ޚަބަރު

މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހު ހައި ކޯޓުން 132 މައްސަލަ ނިންމައިފި


  • މިއަހަރުގެ ފުރަތަމަ 6 މަހު 97 މައްސަލަ ހުށައަޅާފައިވޭ

  • ފުރަތަމަ 6 މަހު 75 މައްސަލަ ހައި ކޯޓުގައި ރަޖިސްޓްރީކޮށްފައިވޭ

މިއަހަރުގެ ފުރަތަމަ 6 މަހު ދިވެހިރާއްޖޭގެ ހައި ކޯޓުން 130 އަށްވުރެ ގިނަ މައްސަލަ ނިންމާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ހައިކޯޓުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ނިންމި މައްސަލަތަކުގެ އަދަދަކީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދަށް އަދަދެކެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރުގެ ފުރަތަމަ 6 މަހުގެ ތެރޭގައި ހައިކޯޓުން ނިންމާފައިވަނީ 181 މައްސަލައެވެ. އަދި މި އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ނިންމާފައިވަނީ 132 މައްސަލައެވެ.

ހައި ކޯޓުން މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ނިންމި 132 މައްސަލަައިގެ ތެރެއިން، ޖެނުއަރީމަހު 26 މައްސަލަ، ފެބްރުއަރީމަހު 43 މައްސަލަ، މާރޗް މަހު 13 މައްސަލަ، އޭޕްރީލްމަހު 17 މައްސަލަ، މެއި މަހު 13 މައްސަލަ އަދި ޖޫން މަހު 15 މައްސަލަނިންމާފައިވެއެވެ.

ނިންމާފައި މައްސަލަތަކުގެ ބާވަތްތައް:

  • ޢާއިލީ ކަންކަމާ ގުޅޭ 3 މައްސަލަ
  • އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމާ ގުޅޭ 2 މައްސަލަ
  • ވަޒީފާއާ ބެހޭ 25 މައްސަލަ
  • ޖިނާއީ 48 މައްސަލަ
  • ދުސްތޫރީ 1 މައްސަލަ
  • މަދަނީ 48 މައްސަލަ

ހައި ކޯޓުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 6 މަހު ކޯޓަށް ހުށައަޅާފައިވަނީ 97 މައްސަލައެވެ. އަދި މި މުއްދަތުގައި 51 މައްސަލަ ބަލައިނުގަތުމަށް ނިންމާފައިވާއިރު ކޯޓުގައި ރަޖިސްޓްރީކޮށްފައިވަނީ 75 މައްސަލައެވެ.