ޚަބަރު

ޔަހޫދީންގެ ޢުދުވާން ހުއްޓުވަން ޙަމާސްގެ އައު ހުށަހެޅުންތަކެއް


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް އެކުލަވައިލާފައިވާ ސުލްޙައިގެ މަގުޗާޓަށް ޙަމާސް ޖަމާޢަތުން އައު ހުށަހެޅުންތަކެއް ހުށަހަޅައިފިއެވެ. އެ މަގުޗާޓަކީ އެމެރިކާގެ ރައީސް ޖޯ ބައިޑަން މޭ 31ގައި ހުށަހަޅުއްވާފައިވާ މަގުޗާޓެކެވެ.

ޣައްޒާ ޢުދުވާން ހުއްޓުވުމަށް ކުރަމުންދާ މަޝްވަރާތައް ވިލަރެސް ކުރަނީ ޤަޠަރާއި މިޞްރުން ގުޅިގެންނެވެ. އެ ކަމުގައި އެމެރިކާއިން ވެސް ނަމެއްގައި ބައިވެރިވެއެވެ. މި ވަގުތު މަޝްވަރާތައް މަޑުޖެހިފައި އޮތީ ޔަހޫދީން އެ ކަމަށް ހުރަސްއަޅާތީއެވެ.

މަގުޗާޓަށް ޙަމާސުން އައު ހުށަހެންތަކެއް ހުށަހެޅުމާ ގުޅިގެން ޔަހޫދީން ވަނީ އެ މީހުން ހުއްޓުވާފައި އޮތް މަޝްވަރާތައް އަލުން ފެށުމުގެ ފުރުޞަތު ދޭން ތައްޔާރު ކަމަށް ބުނެފައެވެ. އަދި، ޔަހޫދީންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ، މަޝްވަރާތަކަށް ޔަހޫދީންގެ ވަފުދެއް ފޮނުވާނެ ކަން ބައިޑަންނަށް އަންގާފައެވެ. އަދި، ބައިޑަން ވަނީ އެ ނިންމުމަށް މަރުޙަބާ ދަންނަވާފައެވެ. ވަފުދުގައި އިސްކޮށް ހުންނާނީ ޔަހޫދީންގެ ޖާސޫސީ އިދާރާގެ ވެރިޔާއެވެ.

މީގެ ކުރިން ޔަހޫދީން ބުނަމުން ދިޔައީ ޙަމާސުން ހުށަހަޅާފައި ވަނީ ބަލައިގަންނަން ދަތި ހުށަހެޅުންތަކެއް ކަމުގައެވެ. ޙަމާސުން ކުރިން ބުނެފައި ވަނީ، އެ މީހުންގެ ޝަރުޠަކީ ޣައްޒާއަށް އަރައިގަނެފައިވާ ޔަހޫދީންގެ އިސްތިޢުމާރީ ސިފައިން އެ ސަހަރުން ފައިބަން ޖެހޭނެ ކަމުގައެވެ. އަދި، ދާއިމީ ގޮތެއްގައި ޢުދުވާންތައް ހުއްޓައިލަން ޖެހޭނެ ކަމުގައެވެ.

ޙަމާސްގެ އެންމެ ފަހުގެ ހުށަހެޅުމުގައި އޮތީ، ޢުދުވާން ވަގުތުން ހުއްޓައިލަން ޝަރުޠު ނުކުރާ ކަމަށް ކަމުގައި، ޙަމާސްގެ ހުށަހެޅުމުގެ މަޢުލޫމާތު އިނގޭ ޔަހޫދީ ސަރުކާރުގެ ވެރިއެއް ބުންޏެވެ. އަދި، ހަ ހަފުތާއަށް ދެމިގެންދާނެ ސުލްޙައިގެ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި އެ ކަމާ މެދު އިތުރަށް މަޝްވަރާ ކުރަން ޙަމާސުން ހުށަހަޅާފައިވާ ކަމުގައެވެ.

އެ ކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ވެސް ވަނީ، ޔަހޫދީންގެ ލާއިންސާނީ ޢުދުވާންތައް ކައިރި މުސްތަޤުބަލެއްގައި ހުއްޓުމަކަށް ގެނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި، އެ ކަން ކުރަން ޔަހޫދީންނަށް ބާރު އެޅުމަށް އޭނާ ވަނީ ހުޅަނގަށް ގޮވައިލައްވާފައެވެ.

މީގެ އަށް މަސް ކުރިން ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 38,011އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 87,445އަށް އުފުލިފައެވެ. އދން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.