ކުޅިވަރު

ވަޒީރު ރާފިޢުގެ އެދުމަކީ އެފްއޭއެމް ހަރުދަނާވުން


އުއްމީދަކީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މައްސަލަ އަވަހަށް ހައްލުވެ، ހަރުދަނާ ތަނަކަށް އެތަން ވެގެންދިޔުން ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ރާފިޢު ވިދާޅުވީ ފުޓްބޯޅައި ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށެވެ. އަދި ފުޓްބޯޅައަށް އެންމެ މުހިއްމު ކަމަކީ އެސޯސިއޭޝަން ހަރުދަނާކުރުން ކަމަށާއި، ހަރުދަނާ ކުރަން އެސޯސިއޭޝަނާއި ގުޅުންހުރި މައި އިދާރާ (ފީފާ) އިންވެސް މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް އެނގިފައިވާ ކަމަށެވެ.

"
އެބޭފުޅުންވެސް ދިވެހިރާއްޖެއަށް އައިސް އަޅުގަނޑުމެންނާ ބައްދަލުކޮށް، ހުރި އުނދަގޫތަކާއި ހުރި މައްސަލަތަކާއި މެދު ވަރަށް ބޮޑަށް ވާހަކަ ދެކެވުނު
ޢަބްދުﷲ ރާފިޢު- ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު

ފީފާގެ އެންގުމާއި އެއްގޮތަށް މިހާރު އިންތިޚާބު ފަސްކުރެވިއްޖެ ކަމަށާއި ދެންވެސް ފުޓްބޯޅައާއި މެދު ގޮތް ނިންމާނީ ފީފާއިން އަންގާ ގޮތެއްގެ މަތިންކަމަށް ރާފިޢު ވިދާޅުވިއެވެ.

ކުޅިވަރަށް އެންމެ ބޮޑު އެއްބާރުލުމެއް ދެވޭނީ އެސޯސިއޭޝަންތަކުން ކަމަށާއި، އެސޯސިއޭޝަންތަކުގެ އެއްބާރުލުމެއް ނެތި ކުޅިވަރު ކުރިނޭރުވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިހާތަނަށް ވަރަށް ގިނަ ބިންތަކެއް އެސޯސިއޭޝަންތަކުގެ ދަށުގައިވާކަން ފާހަގަކުރައްވަމުން ރާފިޢު ވިދާޅުވީ އެފްއޭއެމުގެ ބެލުމުގެ ދަށުގައި ވެސް ވަރަށް ގިނަ ބިންތަކެއް ވާކަމަށެވެ. އެތަންތަން އެންމެ އެކަށީގެންވާ ގޮތެއްގައި ބޭނުންކުރެވޭނީ އެސޯސިއޭޝަންތައް ހަރުދަނާ ގޮތެއްގައި ހިންގިގެން ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ވެޓަރަންސް ކުޅުންތެރިންނާއި ވަރަށް ފަހުން ބައްދަލުވެ ދެކެވުނު ވާހަކައިގެ ތެރެއިން އެ ކުޅުންތެރިންގެ ފޯރިޔާއި ޖޯޝު ހުރިވަރު އެނގިގެން ހިނގައްޖެ ކަމަށާއި އެފްއޭއެމް ހަރަކާތްތެރިވާން ފެށުމުން ފުޓުބޯޅަ ރަނގަޅުވެގެންދާނެ ކަމަށެވެ.

ފީފާއިން ވަނީ ދާދިފަހުން ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ބައްސާމް 9 މަސްދުވަހަށް ސަސްޕެންޑުކޮށްފައެވެ. އަދި އެއިދާރާއިން އަންގާ ގޮތެއްގެ މަތިން ހިންގުން ޖެނެރަލް ސެކްރެޓަރީ ޖައުޝަން އާއި ވަނީ ހަވާލުކޮށްފައެވެ.