ޚަބަރު

ނޭޕާލަށް ކުރަމުންދާ ވިއްސާރައިގައި 11 މީހުން މަރުވެއްޖެ


ނޭޕާލަށް ކުރަމުންދާ ވިއްސާރައިގައި ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވެ, ބިންގަނޑު ކެނޑި, ކިސަޑު ފޭބުމާ ގުޅިގެން ހިނގި ހާދިސާތަކެއްގައި 11 މީހުން މަރުވެއްޖެއެވެ. އެ ހާދިސާތަކާ ގުޅިގެން ޢާންމުން ދިރިއުޅޭ ގިނަ ޢަދަދެއްގެ ގެދޮރު ކިސަޑުތަކުގެ ދަށުގައި ވަޅުވެލިފައިވެއެވެ. އަދި ބައެއް ހަލިމަގުތަކާއި މަގުތަކަށް ގެއްލުންވެ, ބައެއް ސަރަޙައްދުތައް ވަނީ ބަންދުވެފައެވެ.

ނޭޕާލްގެ ފުލުހުންގެ ތަރުޖަމާނު ދާން ބަހާދުރް ކާރްކީ ވިދާޅުވީ އެކި ހާދިސާތަކުގައި ގެއްލިފައިވާ ކަމަށް ބެލެވޭ އިތުރު އަށް މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމުގައެވެ. އެ މީހުން ގެއްލިފައި ވަނީ ފެންގަނޑުގެ ތެރެއަށް ދަމައިގަތުމުން ނުވަތަ އިމާރާތްތަކުގެ ދަށުގައި ތާށިވެގެން ކަމަށް ބެލެވޭ ކަމުގައި އޭނާ ވިދާޅުވިއެވެ. އެ ހާދިސާތަކުގައި އިތުރު 12 މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބި, ހަސްފަތާލުގައި އެޑްމިޓު ކޮށްގެން ފަރުވާ ދޭން ޖެހުނު ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

"މީހުން ސަލާމަތް ކުރަން މަސައްކަތް ކުރާ ރެސްކިޔު ޓީމުތަކުން ދަނީ ބިންގަނޑު ކެނޑިފައިވާ ސަރަޙައްދުތައް ހޯދައި, ގެއްލުންވެ, ބެދިފައިވާ މަގުތައް ސާފު ކުރުމުގެ މަސައްކަތް ކުރަމުން،" ކާރްކީ ވިދާޅުވިއެވެ. ނަމަވެސް, އެ މަސައްކަތްތައް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

ނޭޕާލްގެ އިރުދެކުނުގައި އޮންނަ ސަރަޙައްދުގެ އޮފިޝަލުން ވިދާޅުވީ, އެ ސަރަޙައްދުން ދެމޭ ކޫސީ ކޯރު ފުރިގެން ބަންޑުންވުމުގެ ފުރުޞަތު އޮތް ކަމުގައެވެ. އެ ސަރަޙައްދުގައި އޮންނަ ސަންސަރޭ ޑިސްޓްރިކްޓުގެ އޮފިޝަލެއް ކަމުގައިވާ ބޭޑްރާޖް ޕުޔާލް ވިދާޅުވީ, ކޫސީ ކޯރުގެ ފެންގަނޑު ބަންޑުންވެދާނެ ކަމުގެ އިންޒާރާ އެކު, ކޯރުގެ އައްސޭރިފަށުގެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް އިރުޝާދު ދީފައިވާނެ ކަމުގައެވެ.

މީގެ އިތުރުން, ނޭޕާލްގެ ހުޅަނގުގެ ސަރަޙައްދުތަކުން ދެމޭ ނަރަޔަނީއާއި, ރާޕްތީގެ އިތުރުން މަހާކަލީ ކޯރުގެ ފެންގަނޑު ވެސް ނުރައްކާތެރި މިންވަރަކަށް އުފުލިފައިވާ ކަމުގައި ނޭޕާލްގެ އިދާރާތަކުން އިންޒާރު ކުރެއެވެ. މީގެ އިތުރުން, ވެރިރަށް ކަތްމަންޑޫގެ ބައެއް ކޯރުތައް ވަނީ ފުރިގެން ބަންޑުންވެފައެވެ. އަދި, ކަތްމަންޑޫގައި ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވެ, ގޯތިގެދޮރަށް ވަނީ ފެން ވަދެފައެވެ.

ޖޫން މަހުގެ މެދެއްހާ ހިސާބުން ފެށިގެން ނޭޕާލްގެ ސަރަޙައްދުތަކަށް ކުރަމުންދާ ވިއްސާރައިގައި ކުރިމަތިވި ފެންބޮޑުވުމާއި, ބިންގަނޑު ކެނޑުމާއި ކިސަޑު ފޭބުުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ ޢަދަދު ވަނީ 50އަށް އުފުލިފައެވެ. ކޮންމެ އަހަރެއްގެ ވިއްސާރަ މޫސުމުގައި ނޭޕާލުގައި ހިނގާ މި ފަދަ ހާދިސާތަކުގައި ގިނަ ޢަދަދެއްގެ ބަޔަކު މަރުވެއެވެ. އަދި, އެތަކެއް ސަތޭކަ ބަޔެއްގެ ގެދޮރު ގެއްލެއެވެ.