ޚަބަރު

ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް: މިހާތަނަށް 882 ދަރިވަރުން ކިޔަވައިފި


  • މިއަހަރު 119 މުއައްސަސާއަކުން 1029 ބައިވެރިން ވާދަކުރޭ

  • ކިޔެވުން ކުރިއަށް ގެންދަނީ 3 ދަންފަޅިއަކަށް ބަހާލައިގެން

ކީރިތި ޤުރުއާން ކިޔެވުމުގެ 36ވަނަ ޤައުމީ މުބާރާތުގައި މިހާތަނަށް 882 ދަރިވަރުން ކިޔަވާފައިވާކަމަށް ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ވިދާޅުވެއްޖެއެވެ.

އެ މަރުކަޒުން ވިދާޅުވީ ޖޫން 30އިން ޖުލައި 5އަށް ބަލައިގެން ކިޔެވުމުގެ ބައިން 453 ދަރިވަރުން ކިޔަވާފައިވާ ކަމަށެވެ. އަދި ނުބަލައި ކިޔެވުމުގެ ބައިން 429 ދަރިވަރުން ކިޔަވާފައިވާ ކަމަށެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ 36ވަނަ ޤައުމީ މުބާރާތް ފަށްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ.

ގުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި މިއަހަރު 119 މުއައްސަސާއަކުން 1029 ބައިވެރިން ވާދަކުރެއެވެ.

މިއަހަރުގެ މުބާރާތް ހުޅުވާލާފައިވަނީ އަތޮޅު ކައުންސިލްތަކަށާއި، ސިޓީ ކައުންސިލްތަކަށާއި ޤުރްއާން ކުލާސްތަކުގެ އިތުރުން ހާފިޒުންނަށް ބައިވެރިވެވޭ ގޮތަށެވެ. މިފަހަރުގެ ބައިވެރިންގެ ތެރޭގައި ހިމެނެނީ 52 ސްކޫލުން 365 ދަރިވަރުންނާއި، ކައުންސިލްތަކުގެ ފަރާތުން ވާދަކުރާ 357 ބައިވެރިންގެ އިތުރުން އެހެނިހެން މުއައްސަސާތަކުގެ 292 ބައިވެރިންނެވެ. އަދި މިއަހަރުގެ މުބާރާތުގައި ހާފިޒުންގެ ބައިން 15 ބައިވެރިން ވާދަކުރެއެވެ.

މިއަހަރުގެ މުބާރާތުގެ ކިޔެވުން ކުރިއަށްދަނީ ސަލްމާން މިސްކިތުގެ ދެ ހޯލްގައެވެ. ބަލައިގެން ކިޔެވުމުގެ ގޮފީގެ ކިޔެވުން އެ މިސްކިތުގެ 4 ވަނަ ފަންގިފިލާގެ އޮޑިޓޯރިއަމްގައި ކުރިއަށްދާއިރު، ނުބަލައި ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށްދާނީ ސަލްމާން މިސްކިތުގެ 5 ވަނަ ފަންގިފިލާގެ މަލްޓިޕަރޕަސް ހޯލްގައެވެ.

މި މުބާރާތުގެ ކިޔެވުން ކުރިއަށް ގެންދަނީ 3 ދަންފަޅިއަކަށް ބަހާލައިގެންނެވެ. ކޮންމެ ދުވަހެއްގެ ހެނދުނު 8:00އިން 12:00އަށް، ހަވީރު 16:00އިން 18:00އަށް އަދި ރޭގަނޑު 20:00އިން 10:30އަށް މުބާރާތުގެ ކިޔެވުން ކުރިއަށްދާނެކަމަށް ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ވިދާޅުވެއެވެ. ހުކުރު ދުވަސްތަކުގައި ކިޔެވުން ކުރިއަށްދާނީ ހަވީރާއި ރޭގަނޑެވެ.