ދުނިޔެ

ޔަމަނުގެ މައްސަލާގައި ސުލްހަވުމަށް އަނެއްކާވެސް ގޮވާލައިފި


ޔަމަނުގެ ސުލްޙައިގެ މަޝްވަރާތަކުގެ ބައިވެރިވާ ދެފަރާތުންވެސް އާންމު މަސްލަހަތަށް ވިސްނާ ސުލްޙަވެރި އެއްބަސްވުމަކަށް އައުމަށް އަނެއްކާވެސް އދން ޔަމަނަށް ކަޑައަޅާފައި ހުންނަ މަންދޫބު އިސްމާޢީލް އޫލްދް ޝޭޚް އަޙްމަދު ވިދާޅުވެއްޖެއެވެ.

އޭޕްރިލް މަހުގެ 24ގައި ފެށުނު ޔަމަނުގެ ސުލްހައިގެ މަޝްވަރާތަކާބެހޭ މަޢްލޫމާތު  ހިއްސާކުރަމުން އދއިން ޔަމަނަށް ކަޑައަޅާފައި ހުންނަ މަންދޫބު އިސްމާއިލް އޫލްދް ޝޭޚް އަޙްމަދު ވިދާޅުވީ ޔަމަނުގެ ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރިވާ ދެފަރާތުންވެސް އާންމު މަސްލަހަތައް ވިސްނާ ސުލްހަޤާއިމްކުރުމަށް ވިސްނަންޖެހޭކަމަށެވެ.

img:http://s1.psmnews.mv/images/660x400/14633958573562.jpg|ޔަމަންގެ ކުޑަކުދިންތަކެއް- ފޮޓޯ: ޒިންހުއާ

އިސްމާއިލް މިހެން ވިދާޅުވެފައިވަނީ ކުވައިތުގެ އިންފޮމޭޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ޔަމަނުގެ ސަރުކާރާއި އިދިކޮޅު ހޫތީންނާއި ދެމެދު ކުވެއިތުގައި ކުރިޔަށްދާ މަޝްވަރާތަކުގައި ހިމެނޭ ސިޔާސީ ކޮމިޓީއިން މަޝްވަރާކުރަމުންދަނީ ސަރުކާރުގެ މުއައްސަސާތައް އަލުން ޤާއިމްކުރުމަށްކަމަށާއި، ސެކިއުރިޓީ ކޮމިޓީއިން މަޝްވަރާކުރަމުންދަނީ އަސްކަރީ އޮޕަރޭޝަންތައް ހުއްޓާލާ ހަތިޔާރުތައް އެއްކުރެވޭނެ ސިޔާސަތުތަކެއް ކަޑައެޅުމަށްކަމަށެވެ. އަދި މިއަންނަ ރަމަޟާންމަހުގެ ކުރިން ދެފަރާތުން ހައްޔަރުކޮށްފައިވާ ގައިދީން ދޫކުރުމަށް އެއްބަސްވެވޭނެކަމަށް އުންމީދުކުރާކަމަށެވެ. އަދި ގައިދީންނާއި ގުޅޭ ކޮމިޓީއިން މަސައްކަތްކުރަމުންދަނީ ދާއިމީ ގޮތެއްގައި ގައިދީންގެ މައްސަލަތައް ހައްލުކުރުމަށް ޕްލޭނެއް އެކުލަވާލާ ރަގަޅު ޕްރޮގްރާމެއް ޤާއިމްކުރުމަށްކަމަށެވެ. މިގޮތުން ރަމަޟާންމަހުގެ ކުރިން ގައިދީންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ދޫކޮށްލެވޭނެކަމަށް އުންމީދުކުރައްވާކަމަށް އިސްމާޢީލް ވިދާޅުވިއެވެ. އަދި ޔަމަނުގައި ހަމަލާ ބަދަލްކުރުން ހުއްޓުވުމަށް އެއްބަސްވެފައިވާ އެއްބަސްވުމާއި ދެފަރާތުންވެސް ކޮންމެސް ވަރަކަށް ޚިލާފުވަމުންދާކަމަށް ފާހަގަކޮށް އޭނާ ވަނީ މަޝްވަރާތަކުގައި ބައިވެރިވާ ދެފަރާތަށްވެސް އަސްކަރީ އޮޕަރޭޝަންތައް ހުއްޓާލާ ސުލްހަ ޤާއިމްކުރުމުގެ މުހިންމުކަން ހަނދާންކޮށްދެއްވާފައެވެ. އަދި ޔަމަނުގެ ރައްޔިތުންނާ މެދު ވިސްނާ ސުލްހަ ޤާއިމްކުރުމަށް އިސްކަން ދިނުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

img:http://s2.psmnews.mv/images/660x400/14633959295908.jpg|ޔަމަންގައި ކުރިއަށްދާ ހަނގުރާމައިގައި ދިން ހަމަލާތަކެއްގައި ހަލާކުވެފައިވާ އިމާރާތެއް- ފޮޓޯ: ޒިންހުއާ

އަނެއްކޮޅުން އާދީއްތަ ދުވަހު ޔަމަނުގެ ހަޒްރަމޫތް ސަރަހައްދުގައި އަމިއްލައަށް މަރުވެގެން މީހަކުދިން ހަމަލާއެއްގައި 30 މީހުން މަރުވެ 14އަށް ވުރެ ގިނަ މީހުންވަނީ ޒަޚަމްވެފައެވެ. ޔަމަނުގެ ހަމަނުޖެހުންތަކުގައި މިހާތަނަށް ހަ ހާހަށް ވުރެ ގިނަ ރައްޔިތުން މަރުވެފައިވެއެވެ.

ދެހާސް އެގާރަވަނަ އަހަރު ފެށުނު ހަމަނުޖެހުމުގެ ސަބަބުން ޔަމަނުގެ 2 މިލިއަނަށް ވުރެ ގިނަ މީހުންވަނީ ރައްކާތެރިކަން ހޯދުމަށް އެހެން ސަރަހައްދުތަކަށް ނުވަތަ އަމިއްލަ ޤައުމް ދޫކޮށް ހިޖްރަކޮށްފައެވެ.