ޚަބަރު

އީރާނުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ދަނީ


އީރާނުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފެށިއްޖެއެވެ. ޖޫން 28ގައި ބޭއްވި އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ހަތަރު ކެނޑިޑޭޓުންގެ ތެރެއިން އެއްވެސް ކެނޑިޑޭޓަކަށް އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ. އިންތިޚާބުގައި ކުރި ހޯއްދަވައި, ދެވަނަ ބުރުގައި ވާދަ ކުރައްވަނީ އީރާނުގެ އިސް ނިއުކްލިޔަރ ނެގޯޝިއޭޓަރ ކަމުގެ މަޤާމު ފުރުއްވާފައިވާ ސަޢީދު ޖަލީލީއާއި ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު މަސްޢޫދު ބީޛިޝްކިޔާނެވެ.

އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލާން ފަށާފައި ވަނީ އީރާން ގަޑިން ހެނދުނު 8 ޖެހިއިރުއެވެ. އަދި, އިރުއޮއްސި 6 ޖަހާއިރު ވޯޓުލާ މަރުކަޒުތައް ބަންދު ކުރަން ހަމަޖެހިފައިވީ ނަމަވެސް, މެންދަމު 12 ޖަހަންދެން ވޯޓުލުމުގެ ފުރުޞަތު ދޭނެ ކަމަށް ބެލެވެއެވެ. އިންތިޚާބުގެ ނަތީޖާ އިޢުލާނު ކުރާނީ ޖުލައި 6ވަނަ ދުވަހުއެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލާފައި ވަނީ ވޯޓުލުމުގެ ޙައްޤު ލިބިގެންވާ 61 މިލިޔަން މީހުންގެ ތެރެއިން 40 އިންސައްތަ މީހުން ކަން ފާހަގަ ކޮށްލަން ޖެހެއެވެ. މިއީ, އީރާނުގެ 1979ވަނަ އަހަރު އިސްލާމީ އިންޤިލާބަށް ފަހު އެންމެ މަދު ޢަދަދެއްގެ ބަޔަކު ވޯޓުލުމުގައި ބައިވެރިވި ރިޔާސީ އިންތިޚާބެވެ. އަދި, އެއަށް ފަހު އީރާނުގައި ބޭއްވި ރިޔާސީ އިންތިޚާބެއް ދެވަނަ ބުރަކަށް ދިޔަ ދެވަނަ ފަހަރެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ބަޔެއްގެ ތާޢީދު ލިބިވަޑައިގަތީ ބީޛިޝްކިޔާނަށެވެ. އޭނާއަށް ލިބިވަޑައިގެންނެވީ 42.5 އިންސައްތައެވެ. އޭނާއާ އެންމެ ގާތުން ވާދަ ކުރައްވާފައިވާ ޖަލީލީ ވަނީ 38.6 އިންސައްތަ މީހުންގެ ވޯޓު ކާމިޔާބު ކުރައްވާފައެވެ.

އީރާނުގެ ރައީސް ކަމުގެ މަޤާމަކީ ރަމްޒީ މަޤާމެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ. ސަބަބަކީ, ސިޔާސަތުތައް ކަނޑައެޅުމުގެ އެންމެ ފަހުގެ ނިންމުން ނިންމުމުގެ ބާރު ލިބިވަޑައިގަންނަވަނީ އެ ޤައުމުގެ ރޫހީ އެންމެ މަތީ ވެރިޔާއަށެވެ. ނަމަވެސް, އެ މަޤާމަށް ބޭފުޅުން ޢައްޔަން ކުރުމުގައި ރައީސް ކަމުގެ މަޤާމުގައި ހުންނަވާ ބޭފުޅެއްގެ ދައުރު އޮވެއެވެ. އީރާނުގެ ރޫޙީ އެންމެ މަތީ ވެރިޔާގެ މަޤާމުގައި މި ވަގުތު ހުންނެވީ 85 އަހަރުގެ އާޔަތުالله ޢަލީ އަލް-ޚާމަންޢީއެވެ.

ފަހަކަށް އައިސް އީރާނުގައި ބާއްވާ އިންތިޚާބުތަކުގައި ވޯޓުލާ މީހުންގެ ޢަދަދު މަދުވަމުންދާ ކަން ފާހަގަ ކުރެވެއެވެ. މި ގޮތުން, 2024ވަނަ އަހަރު ބޭއްވި ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލާފައި ވަނީ, ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ތެރެއިން އެންމެ 40 އިންސައްތައެވެ.