ޚަބަރު

ހައްޤުވެރިންނަށް އެކަނި ސަބްސިޑީ ލިބޭނެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތްދަނީ ކުރަމުން: ފިނޭންސް


  • ސަބްސިޑީ ދޭ އުސޫލަށް ބަދަލުތައް ގެނައުމަށް ކުރަންޖެހޭ މަސައްކަތްދަނީ ކުރަމުން

ސަރުކާރުން ބޭނުންވަނީ ސަބްސިޑީ އޭގެ ހައްޤުވެރިންނަށް އެކަނި ލިބޭނެ ނިޒާމެއް ޤާއިމްކުރުން ކަމަށާއި އެކަމާއި ގުޅޭ މަސައްކަތްތައް ކުރަމުންދާކަމަށް މާލީ ވަޒީރުގެ ނައިބު އަޙްމަދު ސާއިދު މުޞްތަފާ ވިދާޅުވެއްޖެއެވެ.

ޚަރަދު ކުޑަކުރުމަށްޓަކައި ސަބްސިޑީ ރިފޯމްކުރުމަށް މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވެއެވެ. އަދި މި ބަދަލަށް މިއަހަރުގެ ޖުލައި 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށަންޖެހެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މާލީ ވަޒީރުގެ ނައިބް އަޙްމަދު ސާއިދު މުޞްތަފާ ވިދާޅުވީ މިއަހަރުގެ ބަޖެޓުގައި ސަބްސިޑީ ރިފޯމްކުރުމަށް އިސްލާހުތައް ގެންނަން ނިންމާފައިވީ ނަމަވެސް، މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު، އެ ބަދަލު ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ހުރީ ފުރިހަމަނުކޮށް ކަމަށެވެ.

"ކޮންސެޕްޗުއަލް ލެވަލްއެއްގައި މި ފްރޭމްވޯކް ބަޖެޓު ފާސްކުރުމަށްޓަކައި ދިޔައިރު، ތައްޔާރުކުރެވިފައި އޮތަސް، އެއީ ބްލޭންކެޓް ސަބްސިޑީއެއް ޓާގްޓުކޮށްގެން ކުރިއަށްދާނެ ކަމަށް އަންދާޒާކޮށްފައި އޮތް ނަމަވެސް، އަދުގެ ޒައާމަތް ސަރުކާރާއި ހަވާލުވީ އިރުގައި، އޭގެ ޓެކްނިކަލް މަސައްކަތާއި އެކްޝަން ޕްލޭނާއި ކަންކަން ހުރީ އެއްކޮށް ފުރިހަމަ ނުކުރެވި،" ސާއިދު ވިދާޅުވިއެވެ.

ސާއިދު ވިދާޅުވީ މި ސަރުކާރުގެ ހިޔާލާއި ފިކުރާއި އެއްގޮތަށް ސަބްސިޑީ ރިފޯމްކުރުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ. އަދި މާލީ އިސްލާހީ އެޖެންޑާގައި އެންމެ ބޮޑަށް އިސްކަންދެނީ ސަރުކާރުގެ އެހީ އެންމެ ބޮޑަށް ބޭނުންވާ ފަރާތްތަކަށް ލިބޭނެ މަގު ތަނަވަސްކުރުން ކަމަށްވެސް ސާއިދު ވިދާޅުވިއެވެ.

"ރާއްޖޭގައި ފަޤީރެއް ނިކަމެއްޗެއް ތަފާތުކުރުމެއް ނެތި ސަރުކާރުގެ މާލީ އެހީތެރިކަން އެބަ ހޯދައިގަނެވޭ، ކަންކަން ހުންނަ ގޮތުން އެންމެ ތަނަވަސް އެންމެ ގުޅުންހުރި އެންމެ ގޮތްހުރި މީހާއަށް މިއަދު އާސަންދަ ހިދުމަތްވެސް ފަސޭހައިން ނުވަތަ އެންސްޕާގެ ހިދުމަތްވެސް ފަސޭހައިން ލިބިގަނެވެނީ،" ސާއިދު ވިދަޅުވިއެވެ.

ދައުލަތުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރަށް ސަބްސިޑީގެ ގޮތުގައި ކަނޑައަޅާފައިވަނީ 2.8 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. އަދި އަހަރުގެ މިހާތަނަށް ސަބްސިޑީއަށް ވަނީ 1.7 ބިލިޔަން ރުފިޔާ ހޭދަވެފައެވެ.

މިއަހަރުތެރޭ އާސަންދައަށް ހިނގާނެކަމަށް ލަފާކޮށްފައިވަނީ 1.9 ބިލިޔަން ރުފިޔާއެވެ. އަދި އަހަރުގެ މިހާތަނަށް އާސަންދައަށްވަނީ 917 މިލިޔަން ރުފިޔާ ޚަރަދުވެފައެވެ.