ކުޅިވަރު

ކޮޕާ އެމެރިކާ: ޕެނަމާ އަތުން ހޯދީ ބޮޑު މޮޅާއެކު ކޮލަމްބިއާ ސެމީ އަށް


މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ޕެނަމާ އަތުން ހޯދީ ބޮޑު މޮޅާއެކު ކޮލަމްބިއާ އިން ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

މި މެޗުން ކޮލަމްބިއާ މޮޅުވީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއީ ކޮލަމްބިއާ އިން ބަލިނުވެ ފުރިހަމަކުރި 27 ވަނަ މެޗެވެ.

އެމެރިކާގެ އެރިޒޯނާގައި ހުންނަ ސްޓޭޓް ފާމް ސްޓޭޑިއަމްގައި ގާތްގަނޑަކަށް 39 ހާހެއްހާ ސަޕޯޓަރުންގެ ކުރިމަތީގައި މިއަދު ހެނދުނު ކުޅުނު މެޗުގައި ފެނިގެންދިޔަ ފަސް ލަނޑުގެ ތެރެއިން ފުރަތަމަ ހާފުގައި ކޮލަމްބިއާ އިން ވަނީ ތިން ގޯލް ޖަހައިފައެވެ. އަނެއް ދެ ލަނޑުޖެހީ ފަހު ހާފުގައެވެ.

މެޗު ފެށިގެން ޑޮމިނޭޓްކުރަމުންދިޔަ ކޮލަމްބިއާ އިން ލީޑްނެގީ 8 ވަނަ މިނެޓުގައި އެ ޓީމުގެ ކެޕްޓަން، ހަމޭސް ރޮޑްރިގޭޒް ދިން ބޯޅައަކުން ޖޯން ކޯޑޯބާ ކާމިޔާބުކުރި ގޯލުންނެވެ. އޭގެ ހަތް މިނެޓުފަހުން، ކޮލަމްބިއާގެ ލީޑް ފުޅާކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ހަމޭސް އެވެ. މިއީ ގައުމީ ޓީމަށް އޭނާ ޖަހައިދިން 28 ވަނަ ލަނޑެވެ.

ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް ކޮލަމްބިއާގެ ތިންވަނަ ލަނޑުޖަހައިދިނީ ލުއިސް ޑިއާޒް އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް ހަމޭސް އެވެ. މިއީ ޕެނަމާގެ ކީޕަރު، މޮސްކޭރާގެ ބޯމަތިން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ޑިއާޒް ކާމިޔާބުކުރި ގޯލެކެވެ.

ކޮލަމްބިއާ އިން މެޗުގައި ޖެހި ހަތަރުވަނަ ލަނޑު، 70 ވަނަ މިނެޓުގައި ރިޗަޑް ރިއޯސް ކާމިޔާބުކޮށްދިންއިރު އޭގެފަހުން އިތުރުވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން އެ ޓީމުގެ ފަހު ލަނޑުޖަހައިދިނީ މިގުއެލް ބޯރްހާ އެވެ.

މުބާރާތުގެ ސެމީގައި ކޮލަމްބިއާ ނިކުންނާނީ އުރުގުއޭ އާ ދެކޮޅަށެވެ. އަނެއް ސެމީގައި އާޖެންޓީނާ ބައްދަލުކުރާނީ ކެނެޑާއާ އެވެ.