

ޣައްޒާގެ މަދަރުސާއަކަށް ބޮން އަޅައި 16 މީހުން ޝަހީދު ކޮށްލައިފި


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ދަށުން އެ ސަހަރުގެ ދެކުނުގައި އޮންނަ އަލް-ނުޞަޔިރާތުގައި ހުންނަ މަދަރުސާއަކަށް ރަޙުމު ކުޑަ ޙަމަލާތަކެއްދީ 16 މީހުން ޝަހީދު ކޮށްލައިފިއެވެ. ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ, ޔަހޫދީ ފައުޖުން ޙަމަލާދީފައި ވަނީ އދން ހިންގާ މަދަރުސާއަކަށް ކަމަށާއި, އެއީ އަމިއްލަ ވަޒަން ގެއްލިފައިވާ ގިނަ ޢަދަދެއްގެ ރެފިއުޖީން ހިޔާވަހިކަމުގެ ގޮތުން ބޭނުން ކުރަމުން ދިޔަ ޢިމާރާތެއް ކަމުގައެވެ. ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ.

ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވެސް ވަނީ 50އަށް އުފުލިފައެވެ. އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ހާލު ސީރިޔަސް ކަމަށާއި އެ ޙަމަލާތަކުގައި ޝަހީދުވި މީހުންގެ ޢަދަދު އުފުލޭނެ ކަމަށް ބެލެވޭ ކަމުގައި ޣައްޒާގެ އިޖުތިމާޢީ ޚިދުމަތްތަކާ ބެހޭ އިދާރާގެ އިސް އޮފިޝަލެއް ކަމުގައިވާ މަޙްމޫދު ބަޞަލް ވިދާޅުވިއެވެ. އެ އިދާރާގެ އަޔިމަން އަލް-ޢައްޠަވުނާ ވިދާޅުވީ ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ގިނަ ޢަދަދެއްގެ ކުޑަކުދިން ހިމެނޭ ކަމުގައެވެ.

އަލް-ނުޞަޔިރާތަކީ ޣައްޒާގައި ހުންނަ އަށް ރެފިއުޖީ ކޭމްޕުގެ ތެރެއިން އެންމެ ގިނަ ޢަދަދެއްގެ ރެފިއުޖީން މި ވަގުތު ދިރިއުޅެމުންދާ އެއް ކޭމްޕެވެ. އެ ތަނަށް ޔަހޫދީ ފައުޖުން ދީފައިވާ ރަޙުމު ކުޑަ ޙަމަލާތަކާ އެކު, ޣައްޒާގެ ޢާންމުންނާއި ރެފިއުޖީންނަށް ރައްކާތެރި ކަން ހޯދޭނެ އެއްވެސް މަގެއް ނެތް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ.

އެ ކޭމްޕުގައި ހުންނަ މަދަރުސާއަށް ޙަމަލާ ދިނުމުގެ ކުރިން ޔަހޫދީ ފައުޖުން ވަނީ އެ ސަރަޙައްދުގައި ހުރި ޢާންމުން ދިރިއުޅޭ ގެއަކަށް ބޮންއަޅައި, އެ ގޭގެ އަހުލުވެރިންގެ ތެރެއިން 10 މީހުން ޝަހީދު ކޮށްލާފައެވެ. އެއާއެކު, ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޣައްޒާގެ އެކި ކަންކޮޅުތަކަށް ޔަހޫދީ ފައުޖުން ދީފައިވާ އަނިޔާވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 29އަށް އުފުލިފައެވެ. އެ ޙަމަލާތަކުގައި 100އަށްވުރެ ގިނަ މީހުން ޒަޚަމު ކޮށްލާފައިވެއެވެ.

ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ފަސް ނޫސްވެރިން ވެސް ހިމެނެއެވެ. އެއާ އެކު, 2023 އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ނޫސްވެރިންގެ ޢަދަދު ވަނީ 158އަށް އުފުލިފައެވެ. ޔަހޫދީ ފައުޖުން ގަސްދުގައި ނޫސްވެރިންނާއި އެ މީހުންގެ ޢާއިލާތަކަށް ޙަމަލާތައް އަމާޒު ކުރަމުންދާ ކަން ބައިނަލްއަޤުވާމީ އިދާރާތަކުން ވެސް ގަބޫލު ކުރެއެވެ.

މީގެ އިތުރުން, ޣައްޒާގެ އެންމެ ދެކުނުގައި އޮތް ރަފަޙަށް އަތްގަދަ ކުރަން ޔަހޫދީ ފައުޖުން ހިންގަމުންދާ ޢުދުވާންތައް ވެސް ވަނީ އިތުރަށް ފުޅާކޮށް, ވަރުގަދަ ކޮށްފައެވެ. ރަފަޙަށް އެންމެ ފަހުން ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާތަކުގައި ޣައްޒާގެ ހަތަރު ފުލުހަކާއި އިތުރު އަށް ފުލުހުން ޒަޚަމު ކޮށްލާފައިވެއެވެ. ޔަހޫދީ ފައުޖުގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ފުލުހުން ދަތުރު ކުރަމުން ދިޔަ އުޅަނދަކަށެވެ.

މީގެ ނުވަ މަސް ކުރިން ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 38,098އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 87,705އަށް އުފުލިފައެވެ. އދން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.