ޚަބަރު

މަސްވެރިންނަށް 998.8 މިލިޔަން ރުފިޔާ ދޫކޮށްފި


  • މިއީ 27 ޖޫންއާ ހަމައަށް ދައްކަންޖެހޭ ފައިސާ

  • މިހާރު ޕެންޑިންގައި އެއްވެސް ފައިސާއެއް ނެތް

  • އަމާޒަކީ 2 ހަފްތާއިން ފައިސާ ދޫކުރަމުން ދިއުން

މިސަރުކާރުން މިހާތަނަށް މަސްވެރިންނަށް 998.8 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރެއްވުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މިސަރުކާރު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރުވެސް މަސްވެރިންނަށް ދިވެހި ސަރުކާރުން ދައްކަންޖެހޭ ގިނަ ޢަދަދެއްގެ ފައިސާ ހުއްޓެވެ. ނުދައްކައި ހުރި ފައިސާ މިސަރުކާރުން ވަނީ މިހާރު ދައްކައި ޚަލާސްކޮށްފައެވެ. މަސްވެރިން ސަރުކާރުގެ މަސްކުންފުނި މިފްކޯއަށް ކިރުވާ މަހަށް އެންމެ ލަސްވެގެން 2 ހަފްތާގެ ތެރޭގައި ފައިސާ ދޫކުރުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިސަރުކާރު ވެރިކަމާ ހަވާލުވެވަޑައިގަތްފަހުން މިހާތަނަށް މަސްވެރިންނަށް 998.8 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށެވެ. އެއީ މިދިޔަ ޖޫންމަހުގެ 27 އާ ހަމައަށް ދައްކަންޖެހޭ ފައިސާއެވެ.

މަސްވެރިންގެ އަތުން މަސްގަނެ، ފައިސާ ދިނުން ލަސްވާ މައްސަލަ ޙައްލުކުރުމަށް މިފްކޯއިން ވަނީ މުހިންމު ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ. އަދި އޭގެތެރެއިން ބައެއް ކަންކަން ތަންފީޒުކުރަންވެސް މިހާރު ވަނީ ފަށާފައެވެ.

މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި މިމަހުން ފެށިގެން މިފްކޯއިން މަސްވެރިންއަތުން މަސް ގަންނަމުންދާނީ ބައިނަލްއަޤްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި، މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ޚަރަދުތަކަށް ބަލައި ކޮންމެ ހަފްތާއަކު ހަމަޖައްސާ އަގެއްގައިކަން އެ ކުންފުނިން ވަނީ ކަނޑައަޅާފައެވެ. މިއަގު ކޮންމެ ހަފްތާއަކު އާއްމުކޮށް ޢިއުލާނުކުރާގޮތަށް ވަނީ ނިންމާފައެވެ.

މިފްކޯއިން ވިދާޅުވީ އެ ކުންފުނީގެ ހިންގުން ހަރުދަނާކޮށް އާމްދަނީ އިތުރުކުރެވޭނެ އިތުރު ގޮތްތައް ބަލައި، ޚަރަދުތައް ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތައް އަޅަމުންދާނެކަމަށެވެ.

މިފްކޯއިން ބައިނަލްއަޤްވާމީ ބާޒާރުގައި މަސް ވިއްކުމަށްފަހު ލިބޭ އާމްދަނީއަށްވުރެ މަސްވެރިންގެ އަތުން ގަންނަ މަހަށް ދައްކަންޖެހޭ ފައިސާއާއި މަސް ގަނެ، ޕްރޮސެސްކޮށް، ވިއްކުމަށް ހިނގާ ޚަރަދު ބޮޑުތަނުން އިތުރުވާތީ ކުންފުންޏަށް އިތުރަށް ބޭނުންވާ ފައިސާ މިހާތަނަށް ހަމަޖައްސާފައިވަނީ ލޯނު ނަގައިގެންނާއި ސަރުކާރުގެ އެހީގައި ކަމަށް އެކުންފުނިން ބުނެއެވެ.