ޚަބަރު

ހަނިމާދޫ އެއަރޕޯޓުގެ މަސައްކަތް ތާވަލާ އެއްގޮތަށް ދަނީ ކުރިއަށް: ވަޒީރު އަމީން


  • ވަޒީރު އަމީންވަނީ ހަނިމާދޫ އެއަރޕޯޓަށް ޒިޔާރަތްކުރައްވައި މަސައްކަތް ހިނގާގޮތް ބައްލަވާލައްވާފައި

  • މަސައްކަތުގައި ހަރަކާތްތެރިވަމުންދާ ފަރާތްތަކާ ވަނީ ބައްދަލުކުރައްވާފައި

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް މަޝްރޫޢުގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާކަމަށް މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތްތައް ކުރައަށްދާގޮތް ބަލާލުމަށް އެ އެއަރޕޯޓަށް ޒިޔާރަތްކުރެއްވުމަށްފަހުއެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު މަޝްރޫޢަކީ މުޅި އުތުރުގެ ފަތުރުވެރިކަމާ ގުޅިފައިވާ ބޮޑުތިލަދުންމަތީގެ އިޤްތިޞާދާއި ސީދާ ގުޅިފައިވާ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވައި މަސައްކަތުގައި ހަރަކާތްތެރިވަމުންދާ ފަރާތްތަކާ ބައްދަލުކުރެއްވުމަށް މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވަނީ ހޮނިހިރު ދުވަހު ހދ.ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޒިޔާރަތްކުރައްވާފައެވެ.

މި ދަތުރުފުޅާ ގުޅޭގޮތުން ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް މަޝްރޫޢުގެ މަސައްކަތް ކުރިއަށް ދަނީ ތާވަލާ އެއްގޮތަށް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ރަންވޭގެ 1200 މީޓަރުގެ ސަރަޙައްދެއް ނިންމައި މިދިޔަ ޖެނުއަރީ މަހު ވަނީ ބޭނުންކުރަންފަށާފައެވެ. ޖުމްލަ 2465 މީޓަރުގެ ދިގު މިރަންވޭގައި ބާކީ އޮތް 1200 އެއްހައި މީޓަރުގެ އެއްކޮށް ނިމި މުޅި ރަންވޭ ބޭނުންކުރަން މިހާރު ދަނީ ތައްޔާރުވަމުންނެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރަނީ އޭ320 މަރުކައިގެ އެއަރކްރާފްޓް ޖެއްސޭ ފެންވަރުގެ ރަންވޭއަކާއެކުގައެވެ.

މިއެއަރޕޯޓުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމައި ދެވަނަ ފިޔަވަހީގެ މަސައްކަތް ލަސްނުކޮށް ފެށުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަކަން ރީޖަނަލް އެއަރޕޯޓްސްއިން ފާހަގަކުރައްވައެވެ. މިއާއެކު ދެވަނަ ފިޔަވަހީގެ ދަށުން ސީ ޕްލޭން ޓަރމިނަލް ތަރައްޤީކުރެވުމާއެކު ހަނިމާދޫއިން ސީދާ ސީޕްލޭންގައި ރިސޯޓުތަކަށް ފަސޭހައިން ދެވޭނެ މަގުވެސް ފަތުރުވެރިންނަށް ފަހިވާނެއެވެ.