ވިޔަފާރި

ރާއްޖޭގައި އިތުރު ބޭންކެއް ހިންގުމުގެ ހުއްދަ ދެއްވައިފި


ރާއްޖޭގައި ކޮމާރޝަން ބޭންކެއް ހިންގުމުގެ ހުއްދަ އަމިއްލަ ކުންފުންޏަކަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ދެއްވައި، އެކަން މިއަދު އިޢުލާންކުރައްވައިފިއެވެ.

މި ހުއްދަ ދެއްވީ، ކޮމަރޝަލް ބޭންކް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ. މި ބޭންކް ހިންގަން ހަމަޖެހިފައިވަނީ، ޓްރީޓޮޕް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ސާޅީސް ފަހެއް އިންސައްތަ އަދި ސްރީލަންކާގެ ބޭންކެއް ކަމަށްވާ ކޮމަރޝަލް ބޭންކު އޮފް ސިލޯންއިން ފަންސާސް ފަހެއް އިންސައްތަ ޙިއްޞާކުރާ ގޮތަށެވެ. މި ބޭންކް ހިންގުމުގެ ލައިސަންސް މި ދެއްވީ، ކޮމަރޝަލް ބެންކަކުން ދޭ ހުރިހާ ޚިދުމަތެއް ލިބިދޭންޖެހޭގޮތަށް ކަމަށާއި، މި ބެންކުގެ ޚިދުމަތް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ކުރިން ފަށަންޖެހޭނެކަމަށް އެމް.އެމް.އޭއިން ވިދާޅުވެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ވިދާޅުވާގޮތުގައި، މި ބޭންކު ޚިދުމަތަށް އައުމަކީ، ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކަމާއެކު ފުޅާކޮށް، ތަރައްޤީކުރުމަށާއި އެދާއިރާގެ ވާދަވެރިކަން އިތުރުކުރުމަށް ލިބޭނެ ކުރިއެރުމެއްކަމަށް އެ އޮތޯރިޓީން ދެކެވަޑައިގަންނަވައެވެ.