ޚަބަރު

ރާއްޖޭގައި 25 ދާއިރާއެއްގައި ބިދޭސީން ވިޔަފާރި ކުރުން މަނާ


  • ބިދޭސީން ރާއްޖޭގައި ވިޔަފާރިކުރުން މަނާ ދާއިރާތަކުގެ ތެރޭގައި 25 ދާއިރާއެއް ހިމެނޭ

  • ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ރައީސްގެ ވަޢުދުފުޅެއް

  • ބިދޭސީންގެ މައްސަލަތައް 3 އަހަރުގެތެރޭގައި ހައްލުކުރުމަކީ ސަރުކާރުގެ އަމާޒެއް

ރާއްޖޭގައި ބިދޭސީން ވިޔަފާރި ކުރުން މަނާ ދާއިރާތައް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އާއްމު ކުރައްވައިފިއެވެ.

އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވުޒާރާއިން އާއްމު ކުރައްވާފައިވާ ބިދޭސީން ރާއްޖޭގައި ވިޔަފާރިކުރުން މަނާ ދާއިރާތަކުގެ ތެރޭގައި 25 ދާއިރާއެއް ހިމެނެއެވެ.

ބިދޭސީން ދިވެހިރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާތައް

* ރީޓެއިލް ޓްރޭޑް (އޮންލައިން ވިޔަފާރިވެސް ހިމެނޭގޮތަށް)
* ހޯލްސޭލް ޓްރޭޑް - އިމާރާތްކުރުމަށް ބޭނުންވާ މުދާފިޔަައި
* ޑޮމެސްޓިކް ލޮޖިސްޓިކްސްގެ މަސައްކަތް
* ޕޯސްޓަލް އަދި ކުރިއަރ ސަރވިސަސް
* ކާބޯތަކެތި ވިއްކުމުގެ ޚިދުމަތް (ކެފޭ، ރެސްޓޯރެންޓް އަދި ބޭކަރީ ހިންގުން)
* ތަކެތި ކުއްޔަށް ދިނުމުގެ ވިޔަފާރިތައް (އިމާރާތް ކުރުމަށް ބޭނުންކުރާ ބޮޑެތި މެޝިނަރީ ފަދަ ތަކެތި ހިމެނޭ ގޮތަށް)
* އެމްޕްލޯއިމަންޓް އޭޖެންސީ އަދި ވަޒީފާތަކަށް މީހުން ހޯދުމުގެ ޚިދުމަތް
* ޓްރެވަލް އޭޖެންސީ، ޓުއަރ އޮޕަރޭޓަރސް، ރިޒަވޭޝަން އަދި މިކަމާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް
* ލޭންޑްސްކޭޕިން މަސައްކަތް
* ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި ޤައުމުގެ ދިފާއީ ބާރުތަކާއި ގުޅުންހުރި މަސައްކަތްތައް
* ޖެނެރަލް ޓިއުޝަން ކްލާސް އަދި ޤުރުއާން ކްލާސް ހިންގުން
* ޖެނެރަލް ކްލނިކް ހިންގުމުގެ މަސައްކަތް
* ކޮމްޕިއުޓަރު، އާންމު މުދާ އަދި ގޭތެރޭގައި ބޭނުންކުރާ މުދާ މަރާމާތު ކުރުމުގެ މަސައްކަތް
* ޕްރޮގްރާމިން އަދި ބްރޯޑްކާސްޓިން މަސައްކަތް
* ޤާނޫނީ ވަކީލުންގެ ޚިދުމަތް
* ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީގެ މަސައްކަތް
* ޕިކްނިކް އައިލެންންޑް ތަރައްޤީކުރުމާއި ހިންގުން
* ވިޔަފާރި އުސޫލުން އެއްގަމު އުޅަނދު ދުއްވުން
* ސުވެނިއަރ އަދި އަތްތެރި މަސައްކަތުން ތަކެތި އުފައްދައި ވިއްކުން
* ރަބަރު އަދި ޕްލާސްޓިކް ތަކެތި އުފެއްދުން
* ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ތަކެތި އުފެއްދުމާއި ވިއްކުން
* ލަކުޑިން ތަކެތި އުފެއްދުން ( ފަރުނީޗަރު ފިޔަވައި)
* މައިނިންގ އެންޑް ކޮރީންގްގެ މަސައްކަތް
* މައިނިންގ އޮފް ސޭންޑް
* ފޮރެސްޓްރީ

ރާއްޖޭގައި ގިނަ އަދަދަކަށް ބިދޭސީން މަސައްކަތު މީހުން ހަރަކާތްތެރިވަމުން އަންނައިރު މީގެ ތެރޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ގިނަކަން ފާހަގަކޮށްލެވެއެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެގޮތުން ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ވަނީ ޚާއްސަ އޮޕަރޭޝަނެއް ހިންގާފައެވެ. މިއޮޕަރޭޝަންގެ ތެރެއިން ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. ހިފަހައްޓާފައިވާ ބިދޭސީންގެ ތެރޭގައި ސައްހަ ހުއްދަ ނެތި އަދި ހުއްދަ ދޫކުރެވިފައިވާ މަސައްކަތުގެ ބޭރުން އަމިއްލައަށް ވިޔަފާރި ކުރާ ފަރާތްތަކެއް ދެނެގަނެވިފައިވާކަމަށް ކޮންޓްރޯލަރ އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދުވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން މި ފަރާތްތައް ރާއްޖެއިން ޑީޕޯރޓްކޮށް ފޮނުވާލެވޭނެކަމަށެވެ.

ސަރުކާރުގެ ޢަމާޒަކީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ މިއޮޕަރޭޝަން ކުރިއަށް އޮތް 1 އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާކޮށް، ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނައުމެވެ. އަދި ބިދޭސީންގެ މައްސަލަތައް 3 އަހަރުގެތެރޭގައި ހައްލުކުރުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.