ޚަބަރު

ރިޔާސީ ޓިކެޓު ދޫކޮށްލުމަށް ގޮވައިލާ އަޑުތަކަށް ބައިޑަން ރައްދު ދެއްވައިފި


އަންނަ ނޮވެންބަރު މަހަށް ތާވަލު ކޮށްފައިވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ރޭހުން ވަކިވެ, ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓް އެހެން ކެނޑިޑޭޓަކާ ހަވާލު ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ވިދާޅުވެ, ރޭހުން ވަކިވުމަށް ގޮވައިލަމުންދާ މީހުންނަށް ރައީސް ޖޯ ބައިޑަން ރައްދު ދެއްވައިފިއެވެ. ރޭހުން ވަކިވެ, އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓު, ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ވާދަ ކުރުމުގެ ފުރުޞަތު ޑިމޮކްރެޓުންގެ އެހެން ކެނޑިޑޭޓަކާ ހަވާލު ކުރުމަށް ގޮވައިލަމުންދާ ފަރާތްތަކުގެ ތެރޭގައި އެ ޕާޓީގެ އިސް ބައެއް މެންބަރުން ވެސް ހިމެނެއެވެ.

ނަމަވެސް, ބައިޑަން ވަނީ ޓިކެޓު ދޫކޮށްލައްވަން ދެކޮޅު ހައްދަވާފައެވެ. "[އިންތިޚާބުގައި] ވާދަ ކުރާނީ އަޅުގަނޑު, އަދި ކުރީ ފަހަރެކޭ އެއްގޮތަށް އިންތިޚާބު ކާމިޔާބު ވެސް ކުރާނަން،" ވިސްކޮންސިންގެ މެޑިސަންގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން 81 އަހަރުގެ ބައިޑަން ވިދާޅުވިއެވެ. އެއަށް ފަހު, އޭނާ ވަނީ އޭބީސީ ނިއުސަށް ވެސް ބަސްދީގަތުމެއް ދެއްވައި, ކުރިއަށް އޮތް އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީން ނެރެވޭނެ އެންމެ ރަނގަޅު ކެނޑިޑޭޓަކީ އޭނާ ކަމުގައި ވިދާޅުވެފައެވެ.

ރިޔާސީ ޓިކެޓު ދޫކޮށްލުމަށް ގިނަ ބަޔަކު ބައިޑަނަށް ގޮވައިލަން ފަށާފައި މި ވަނީ, އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ސީއެންއެނުން ބޭއްވި ބަހުސެއްގައި އޭނާގެ ފަރާތުން ފެނިގެންދިޔަ ސިފަތަކުގެ ސަބަބުންނެވެ. ބަހުސްގައި ބައިޑަން ފެނިގެން ދިޔައީ ވަރަށް "ލޮނުމަޑު," އަދި އެއްވެސް "ފޯރިއެއް ނެތް," "ނެގިމަޑުވެފައި" ހުރި ކެނޑިޑޭޓެއްގެ ގޮތުގައެވެ. މިއީ, އޭނާ އުމުރުން ދޮށިވުމުގެ ސަބަބުން ފެނިގެން ދިޔަ މަންޒަރުތަކެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

މި ކަމާ ގުޅިގެން ބައިޑަންގެ ބަދަލުގައި އެހެން ރިޔާސީ ކެނޑިޑޭޓަކަށް ޓިކެޓު އަރުވަން ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރުން މިހާރު ގެންދަވަނީ މަޝްވަރާ ކުރައްވަމުންނެވެ. އަދި, ކުރިއަށް އޮތް ދުވަސްތަކުގައި މި ކަމާ މެދު ގޮތެއް ނިންމާނެ ކަމަށް ބެލެވެއެވެ. ބައިޑަންގެ ބަދަލުގައި އޭނާގެ ނައިބު ރައީސް ކަމުގެ މަޤާމު ފުރުއްވަމުން ގެންދަވާ ކަމަލާ ހެރިސަށް ޓިކެޓު އަރުވަން ގޮވައިލާ އަޑުތައް ވެސް ފަހަކަށް އައިސް ގަދަވެފައިވާ ކަން ފާހަގަ ކުރެވެއެވެ.

ނަމަވެސް, ހެރިސް ވަނީ ބައިޑަންގެ ފަހަތުގައި ހުންނެވި ކަމަށް ވިދާޅުވެފައެވެ. މެޑިސަންގައި ބޭއްވި ކެމްޕޭން ޖަލްސާއަށް ފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހެރިސް ވަނީ ބައިޑަނަކީ އެމެރިކާގެ ރައްޔިތުންގެ ޙައްޤުގައި މުޅި އުމުރު ހޭދަ ކުރައްވާފައިވާ ބޭފުޅެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. "މި ވަގުތު, އަޅުގަނޑަށް އިނގޭ އެންމެން ވެސް އޭނާ [ބައިޑަން] ދިފާޢު ކުރަން ތައްޔާރަށް ތިބި ކަން،" ހެރިސް ވިދާޅުވިއެވެ.

ބަހުސްގައި ލިބުނު ނާކާމިޔާބީއާ ގުޅިގެން ރިޔާސީ ކެމްޕޭނަށް ނޭދެވޭ އަސަރުތަކެއް ނުކުރާނެ ކަމަށް ބައިޑަން ދެކެވަޑައިގަންނަވަައެވެ. މި ކަމަށް ބާރުދޭ އެއް ހެއްކަކީ ބަހުސަށް ފަހު ރޮއިޓަރސް އަދި އިޕްސޮސް ގުޅިގެން ނަގާފައިވާ ޚިޔާލު ހޯދުމުގެ ވޯޓެއްގެ ނަތީޖާއެވެ. އެ ނަތީޖާއިން ފެނިގެން ދިޔައީ ބައިޑަން ޓްރަމްޕާ އަރާ ހަމަ ކުރައްވާފައިވާ މަންޒަރެވެ.

އޭގެ ކުރިން ޖޫން 12ގައި ނަގާފައިވާ ޚިޔާލު ހޯދުމުގެ ވޯޓުގައި ޓްރަމްޕް ވަނީ ބައިޑަންގެ މައްޗަށް 2 އިންސައްތައިގެ ކުރިއެރުމެއް ހޯއްދަވާފައެވެ. އެ ފަހަރުގެ ޚިޔާލު ހޯދުމުގެ ވޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން 41 އިންސައްތަ މީހުން ވަނީ ޓްރަމްޕަށް ތާޢީދު ކުރާ ކަން ހާމަކޮށްފައެވެ. ބައިޑަނަށް ތާޢީދު ކުރާ ކަމަށް ބުނެފައި ވަނީ 39 އިންސައްތަ މީހުންނެވެ.

ނަމަވެސް, ބަހުސަށް ފަހު ނެގި ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާއަށް ބަލައިލާއިރު, ބައިޑަން ވަނީ ޓްރަމްޕާ އެއްހަމަ ކުރައްވާފައެވެ. މި ގޮތުން, ވޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން 40 އިންސައްތަ މީހުން ޓްރަމްޕަށް ތާޢީދު ކުރާ ކަން ހާމަ ކޮށްފައިވާއިރު, 40 އިންސައްތަ މީހުން ވަނީ ބައިޑަނަށް ވޯޓު ދޭނެ ކަން ވެސް ހާމަކޮށްފައެވެ. މި ނަތީޖާއިން ހާމަވެގެން ދިޔައީ, އަންނަ ނޮވެންބަރު މަހު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވާދަވެރިކަން އޮތް މިންވަރު ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.