ޚަބަރު

ޙިޒްބުاللهގެ ވަރުގަދަ ޙަމަލާތަކާ އެކު ޔަހޫދީންނަށް އިންޒާރުގެ ރަނގަބީލު


ލުބްނާންގެ ޙިޒްބުالله ޖަމާޢަތުން ގިނަ ޢަދަދެއްގެ ރޮކެޓާއި ޑްރޯން ބޭނުންކޮށް ޔަހޫދީންގެ ރަށްތަކަށް ވަރުގަދަ އަދި ނުރައްކާތެރި ޙަމަލާތަކެއް ދީފިއެވެ. ޔަހޫދީ ފައުޖުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ޙިޒްބުاللهން ޙަމަލާދޭން ފެށުމާ އެކު, ޔަހޫދީންގެ ރަށްތަކުގައި އިންޒާރުގެ ރަނގަބީލު ޖަހަން ފެށިއެވެ. އަދި, އެ ޙަމަލާތަކުން ރައްކާތެރި ވާން އެ ރަށްރަށުގައި ތިބި ޔަހޫދީންނާއި ސިފައިން ތެޅިގަތެވެ.

ޙިޒްބުاللهއާއި ޔަހޫދީ ފައުޖާ ދެމެދު ކޮންމެ ދުވަހަކު ޙަމަލާ ބަދަލު ކުރަން ފެށީ, 2023 އޮކްޓޫބަރު 7ގައި ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނާ ގުޅިގެންނެވެ. މިއީ, ޔަހޫދީންގެ ގަތުލުއާންމުތައް ހުއްޓުވަން ބާރު އެޅުމުގެ ގޮތުން ޙިޒްބުاللهން ދެމުންދާ ޙަމަލާތަކެކެވެ. ނަމަވެސް, ދެ ފަރާތުގެ ދެމެދުގައި ބަދަލު ކުރަމުންދާ ޙަމަލާތައް އިތުރުވެ, ހަނގުރާމައަކަށް ބަދަލުވެދާނެ ކަމުގެ އިޝާރާތްތައް މިހާރު ދަނީ ފެންނަމުންނެވެ.

ޔަހޫދީންނާއި ލުބްނާނާ ދެމެދު ބޮޑު ހަނގުރާމައެއް ފެށުމަކީ އެ ދެ ޤައުމުން ވެސް ބޭނުންވާ ކަމެއް ނޫނެވެ. އަދި, ޙިޒްބުاللهއާއި ޔަހޫދީ ފައުޖާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތައް އިތުރުވިޔަ ނުދީ, ހަނގުރާމައެއް ފެށުމުގެ ފުރުޞަތު ހަނި ކުރުމަށް ޚާރިޖީ ގޮތުން ދަނީ މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތުގައި އެމެރިކާއިން ވެސް ބައިވެރިވެއެވެ.

ޔަހޫދީ ފައުޖުގެ އަސްކަރީ މަރުކަޒުތަކާއި ސިފައިންނަށް ޙިޒްބުاللهން ވަރުގަދަ ޙަމަލާތަކެއް އަމާޒު ކޮށްފައި މި ވަނީ, ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާއެއްގައި އެ ޖަމާޢަތުގެ އިސް ކޮމާންޑަރެއް ޝަހީދު ކޮށްލުމުން, އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ. ޔަހޫދީ ފައުޖުން ޝަހީދު ކޮށްލާފައި ވަނީ މުޙައްމަދު ނަޢީމަތު ނާޞިރެވެ. އެއީ, ޣައްޒާ ޢުދުވާން ފެށި ފަހުން ޔަހޫދީ ފައުޖުން ޝަހީދު ކޮށްލާފައިވާ ޙިޒްބުاللهގެ އެންމެ އިސް އެއް ކޮމާންޑަރެވެ.

ޔަހޫދީ ފައުޖަށް ޙަމަލާ ދޭން ޙިޒްބުاللهން 200އަށްވުރެ ގިނަ ރޮކެޓާއި ގިނަ ޢަދަދެއްގެ ޑްރޯން ބޭނުން ކުރިއެވެ. އަދި, ޔަހޫދީ ފައުޖުގެ 10 އަސްކަރީ މަރުކަޒަކަށް ޙަމަލާތައް އަމާޒުކޮށްފައިވެއެވެ. ޔަހޫދީންގެ ރަށްތަކަށް އަމާޒުކޮށް ޙަމަލާ ދޭން ޙިޒްބުاللهން 200އެއްހާ ހަތިޔާރު ބޭނުން ކޮށްފައިވާ ކަން ޔަހޫދީ ފައުޖުން ވެސް ކަށަވަރު ކޮށްދެއެވެ.

އޭގެ ތެރެއިން ގިނަ ރޮކެޓާއި ޑްރޯން ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައި ޔަހޫދީ ފައުޖުން ބުންޏެވެ. މި ޙަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަން ސާފެއް ނޫނެވެ. ނަމަވެސް, ޑްރޯންތައް ވެއްޓި ބައެއް ސަރަޙައްދުތަކުގައި އަލިފާނުގެ ހާދިސާތައް ހިނގި ކަން ޔަހޫދީ ފައުޖުން ކަށަވަރު ކޮށްދެއެވެ.

މި ޙަމަލާތަކާ ގުޅިގެން ޔަހޫދީ ފައުޖުން ވެސް ވަނީ ލުބްނާންގެ ވެރިރަށް ބެއިރޫތުގެ އިތުރުން ދެކުނުގައި އޮންނަ ރަށްތަކަށް އަސްކަރީ މަތިންދާބޯޓުތައް ފޮނުވައި, މުސްލިމުންނަށް ބިރު ދެއްކުމުގެ އަމަލުތައް ހިންގާފައެވެ. އަދި, ލުބްނާންގެ ދެކުނުގައި އޮންނަ ރާމިއްޔާއާއި ޙޫލާއަށް ވައިގެ ޙަމަލާތަކެއް ދީފައެވެ. މި ކަމާ ގުޅިގެން ޙިޒްބުاللهގެ އިސް އޮފިޝަލެއް ކަމުގައިވާ ހާޝިމް ޞަފީއްދީން ވިދާޅުވީ ޔަހޫދީންގެ އިތުރު ރަށްތަކަށް ޙަމަލާތައް ފުޅާ ކުރަން އެ ޖަމާޢަތުން ތައްޔާރުވަމުންދާ ކަމުގައެވެ.

ޙިޒްބުاللهއާއި ޔަހޫދީ ފައުޖާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތަކުގެ ތެރެއިން ޔަހޫދީ ފައުޖުން ވަނީ ލުބްނާންގެ 300އެއްހާ މީހުން ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި ޙިޒްބުاللهގެ ހަނގުރާމަވެރިންގެ އިތުރުން ލުބްނާން ޢާންމު ރައްޔިތުންގެ ތެރެއިން 90އަށްވުރެ ގިނަ މީހުން ހިމެނެއެވެ. އެ ކަމުގެ ބަދަލުގައި ޙިޒްބުاللهން ވެސް ވަނީ ޔަހޫދީ ފައުޖުގެ 18 ސިފައިންނާއި ޔަހޫދީ ޢާންމުންގެ 10 މީހުން މަރައިލާފައެވެ.